ޚަބަރު

ށ.ފީވަކުގައި 3 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފި


  • 3 ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ މަސައްކަތްވަނީ ފަށާފައި

  • ފުލުހުންގެ މަރުކަޒުގެ ބިންގާވެސް ވަނީ އަޅާފައި

ށ.ފީވަކުގައި 3 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

ވަކިވަކިން ބޭއްވި 3 ރަސްމިއްޔާތެއްގައި މި މަޝްރޫޢުތައް ފައްޓަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފީވަކަށް ކުރެއްވި ދަތުރުފުޅުގެތެރެއިންނެވެ.

ފީވަކުގައި ފެށި މަޝްރޫޢުތަކުގެ ތެރެއިން 3 ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ.

މިމަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ. މިމަޝްރޫޢުގެ ދަށުން 6997 އަކަފޫޓުގެ ސަރަޙައްދެއްގައި، 19 ކްލާސް ރޫމް ހިމެނޭ 3 ފަންގިފިލާގެ އިމާރާތެއް އަޅާނެއެވެ. އަދި އޮފީސް އިމާރާތެއްގެ އިތުރުން، 2 ފަންގިފިލާގެ މަލްޓިޕަރޕަސް ހޯލާއި ސެކިއުރިޓީ ރޫމެއްވެސް މިމަސައްކަތުގެ ތެރޭގައި ހިމަނައިގެން އިމާރާތްކުރާނެއެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ 59 މިލިޔަން ރުފިޔާއަށް 18 މަސްދުވަހުން ނިންމާގޮތަށެވެ.

ފޯކައިދޫ ފުލުހުންގެ އިދާރާގެ އައު އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. މި މަސައްކަތުގެތެރޭގައި ފުލުހުންގެ މަރުކަޒުގެ އިމާރާތާއި ސެލް ބްލޮކް އާއި ވެހިކަލް ޕާކިން އޭރިއާ ތަރައްޤީކުރާނެއެވެ.

މީގެއިތުރުން އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އެޅުމަށް، އެއިމާރާތުގެ ބިންގާވެސް މިއަދު ވަނީ އަޅާފައެވެ. ބިންގާ އަޅުއްވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އިބްރާޙިމް ރާފިޢުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.