ޚަބަރު

ޕޭޕަލް ޚިދުމަތާއެކު ރާއްޖޭގެ ޑިޖިޓަލް އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް އަންނާނެ


  • ޕޭޕަލް ޚިދުމަތް ރާއްޖެ ގެނައުމަށް ސަރުކާރުން ގިނަ މަޝްވަރާތަކެއް ބާއްވާފައިވޭ

  • އުރީދޫއިން އަންނަ އަހަރު ޕޭޕަލް ޚިދުމަތް ތަޢާރަފް ކުރަން ދަނީ މަސައްކަތް ކުރަމުން

ޓެކްނޮލޮޖީއާއެކު ދުނިޔެއަށް އަންނަ ކުރިއެރުންތަކާއެކު ވިޔަފާރި ކުރާ ގޮތާއި އެކި ޙިދުމަތްތައް ފޯރުކޮށްދޭ ގޮތްތައް މިއަދު ވަނީ ޑިޖިޓަލައިޒްވެފައެވެ. ޑިޖިޓަލައިޒޭޝަންގެ ތެރެއިން އައި ކުރިއެރުންތަކާއެކު އެކި ޚިދުމަތްތަކާއި ވިޔަފާރިތަކަށް ފައިސާ ދެއްކުމުގައި ނަގުދު ފައިސާ ބޭނުންކުރުމުގައި މިއަދު ގިނަ ރައްޔިތުންނާއި ވިޔަފާރިވެރިން ބޭނުންކުރަނީ އީ ވޮލެޓްފަދަ އޮންލައިން އެކި ވަސީލަތްތަކާއި، އަދި އެ ނޫންވެސް ޑިޖިޓަލް އެކި ޕްލެޓްފޯމްތަކެވެ.

އީކޮމާސް ވެބްސައިޓުތައް ތަޢާރަފްވެ، އެ ވެބްސައިޓުތައް ބޭނުންކުރާ އެތައް ދިވެހިންނެއް އުޅޭކަން ހަމައެކަނި ބޭންކު އޮފް މޯލްޑިވްސް މެދުވެރިކޮށް ކުރާ މުޢާމަލާތްތަކަށް ބެލިނަމަވެސް ހާމަވެއެވެ. ރާއްޖެއިން ބޭރުގެ އެކި ވެބްސައިޓުތަކުން ވިޔަފާރިކުރުމުގެ ފުރުސަތު ދިވެހިންނަށް ފަހިވެފައި އޮތްނަމަވެސް، އޮންލައިން ޕްލެޓްފޯމްތަކުގައި ވިޔަފާރިކޮށްގެން އާމްދަނީ ހޯދުމަށް އޮތް ފުރުސަތު ވަރަށް ކުޑައެވެ. އެއީ އޮންލައިން ގިނަ ޕްލެޓްފޯމްތަކުގައި ފައިސާގެ މުޢާމަލާތްތައް ހިންގުމަށް ބޭނުންކުރާ އެކި ޕޭމަންޓް ގޭޓްވޭތައް ރާއްޖޭގައި ބޭނުންނުރެވޭތީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމަތާއި ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިޤްތިޞާދު ޑިޖިޓަލައިޒޭޝަނާއި ދިމާލަށް ގެންގޮސްދިނުމުގެ ވަޢުދާއެކުއެވެ. އެ ވަޢުދުގެ ދަށުން ޕޭޕަލްއާއި ގޫގުލްޕޭފަދަ އީވޯލެޓްތައް ތަޢާރަފްކޮށް ފަސޭހައިން ފައިސާގެ މުޢާމަލާތް ކުރެވޭގޮތް ހެދުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ޕޭޕަލްފަދަ ޚިދުމަތް ރާއްޖެއަށް ނުލިބި އޮތީ އެކަމަށް އެކަށީގެންވާ މަސައްކަތެއް ކުރީ ސަރުކާރުތަކުގައި ނުކުރެވި އޮތުމުންނެވެ. އެހެންކަމުން މިމަސައްކަތުގެ ދަށުން ދުނިޔޭގައި އެންމެ ގިނަ ބަޔަކު ބޭނުންކުރާ އެއް އީވޮލެޓްކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްކުރުމުގެ މަޝްވަރާތައް ރައީސް މުޢިއްޒުގެ ސަރުކާރުން މިދިޔަ އަހަރު ވަނީ ޕޭޕަލްއާއެކު ފަށާފައެވެ.

ސަރުކާރުން ކުރެއްވި މަސައްކަތާއެކު އުރީދޫގެ އެމްފައިސާ ވޮލެޓް މެދުވެރިކަށް ދިވެހިންނަށް ޕޭޕަލްގެ ޚިދުމަތް ތަޢާރަފްކުރުމުގެ މަސައްކަތް މިހާރު ވަނީ ފައްޓަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވާ ގޮތުގައި އުރީދޫއާ ގުޅިގެން ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފްވެގެން މިދަނީ ސަރުކާރުން އެކަމުގައި ވަރަށް ބޮޑު މަސައްކަތްތަކެއް ކޮށްގެނެވެ.

