ޚަބަރު

ޤައުމީ އޮޕަރޭޝަންގައި މިއަދުއެކަނިވެސް 80އަށްވުރެ ގިނަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެދަށަށް!


  • ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށްފައިވޭ

  • 932 ބިދޭސީން ޗެކްކުރެވިފައިވޭ

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިހާރު ފަށާފައިވާ ޤައުމީ އޮޕަރޭޝަންގެ ތެރެއިން މިއަދު އެކަނިވެސް 80އަށްވުރެ ގިނަ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤައުމީ ފެންވަރުގެ އޮޕަރޭޝަނެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރަން ބިދޭސީންނަށް އެހީވާ ދިވެހިންވެސް ހޯދައި ތަޙުޤީޤުކޮށް ފިޔަވަޅު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަނާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އިމިގްރޭޝަންގެ އެންފޯސްމެންޓް ޑިވިޝަން ޑެޕިއުޓީ ހެޑް މުޙައްމަދު ޖުނޭދު ވިދާޅުވީ، މި އޮޕަރޭޝަންގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުންކަމަށެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޖުނޭދު ވިދާޅުވީ، މި އޮފަރޭޝަންގައި މާލޭގެ ބޮޑު ސަރަހައްދެއް ބަލައި ފާސްކުރެވިގެންދާނެކަމަށެވެ.

"މިއަދުގެ އޮޕަރޭޝަންގައި އަޅުގަނޑުމެން މާލޭގެ ވަރަށް ބޮޑު ބައެއް ކަވަރ ކުރާނެ. 25 ޒޯނު އަޅުގަނޑުމެން ކަވަރ ކުރާނެ. އަޅުގަނޑުމެން ބަލާފަ މިހުރީ އާންމުކޮށް މިހާރުވެސް ބޭރުމީހުން އަމިއްލައަށް ވިޔަފާރި ހިންގާ ދިމާތައް ބަލާފަ އެތަންތަނަށް ހާއްސަކޮށް. ގާތްގަނޑަކަށް މާލޭގެ ހަބައި ކޮށްފަ އެއްބައި ކަވަރ ކުރެވޭނެކަމަށް މި ބެލެވެނީ" އެންފޯސްމެންޓް ޑިވިޝަންގެ ޑެޕިއުޓީ ހެޑް މުޙައްމަދު ޖުނޭދު ވިދާޅުވިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މޯލްޑިވްސް އިމިގްރޭޝަންގެ ޗީފް އިމިގްރޭޝަން އޮފިސަރ އަޙުމަދު މުޖުތަބާ ވިދާޅުވީ، މިއީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވޭ ދެވަނައަށް އެންމެ ބޮޑު ރެއިޑް އޮޕަރޭޝަންކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ 160 އޮފިސަރުންގެ އިތުރުން 66 ފުލުހުން ބައިވެރިވެފައިވާކަމަށެވެ.

"މި ރެއިޑު ބޮޑުކަމަށް ފާހަގަކުރެވޭ އެއްކަމަކީ އަޅުގަނޑުމެން މީގެ ކުރިން ބޭއްވި ރެއިޑްތަކަކީ އިންސްޕެކްޝަންތައް. އެފަހަރު އަޅުގަނޑުމެން ނަގާފައިވާނީ މިސިން މީހުން އެކަނި. އެކަމަކު މިއަދު އަޅުގަނޑުމެން ޤަވައިދާ ޚިލާފަށް އުޅޭ އަދި ވިޔަފާރިކުރާ ބިދޭސީން ބެލުމުގެ ދަށަށް ގެންދާނެ." ޗީފް އިމިގްރޭޝަން އޮފިސަރ އަޙުމަދު މުޖުތަބާ ވިދާޅުވިއެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް ކުރިއަށް ގެންދިޔަ ބޮޑު ރެއިޑުގައި 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކުރެވިފައިވާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ. މީގެތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށާއި، ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ވަނީ ކަމާގުޅުންހުރި އިދާރާތަކާއި ހިއްސާކުރެވިފައިވާކަމަށްވެސް އެއިދާރާއިން ވިދާޅުވިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ އަދުގެ ސަރުކާރުން ފަށްޓަވާފައިވާ ވަރަށް ޚާއްސަ މަސައްކަތެކެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ގަވާއިދާ ޚިލާފަށް ބިދޭސީ މަސައްކަތްތެރިންނާ މެދު ޢަމަލުކުރާ ފަރާތްތަކަށްވެސް ފިޔަވަޅު އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.