އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޙާއްސަ އެދިވަޑައިގަތުމަކަށް، ބެލަރުސްގެ ޖަލުގައި ބަންދުކޮށްފައިތިބި ޤައިދީންތަކެއް އެ ޤައުމުގެ ސަރުކާރުން މިނިވަންކޮށްފިއެވެ.
އެ ޤައިދީންތަކަކީ "ރަހީނުން"ގެ ގޮތުގައި ސިފަކުރައްވައި، ޓްރަމްޕް ވަނީ އެ މީހުން ދޫކޮށްލުމަށް ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިންއާ ގާތްގުޅުމެއް އޮންނަ ބެލަރުސްގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯއަށް އިލްތިމާސްކުރައްވައިފައެވެ.
ޓްރަމްޕްގެ އެ އެދިވަޑައިގަތުމުގެ މަތިން، ބެލަރުސުން ވަނީ 52 ޤައިދީން މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި ވިލާތުގެ ޤައުމުތަކުގެ އިއްތިހާދު، އީޔޫގެ މުވައްޒަފަކުވެސް ހިމެނެއެވެ.
އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑެންގެ ވެރިކަމުގައި ބެލަރުސް ވަރަށް ބޮޑަށް އެކަހެރިކޮށްލާފައި އޮތުމަށްފަހު، ރައީސްކަމުގެ ދެވަނަ ދަޢުރަކަށް ވަޑައިގެން، ޓްރަމްޕް ވަނީ ބެލަރުސާއެކު ގުޅުން އަލުން އިއާދަކުރުމުގެ ޙާއްސަ މަސައްކަތްތަކެއް ކުރައްވައިފައެވެ.
މިގޮތުން، އެމެރިކާ ސަރުކާރުގެ އިސް ވަފުދުތައް ވެސް ވަނީ މި އަހަރުގެ ތެރޭގައި ބެލަރުސަށް ގިނަ ދަތުރުތަކެއް ވެސް ކުރައްވައިފައެވެ.
ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ، ޤައިދީންތައް މިނިވަންކުރުމުގެ ބަދަލެއްގެ ގޮތުން، ބެލަރުސްގެ ޤައުމީ އެއާލައިނާ ދެކޮޅަށް މިހާރު އަޅާފައިވާ ދަތިކުރުމުގެ ބައެއް ފިޔަވަޅުތައް ލުއިކޮށް، ބޮއިންގ މަރުކާގެ އައު މަތިންދާބޯޓު ގަތުމާއި މިހާރު ހުރި މަތިންދާބޯޓުތައް މަރާމާތުކުރުމަށް ބޭނުންވާ ސާމާނު ގަތުމުގެ ފުރުޞަތު ދޭން ނިންމާފައިވާ ކަމަށެވެ.
ނަމަވެސް، ލުކަޝެންކޯގެ 30 އަހަރުގެ ދިގު ވެރިކަމުގައި 1،300 އަށް ވުރެ ގިނަ ޤައިދީން ސިޔާސީ އެކި ދަޢުވާތަކުގައި ބަންދުކޮށްފައިތިބި ކަމަށް ވިދާޅުވެ، ޓްރަމްޕް ގެންދަވަނީ އެ އެންމެން މިނިވަންކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.
ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަނެ، ހަނގުރާމަ ފެށުމަށް ބެލަރުސްގެ ސަރަޙައްދުތައް ބޭނުންކުރުމުގެ ފުރުޞަތު ދިނުމުން ވިލާތުގެ ގިނަ ޤައުމުތަކުގެ ނުރުހުން ލުކަޝެންކޯއަށް ވަނީ އަމާޒުވެފައެވެ. ބެލަރުސްގެ ސަރަޙައްދު ހުރަސްކޮށް ޔޫކްރެއިނަށް ޙަމަލާދިނުމުގެ ފުރުޞަތު ރަޝިޔާއަށް ދިންނަމަވެސް، އެ ހަނގުރާމައިގައި ބެލަރުސުން ޢަމަލީ ގޮތުން ބައިވެރިވެފައެއް ނުވެއެވެ.