ޚަބަރު

މަޑިފުށީގެ އިހްތިޞާޞްގައި ހިމެނި އުފުރިޔާއާއި ކޮޅުފުށިން އިޤްތިޞާދީ މަންފާހޯދައިދޭން އެހީތެރިވާނަން: ރައީސް


  • ރައީސް ވަނީ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންދަވާނެކަން ހާމަކުރައްވާފައި

  • 5 މަޝްރޫޢުއެއް އިފްތިތާޙުކޮށްފަވޭ

މަޑިފުށީގެ އިޙްތިޞާސުގައި ތ.އުފުރިޔާއާއި ތ. ކޮޅުފުށި ހިމެނިގެން ދިއުމަކީ، ރަށަށް ދެމެހެއްޓެނިވި ތަރައްޤީއާއި އިޤްތިޞާދީ ގިނަ ކުރިއެރުންތަކެއް ގެނެވޭނެ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ރަށްރަށަށް ވެވަޑައިގެންނެވި ކޮންމެ ވަޢުދަކީ، އެކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަމާއެކު ވެވަޑައިގެންވާ ވަޢުދުތައްކަމަށެވެ. އެގޮތުން ރަށްތަކަށް އެންމެ މުހިންމު މަސައްކަތްތަކަށް އިސްކަންދޭ ތަރުތީބުން މަސައްކަތްތައް ކުރިއަށްގެންދާކަމަށް ވިދާޅުވިއެވެ.

މިއަދު ފެނިގެންދަނީ މަޑިފުއްޓަށް ވެފައިވާ ވަޢުދުތައް ފުއްދައިދިނުމުގެ މަސައްކަތްތައް ފެށިގެންދާތަންކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން މަޑިފުށީގެ އިޙްތިޞާސުގައި ދެ ރަށް ހިމަނައިދިނުމުގެ މަސައްކަތަކީ، ރަށަށް ކުރިމަގުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިދޭނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މި ޖަލްސާގެ ތެރެއިން ވަނީ އެ ދެރަށް ހަވާލުކުރިކުރިކަމުގެ ލިޔުން މަޑިފުށި ކައުންސިލަށް އަރުވާފައެވެ. ރައީސް ވިދާޅުވީ އެ 2 ރަށް ބޭނުންކޮށްގެން ކައުންސިލުން ނަފާ ހޯދުމަށް ކުރާ މަސައްކަތުގައި ސަރުކާރުން ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށެވެ.

"މި ދެރަށް މިހާރު މިއޮތީ ކައުންސިލްގެ ނަމަށް ލިޔެވިފަ، ދެމެހެއްޓެނިވި ތަރައްޤީއާއި ގިނަ ކުރިއެރުންތަކެއް ރަށަށް ގެންނާނެ. އެކަން ރަސްމީކޮށް ގެޒެޓުކޮށްފަ އެވަނީ މިހާރު. ރަސްމީކޮށް ރަށުގެ ބައެއް އެއީ. ރަށަށް ތަރައްޤީގެ މަސައްކަތްތައް ފަށައިގަންނަންވީ މިހާރު." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން މަޑިފުށީގައި މިފެށުނު މަގު ހެދުމުގެ މަޝްރޫޢާއި، ސިއްޙީ މަރުކަޒު އެކްސްޓެންޝަން އިމާރާތުގެ މަސައްކަތާއި ސްކޫލްގެ މަސައްކަތަކީ ޢުމްރާނީގޮތުން ރަށަށް ދިމާވެފަވާ އެތަށް މައްސަލަތަކަކަށް ޙައްލު ލިބޭނެ މަޝްރޫޢުތަކެއްކަމަށާއި، މީގެ ބައެއް ކަންކަމަކީ ކުޑަ މަސައްކަތެއްގެ ގޮތުގައި ބައެއް ފަރާތްތަކަށް ހީވިނަމަވެސް އޭޓީއެމްފަދަ ޚިދުމަތްތަކަކީ އޭގެ ފައިދާ އެތައް ގޮތަކުން ރައްޔިތުންނަށް ކުރާނެ ކަންކަން ކަމަށެވެ.

މަޑިފުށީގައި ތަރައްޤީކުރަން ފަށާފަވާ އައިސް ޕްލާންޓްގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތްކުރަމުންދާކަމަށާއި މިއީ ބޭރުގެ އެހީގައި ކުރިއަށްދާ މަސައްކަތަކަށްވާތީ، ބައެއް ލަސްތައް ކުރިމަތިވިނަމަވެސް އެ މަސައްކަތްވެސް އަވަސްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލު ގެނެސްދިނުމަށް، އަންނަ އަހަރު މަޑީފުށީގައި ޚާއްސަ މަޝްރޫޢުއެއް ހިންގަވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

"50 ޔުނިޓްގެ މަސައްކަތް އަންނަ އަހަރު ފަށާނަން. 50 އާއިލާއަށް މި ބޯހިޔާވަހިކަން ހަމަޖެހެނީ. ރަށުން ނިންމަންވީ، އަމިއްލަ މީހުންގެ ގޯތީގަތޯ، ނޫނީ ރަށުގެ ވަކި ސަރަޙައްދެއްގައި ކުރިއަށްގެންދާނީތޯ. މިއީ ރައްޔިތުންނަށް ކުޑަ އަގެއްގައި ދޫކުރާ ޔުނިޓްތަކެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވާނެކަމަށެވެ. އަދި އެއިން ކޮންމެ މަސައްކަތަކީ ލިޔެވި، ވަރަށް ރަނގަޅަށް ބެލެހެއްޓިގެން ކުރިއަށްދާ މަސައްކަތެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.