"ނޫސްތަކުން، މިއަދު ފެނިވަޑައިގަންނަވާނެ މީގެތެރެއިން ޕޭޕަލްގެ ވާހަކަ. އެއީ، އަޅުގަނޑު ވަޢުދުވީ ވަރަށް މުހިންމު ވަޢުދެއް. ސަރުކާރުން މިދިޔަ ދެ އަހަރެއްހާ ދުވަހު މިދިޔައީ، އެއްކަލަހެން ބިހައިންޑް ކްލޯސް ޑޯރގައި ވަރަށް ގިނަ މަސައްކަތް، އިކޮނޮމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ ގުޅިގެން ކުރަމުން. މިއަދު އެވަނީ ރާއްޖެއަށް ޕޭޕަލް ޚިދުމަތް ގެނައުމަށްޓަކައި، ޕޭޕަލްގެ ފަރާތުން، ގަޠަރުގެ އުރީދޫ ފިންޓެކް މެދުވެރިކޮށް، މި ޚިދުމަތް ރާއްޖެއަށް ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިކަން އިޢުލާނުކޮށްފައި. އެހެންވީމާ، އެ ބޭފުޅުންގެ ފަރާތުން މިކަން ކުރިއަށްދާއިރުގައި އަޅުގަނޑުމެންނަށް ވަރަށް އުންމީދު އެބައޮތް މާލަސްތަކެއްނުވެ، މި އަންނަ އަހަރުގެ ތެރޭގައި، ވީހާވެސް އަވަހަކަށް އެ ޚިދުމަތް، ޕޭޕަލް ލިބިގެންދާނެ" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕޭޕަލްފަދަ ޚިދުމަތްތައް ރާއްޖެއަށް ތަޢާރަފް ކުރުމުގައި ސަރުކާރަށް އޮތް ދައުރަކީ އެފަދަ ޚިދުމަތްތައް ރާއްޖެއައުމަށް ހުރި ހުރަސްތައް ނައްތާލާ އެކަމަށް މަގުފަހިކޮށްދިނުމެވެ. އެގޮތުން އުރީދޫގެ ފިންޓެކް ކުންފުންޏަށް ބޭރުން ފައިސާ ގެނައުމުގެ ހުއްދަ ނުވަތަ އިންވާޑް ރެމިޓެންސް ހުއްދަ އެމްއެމްއޭއިން މިހާރު ވަނީ ދޫކޮށްފައެވެ. މި ހުއްދަ ލިބުމާއެކު މިކަމުގެ ޓެސްޓިން މަރުހަލާތައް ފަށައި، މި ޚިދުމަތް ތަޢާރަފްކުރުމަށް ޢަމަލީގޮތުން ވަނީ މަސައްކަތް ފަށާފައެވެ.

ޕޭޕަލްގެ ޙިދުމަތާއެކު ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ބޭރުގެ ބާޒާރުތަކުގައި މާކެޓްކޮށްގެން، އޭގެއިން އާމްދަނީ ހޯދުމަށް ވަރަށް ފަހި ފުރުސަތެއް ހުޅުވިގެންދާނެއެވެ. ވިޔަފާރި އުފެއްދުންތަކުގެ އިތުރުން، ރާއްޖޭގެ ކޮންޓެންޓް ކްރީއެޓަރުންނާއި ޑިޖިޓަލް އެކި ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކަށްވެސް ރާއްޖެއިންް ބޭރަށް ވިޔަފާރި ފުޅާކޮށް، އެ މަސައްކަތްތަކުން ލިބޭ އާމްދަނީ އިތުުރުކުރުމަށްވެސް މަގުފަހިވެގެންދާނެއެވެ.

ޕޭޕަލްގެ ހިދުމަތާއެކު ރާއްޖޭގެ އިޤްތިޞާދަށް އަންނާނެ ކުރިއެރުން އެންމެ ރަނގަޅަށް ފެނިގެންދާނީ އަންނަ އަހަރު މި ޚިދުމަތް ރާއްޖެއަށް ތަޢާރަފްވާ ހިސާބުންނެވެ. މި މަސައްކަތުގެ ބިންގާ އެޅިގެން ގޮސްފައިވާއިރު، މިއީ ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާއި އެއްގޮތަށް 2030 ވަނަ އަހަރު އަންނަންވާއިރަށް ޑިޖިޓަލް އިޤްތިޞާދަކީ، ޤައުމުގެ އިޤްތިޞާދުގެ 15 އިންސައްތައަށް ހެއްދެވުމުގެ ވަޢުދު ފުއްދަވައި، އޭގެ މަންފާ ރައްޔިތުންނަށް ލިބުމަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.