ޚަބަރު

ކަލްކަތާއަށް ރެކޯޑް މިންވަރެއްގެ ވާރޭ، 12 މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއް


އިންޑިޔާގެ ހުޅަނގު ބަންގާލް ސްޓޭޓުގެ ވެރިރަށް ކަލްކަތާގައި ރެކޯޑު މިންވަރަކަށް ވާރޭވެހި، ގިނަ ސަރަޙައްދުތަކުގައި ފެންބޮޑުވެ، މިހާތަނަށް 12 މީހުން މަރުވެފައިވާކަމަށް އެ ސްޓޭޓުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.

އިންޑިޔާގެ މޫސުމާބެހޭ އިދާރާއިން ބުނީ، އިއްޔެ އެކަނިވެސް 251.6 މިލިމީޓަރުގެ ވާރެ ވެހިފައިވާ ކަމަށާއި، މިއީ 1988 ވަނަ އަހަރުގެ ފަހުން މި މިންވަރަށް ވާރެ ވެހުނު ފުރަތަމަ ފަހަރު ކަމަށެވެ.

ކަލްކަތާގެ ގިނަ ސަރަހައްދުތަކުގެ މަގުތަކުގައި ފެންބޮޑުވެ، ދަތުރުފަތުރަށް ވެސް ބުރޫއަރައި، އެތައް ބަޔަކު ވަނީ ތާށިވެފައެވެ.

ފުލުހުން ބުނީ، ކަލްކަތާގައި ގިނަ މީހުން މަރުވެފައިވަނީ ކަރަންޓުގައި ޖެހިގެން ކަމަށެވެ. ހިންދޫން ފާހަގަކުރާ ދީނީ ހަރަކާތަކަށް ތައްޔާރުވަނިކޮށް، މޫސުން ގޯސްވެ، ޕަބްލިކް ޓްރާންސްޕޯޓުގެ އިތުރުން ބައެއް ފްލައިޓުތައް ވެސް ވަނީ ކެންސަލްކުރަންޖެހިފައެވެ.

ޕަމްޕުތައް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރަމުންދާއިރު، ސްކޫލްތަކާއި ކޮލެޖުތައް ވަނީ މިއަދާއި މަދާމާ ވެސް ބަންދުކޮށްފައެވެ.

އެ ސަރަހައްދުގައި މޫސުން ކުރިއަށް އޮތް ދެ ދުވަހު ވެސް ގޯސްވާނެކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކުރެއެވެ.