ޚަބަރު

75 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ދޭނީ 76 ޕޮއިންޓު ލިބުނު މީހުންނަށް ދިނުމަށްފަހު!


  • ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވަނީ ނަންބަރުތަކުން ތަފްސީލު ދެއްވާފައި

  • ދެމަފިރިންނަށްވެސް ފްލެޓު ދީފައިވާ މައްސަލަތަކެއް

ގެދޮރުވެރިޔާ ސްކީމްގައި މަތިން މާކްސް ލިބިގައިވާ ބައެއް ފަރާތްތަކުގެ ގުރުއަތު ނުނަގައި އޭގެ ދަށުން މާކްސް ލިބުނު ބައެއް ފަރާތްތަކުގެ ގުރުއަތު ނަގައި ފްލެޓު ނަންބަރު ކަނޑައަޅާފައި އޮތްކަމަށް ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ގެދޮރުވެރިޔާ ސްކީމްގައި 76 މާކްސް ލިބި، 3 ކޮޓަރި ލިބޭނެކަން ޔަގީންވެފައިވާ 330 މީހުންގެ ގުރުއަތު ނުނަގައި، 75 މާކްސް ލިބުނު 315 މީހުންގެ ގުރުއަތު ނަގައި ފްލެޓް ނަންބަރު ކަނޑައަޅާފަައި އޮތްކަން ވަނީ ހާމަވެފައެވެ. ވަޒީރު ވިދާޅުވީ މިކަން އިސްލާހުކޮށް، ފުރަތަމަ 3 ކޮޓަރީގެ އެޕާޓްމަންޓް ދޫކުރާނީ 76 މާކްސް ލިބިފަވާ މީހުންނަށްކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގައި ހިމެނެނީ 3 ކޮޓަރީގެ 2800 ފްލެޓާއި 2 ކޮޓަރީގެ 1200 ފްލެޓެވެ.

3 ކޮޓަރީގެ ފްލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން 76އިން މަތިން މާކްސް ލިބުނު މީހުންނަކީ ފްލެޓް ލިބިފައިވާކަން ޔަގީން މީހުންކަމަށް 15 ނޮވެމްބަރު 2023ގައި އިއުލާނުކޮށްފައިވެއެވެ. އަދި 75 މާކްސް ލިބުނު މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅާނީ ގުރުއަތު ނަގައިގެންކަމަށްވެސް އޭރު އިއުލާންކޮށްފައިވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ 76އިން މަތިން މާކްސް ލިބުނު 2830 މީހުން ހިމެނޭކަމަށެވެ. މީގެތެރެއިން ފްލެޓްގެ ނަންބަރު ކަނޑައަޅާފަވަނީ 2408 މީހުންގެކަމަށާއި، މީގެތެރޭގައި 97 (194 އެޕްލިކަންޓް) ދެމަފިރިން ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ. 3 ކޮޓަރީގެ އެޕާޓްމަންޓް ލިބުނު މީހުންގެތެރެއިން 422 މީހުންގެ ގުރުއަތު ނަގާފައި ނުވާކަމަށާއި، އެމީހުންނަށް ލިބޭ ފްލެޓް ކަނޑައަޅާފައިވެސް ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

75 މާކްސް ލިބުނު މީހުންގެތެރޭގައި 891 މީހުން ހިމެނޭއިރު، ގުރުއަތުލާ ލިބޭ ފްލެޓް ކަނޑައަޅާފަވަނީ 315 މީހުންގެކަމަށާއި، 576 މީހުންނަށް ލިބޭ ފްލެޓްގެ ނަންބަރު ކަނޑައަޅާފަނުވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ލިސްޓުގައި ހިމެނޭ 97 ދެމަފިރިންގެތެރެއިން، 53 ދެމަފިރިއަކަށް ލިބޭ ފްލެޓްގެ ނަންބަރު ކަނޑައަޅާފައިވެއެވެ. ނަމަވެސް ބާކީ ހިމެނޭ 43 ދެމަފިރިންނަށް ލިބޭ ފްލެޓް ނަންބަރު ކަނޑައަޅާފައެއް ނެތެވެ. ވަޒީރު ވިދާޅުވީ 1 ދެމަފިރިއަކަށް، 2 މީހުންނަށްވެސް ފްލެޓް ދޭން ހިމަނާފައި އެބައޮތްކަމަށެވެ.

ވަޒީރު ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވީ 3 ކޮޓަރީގެ ފްލެޓު ލިބޭ މީހުންގެތެރެއިން، 76 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑަނާޅައި، 75 މާކްސްގެ މީހުންނަށް ފްލެޓް ނަންބަރު ކަނޑައަޅާފަވުންކަމަށެވެ. އެގޮތުން 3 ކޮޓަރި ލިބޭ މީހުންގެތެރެއިން، 76 މާކްސްއިން މަތިން ފްލެޓް ލިބުނު މީހުންގެ ތެރެއިން 330 މީހުންނަށް ލިބޭ ފްލެޓް ކަނޑައަޅައި ގުރުއަތު ނަގާފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 75 މާކްސް ލިބުނު 315 މީހުންނަށް ފްލެޓް ދޭން ގުރުއަތު ނަގަފައި އެބައޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި ފަރާތްތަކުގެ ގުރުއަތު ނަގައި، އެއްބަސްވުންވެސް ހަދައި ސޮއިކޮށްފައި އޮތްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މިކަން ޙައްލުކުރުމުގެގޮތުން، މިހާރު ނިންމާފަ މިވަނީ 76 މާކްސް ލިބުނު މީހުންނަށް ފްލެޓް ކަނޑައަޅައި ނިންމުމަށްފަހު، 75 ގެ މާސްކްގެ މީހުންނަށް ފްލެޓް ކަނޑައެޅުމަށްކަމަށެވެ. ނަމަވެސް އެ އަދަދަށް 3 ކޮޓަރީގެ ފްލެޓު ނެތުމުގެ ސަބަބަން، އެ ފަރާތްތަކަށް 2 ކޮޓަރީގެ ޔުނިޓުތައް ލިބޭގޮތަށް ފުރުޞަތު އެބައޮތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"75 މާކްސް ލިބި ފްލެޓް ލިބުނު އެންމެންގެ އަތުން ނަގާ، 76 މާސްގެ 330 މީހުންނަށް ފުރަތަމަ އެލޮކޭޝަން ހެދީ. ދެން ބާކީ ހިމެނޭ 3 ރޫމް ފްލެޓްތައް ދީފަ، ބައެއް މީހުންނަށް 2 ކޯޓަރީގެ ޔުނިޓް ދޭންޖެހޭނީ. އެހެންވީ 75 މާސްކްގެ މީހުންނަށް 3 ރޫމް ނުވަތަ 2 ރޫމް، މި ދެބައިން ކޮންމެވެސް އެއް ބަޔަކުން ފްލެޓް ދެވޭނެ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ފްލެޓް ލިސްޓަށް ބަދަލު ނުގެންނަކަމަށާއި ލިސްޓުން އުނިވަމުންދަނީ އަސާސީ ޝަރުތުތައް ހަމަނުވާ މީހުންކަމަށެވެ. ވަޒީރު ވިދާޅުވީ މި ލިސްޓަށް އެއްވެސް މީހަކު އިތުރުކޮށްފަ ނުވާނެކަމަށެވެ.

"15 ނޮވެމްބަރު 2023ގައި ނެރުނު 4039 މީހުންގެ ލިސްޓަށް އެއްވެސް މީހަކު އިރުކޮށްފައެއް ނުވާނެ. އުނިކޮށްފަވަނީ އަސާސީ ޝަރުތު ހަމަނުވާ، އަދި ކޯޓު މަރުޚަލާއަކަށް ދާންހިއްޖެނަމަ އެކަން ސާބިތުކުރެވޭނެ މީހުން. ލިސްޓުގައި ނުހިމެނޭ މީހަކު، ކިތަންމެ ބައިވަރު ފައިސާއެއް ދިނަސް އެކަން ނުކުރާނަން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ކަސްޠޓަމްސްއަށް 100 ފްލެޓް ދިނުމަށް، ގުރުއަތު ނަގާ ނިންމާފަވާކަމަށެވެ. އެގޮތުން ހިމެނެނީ 3 ކޮޓަރީގެ 82 ފްލެޓާ، 2 ކޮޓަރީގެ 12 ފްލެޓެވެ.