ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޢުރުދުންނާ ގުޅުވައިދޭ ހަމައެކަނި މަގު ކަމުގައިވާ ކިންގ ޙުސައިން ބްރިޖު ބަންދުކޮށްފިއެވެ. ޔަހޫދީން މި މަގު ބަންދުކޮށްފައި ވަނީ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހު، ޢުރުދުނުން އެހީގެ ސާމާނު ހިފައިގެން ހުޅަނގު އައްސޭރިއަށް އައި ލޮރީއެއްގައި ހުރި މީހަކު އެ ސަރަޙައްދުގައި ހުރި ބަޔަކަށް ބަޑީގެ ޙަމަލާއެއްދީ ޔަހޫދީންގެ ދެ މީހުން މަރައިލުމާ ގުޅިގެންނެވެ.
ކިންގ ޙުސައިން ބްރިޖު ބަންދުކޮށްފައި ވަނީ ކިހައި މުއްދަތަކަށް ކަމެއް ޔަހޫދީން ހާމަކޮށްފައެއް ނުވެއެވެ. ވަކި ގޮތެއް އަންގަންދެން އެ މަގު ބަންދުވާނެ ކަމަށް ޔަހޫދީން ބަނީ ބުނެފައެވެ.
މީގެ އިތުރުން ޔަހޫދީ ދައުލަތާއި އުރުދުންނާ ގުޅުވައިދޭ ދެ މަގަކަށް ވެސް ޙަމަލާގެ ސަބަބުން އަސަރުކޮށްފައިވެއެވެ. އެ ގޮތުން އުތުރުގައި އޮންނަ މަޢްބަރު ނަހްރުލް އުރުދުން މަގު ޔަހޫދީން ބަންދުކޮށްފައިވާއިރު، ވާދިން ޢަރަބާ މަގު ހުރަސްކުރެވެނީ ހަމައެކަނި މަސައްކަތްތެރިންނަށެވެ.
ކިންގ ޙުސައިން ބުރިޖަށް ދީފައިވާ ޙަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ. ވިޔަފާރިއަށް ވެސް މުހިންމު މި މަގަކީ ހުޅަނގު އައްސޭރީގައި ދިރިއުޅޭ ތިން މިލިޔަނަށްވުރެ ގިނަ ފަލަސްޠީނުގެ ރައްޔިތުންނަށް ޢުރުދުންނަށް ދެވޭ އަދި ދުނިޔޭގެ އެހެން ސަރަޙައްދުތަކަށް ދަތުރުކުރުމަށް ހުޅަނގު އައްސޭރިން ބޭރުވެވޭ ހަމައެކަނި މަގު ވެސް މެއެވެ.