މީގެ ކުރީގެ ސަރުކާރުތަކުން ހަމައެކަނި ސޯޝަލް ހައުސިންއަށް އިސްކަންދީފައި އޮތްނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ގިންތިއެއްގެ މީހުންނަށްވެސް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުންކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމްގެ ދަށުން ލޯނު ލިބޭ ފަރާތްތަކަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ސޯޝަލް ހައުސިންއަށް އެކަނި އިސްކަން ދިނުމުގެ ނަތީޖާއަކަށްވީ ބޭންކް މެދުވެރިކޮށް ތަންތަން ގަނެވޭނެ ފަދަ ތަނަވަސްކަން ހުރި ފަރާތްތަކުންވެސް ބޯހިޔާވަހިކަން ހޯދުމަށް ސޯޝަލް ހައުސިންނާ ދިމާލަށް ދާންޖެހުންކަމަށެވެ. އަދި އެކަމުގެ ސަބަބުން އަތްފޯރާ އަގުގައި ގަންނަން ލިބެން ހުންނަ އެޕާޓްމަންޓްތައް މަދުވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ހުރިހާ ގިންތިއެއްގެ މީހުން ސޯޝަލް ހައުސިން ޕްރޮގްރާމްތަކަށް ހުށަހެޅުމަށް މަޖުބޫރުވުމުން ސޯޝަލް ހައުސިން މަޝްރޫއުގެ އަސްލު މަޤްޞަދު ހާސިލްކުރުމަށް އެކި ގޮންޖެހުންތައް ސަރުކާރުތަކަށް ކުރިމަތިވިކަަމަށެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ ކޮންމެ ދިވެއްސަކަށްވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ސަރުކާރުން ފޯރުކޮށްދެވޭ އެހީތެރިކަން ފޯރުކޮށްދިގެން ވީހާވެސް އަވަހަކަށް އެކަން ހާސިލްކޮށްދިނުމަށް މަގުފަހިކޮށްދިނުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
" ބޯހިޔާވަހިކަމުގެ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ފަރާތްތަކަށްވެސް ހުރިހާ ގިންތިއަކަށްވެސް އެފަރާތްތަކުގެ އާމްދަނީއާ ހާލަތަށް ބަލައި ބޯހިޔާވަހިކަމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން. ބޮޑު އާމްދަނީ ލިބޭ ފަރާތްތަކަށް ލަކްޝަރީ އެޕާޓްމަންޓް ގަތުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން. މެދު ފަންތީގެ އާޢިލާތަކަށް އެފޯޑަބަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ފުރުޞަތު ހޯދައިދިނުން. އަމިއްލަ ގޯތީގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ފަރާތްތަކަށް ލޯނު ލިބޭނެ މަގު ފަހިކޮށްދިނުން. އާމްދަނީގެ ގޮތުން އަމިއްލައަށް ތަނެއް ގަތުމަށް ނުވަތަ ލޯނު ނެގުމަށް ތަނަވަސްކަން ނެތް ފަރާތްތަކަށް ސަރުކާރުން ސޯޝަލް ހައުސިން އިމާރާތްކުރުމަށްފަހު ދޫކުރުން" އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވިއެވެ.
ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްއަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ މި ޕްރޮގްރާމްއަކީ ބޭންކުންތަކުން ކޮމާޝަލް އުޞޫލުން %9އާއި%12 ދެމެދުގައި ދެމުން އަންނަ ލޯނުތައް ސަރުކާރުން ސަބްސިޑައިޒްކޮށް %5 އިންސައްތައަށް ކުޑަކޮށްފައިވާ ސްކީމެއްކަމަށެވެ. އަދި %20 މަތިން ނަގަމުން އައި އިކުއިޑިޓީގެ މިންވަރު ކުޑަކޮށްފައިވާކަމަށާއި ޕްރޮފިޓް ރޭޓް ކުޑަކުރެވިފައިވަނީ ސަރުކާރުން ސަބްސިޑައިޒް ކުރާ އުޞޫލްގެ ދަށުންކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި ލޯނު ނަގާ ފަރާތުން ދައްކަން ޖެހޭ އިކުއިޓީ ދަށްކުރެވިފައިވަނީ ސަރުކާރުން ގެރެންޓީއެއް ދޭ އުޞޫލުންކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްއަކީ ހައުސިން އެކްސެސިބިލިޓީ ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތުގައި ކުރިއަށް އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމަށާއި މި ލޯނު ގިނަބަޔަކަށް ލިބޭނެކަމަށެވެ. މި ޕްރޮގްރާމްގައި ހިމެނޭ ސްކީމްތަކަށް އެދި 2000އަށްވުރެ ގިނަ އެޕްލިކޭޝަން ލިބުނު އިރު 81 އެޕްލިކޭޝަނެއް ޝަރުތު ހަމަނުވާކަމަށް ވަނީ ކަނޑައަަޅާފައެވެ. އަދި 710 ފަރާތަކަށް ކިޔުންތައް ހުށަހެޅުމުގެ ފުރުޞަތު ވަނީ ދީފައެވެ.
ވަޒީރު ވިދާޅުވީ މިއަހަރު މި ޕްރޮގްރާމްގެ ތަޖުރިބާއަށް ބެލުމަށްފަހު އަންނަ އަހަރު ގެންނަން ޖެހޭ ބަދަލުތައް ގެނެސް އަލުން ސްކީމް އިޢުލާން ކުރާނެކަމަށެވެ. ސަރުކާރުގެ އަމާޒަކީ ލޯނު ދެއްކޭ ޢާމްދަނީއެއް ލިބޭ ފަރާތްތަކަށް ހެޔޮ އަގުގައި ފަސޭހައިން ލޯނު ލިބޭ މަގުފަހިކޮށްދީގެން އަމިއްލަ ގޯތީގައި އިމާރާތް ކުރެވޭނެ ގޮތް ތަނަވަސްކޮށްދިނުންކަމަށެވެ.