ޚަބަރު

ތައިވާނަށް ބޮޑެތި ގެއްލުންތަކެއް ދިނުމަށްފަހު މި އަހަރު އުފެދުނު އެންމެ ބާރުގަދަ ތޫފާނު ޗައިނާއަށް


މި އަހަރުގެ މިހާތަނަށް އުފެދުނު އެންމެ ބާރުގަދަ ތޫފާނު "ރަގާސަ" ޗައިނާގެ ދެކުނުގެ ޔަންޖިއަންއަށް އަރަައިފިއެވެ.

ޗައިނާގެ ދެކުނަށް މި ތޫފާނުގެ މިސްރާބު އެނބުރިފައިވަނީ، ޓައިވަނާށައި ހޮންގ ކޮންގއަށް ބޮޑެތި ގެއްލުންތައް ދިނުމަށްފަހުއެވެ. ގަދަވަޔާއެކު ބޯކޮށްވާރެ ވެހި ލިބުނު ގެއްލުންތަކުގައި ޓައިވާނުގައި 17 މީހުން ވަނީ މަރުވެފައެވެ.

އަދި ބޯކޮށްވާރެ ވެހި، ކޯރެއް ބަންޑުންވެގެން އިތުރު 17 މީހަކު ވަނީ ގެއްލިފައެވެ. ކެޓަގަރީ ފަހެއްގެ ދަރަޖައިގެ މި ތޫފާނު ވަނީ ހޮންގ ކޮންގއަށް ވެސް ބޮޑެތި ގެއްލުންތައް ދީފައެވެ.

މި ތޫފާނާ ގުޅިގެން 90 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބިގެން ހޮސްޕިޓަލުތަކުގައި ފަރުވާދޭންޖެހުނު ކަމަށާއި، އަދި ސަރުކާރުން ޤާއިމުކޮށްފައިވާ ވަގުތީ ހިޔާތަކުގައި 800 އަށް ވުރެ ގިނަ މީހުން ހިމާޔަތް ހޯދާފައިވާކަމަށް ހޮންގ ކޮންގގެ ކަމާގުޅޭ އިދާރާތަކުން ބުނެފައިވެއެވެ.

މޫސުމާބެހޭ އިދާރާތަކުން ބުނާ ގޮތުގައި، އެ ތޫފާނުގެ މިސްރާބު މިހާރު ހުރީ ޗައިނާގެ ގިނަ އަދަދަކަށް ތެޔޮ ކާރުޚާނާތައް ހުންނަ މަޔޯމިންއަށެވެ.

ގުއާންޑޮން ސަރަޙައްދުގައި ރާޅުތަކުގެ އުސްމިން ނުވަ ފޫޓަށް އުފުލޭނެކަމަށް އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. މި ތޫފާނު މިސްރާބު ޖަހާފައި ހުރި ޗައިނާގެ ދެކުނު އައްސޭރިފަށުގެ ސަހަރުތަކުގައި 50 މިލިއަނެއްހާ މީހުން ދިރިއުޅެވެ.

އެންމެ ނާޒުކު ސަރަހައްދުތަކުން މިހާރު ވެސް ދެ މިލިއަނަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ޙާލަތުގައި ބޭނުންކުރާ އާލަތްތަކާއެކު ކަމާގުޅޭ އިދާރާތައް ތައްޔާރީ ޙާލަތުގައި ތިބިކަމަށް ޗައިނާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.