ދިގު މުއްދަތަކަށް ޞުލްޙަވުމަށް ތައްޔާރަށް އޮތް ނަމަވެސް ހަތިޔާރު ބެހެއްޓުމަށް ތައްޔާރު ނޫން ކަމުގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. ޙަމާސްގެ ސިޔާސީ ގޮފީގެ އިސް އޮފިޝަލެއް ކަމުގައިވާ މުޙައްމަދު ނައްޛާލް ވިދާޅުވީ ޣައްޒާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ދެމިއޮތުމަށް އެ ޖަމާޢަތުން ބޭނުންވާ ކަމުގައެވެ. ނަމަވެސް، ހަތިޔާރު ބެހެއްޓުމަށް ޙަމާސުން އިންކާރު ކުރަމުން ދިޔުމަކީ ޞުލްޙައަށް އޮތް ހުރަހެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރެއެވެ.
ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު ދެ އަހަރު ދުވަހަށް ފަހު ހުއްޓުމަކަށް ގެނެސްފައި ވަނީ އޮކްޓޫބަރު 9ވަނަ ދުވަހުއެވެ. އެއްބަސްވުން އެކުލަވައިލުމުގައި ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. އެ ކަމުގައި، ޤަޠަރާއި މިޞްރުގެ އިތުރުން ޢަރަބި އަދި އިސްލާމީ ދުނިޔޭގެ ބައެއް ޤައުމުތަކުން ބައިވެރިވިއެވެ. ޙަމާސުން ހަތިޔާރު ބެހެއްޓުމަކީ ޓްރަމްޕްގެ ހުށަހެޅުއްވުމުގެ މައިގަނޑު ޝަރުޠެކެވެ.
ޙަމާސްގެ އިސް އޮފިޝަލެއް ކަމުގައިވާ ނައްޛާލް ވިދާޅުވީ ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދުގެ ދަށުން ހިންގާ އަސްކަރީ ހަރަކާތްތައް ފަސް އަހަރު ދުވަހުގެ މުއްދަތަކަށް މެދުކަނޑައިލުމަށް އެ ޖަމާޢަތުން ތައްޔާރު ކަމުގައެވެ. އަދި، އެ މުއްދަތުގެ ތެރޭގައި ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށާއި، ދިގު މުއްދަތަކަށް ޞުލްޙަވުމަށް އެއްބަސްވާނީ ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމު ކުރުމުގެ އުންމީދުގެ މައްޗަަށް ބިނާކޮށް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވަނީ، ޔަހޫދީންގެ ޤަތުލުޢާންމު ހިންގުމުގައި އެހީތެރިކަން ދީފައިވާ މީހުންނާއި، ޔަހޫދީންނާ ބައިވެރިވެފައިވާ ޣައްޒާގެ ރައްޔިތުން ހޯދައި، އެ މީހުންނަށް އަދަބު ދިނުމަށް ޙަމާސުން ހިންގަމުންދާ އޮޕަރޭޝަން ދިފާޢު ކުރައްވާފައެވެ. އޭގެ ތެރެއިން ޔަހޫދީންނާ ބައިވެރިވުމުގެ ކުށުގެ ދަޢުވާ ސާބިތުވެފައިވާ ބައެއް މީހުންނަށް ޙަމާސުން ވަނީ މަރުގެ އަދަބު ދީފައެވެ. އޭނާ ވިދާޅުވީ، މަރުގެ އަދަބު ދީފައި ވަނީ ޣައްޒާގެ ޢާންމު ރައްޔިތުން ޝަހީދު ކުރުމުގެ ދަޢުވާ ސާބިތުވެފައިވާ މީހުން ކަމަށާއި، މިއީ ހަނގުރާމައިގެ މައިދާނެއްގައި އަމަލު ކުރުން އެންމެ އެކަށޭނަ ގޮތް ކަމުގައެވެ.
ޙަމާސުން މީގެ ކުރިން ވެސް މި މޭރުމުން ބުނެފައިވެއެވެ. ނަމަވެސް، މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، ހަތިޔާރު ބެހެއްޓުމަށް ޙަމާސުން މި ދަނޑިވަޅުގައި އިންކާރު ކުރުމަކީ ދާއިމީ ގޮތުން ސުލްޙަ ޤާއިމު ކުރުމުގެ މަޤްޞަދުގައި ޓްރަމްޕް ފަށްޓަވާފައިވާ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ ނިންމުމެކެވެ. ޚާއްޞަ ގޮތެއްގައި، މިއީ ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާގެ ކުރީކޮޅު ކަން އެ ފަރާތްތަކުން ފާހަގަ ކުރެއެވެ.
ޙަމާސުން ހަތިޔާރު ބެހެއްޓުމާ ގުޅޭ ގޮތުން އިތުރު މަޝްވަރާތައް ކުރުމަށް މިިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، ޓްރަމްޕްގެ ޝަރުޠުތަކާއި ޙަމާސުން ބޭނުންވާ ގޮތާ ދެމެދު ބޮޑެތި ފުށުއެރުންތަކެއް އެބަހުއްޓެވެ. އަދި، ޤަތުލުޢާންމަށް ފަހު ޣައްޒާގެ އިދާރީ ހިންގުން ބައްޓަން ކުރާނެ ގޮތަކާ މެދު ވެސް ދެ ފަރާތުގެ ދެމެދުގައި ޚިޔާލުތަފާތުވުންތަކެއް އެބައޮތެވެ. ހަތިޔާރު ބެހެއްޓުމަށް އިންކާރު ކުރާ ފަދަ މޭރުމަކުން ނައްޛާލް ވާހަކަފުޅު ދެއްކެވުމުން ޒަޔަނިސްޓު އިސްރާއީލުން ވަނީ ޙަމާސުން އެއްބަސްވުމާ ޚިލާފަށް އަމަލު ކުރަމުންދާ ކަމަށް ތުހުމަތު ކޮށްފައެވެ.
ޣައްޒާ ޤަތުލުޢާންމު ނިމުމަކަށް ގެނެސްފައި ވަނީ 68,000އަށްވުރެ މީހުން ޝަހީދު ކޮށްލުމަށް ފަހުއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންގެ އިތުރުން ހިނގާބިނގާވެ ނޫޅެވޭ ވަރުގެ އުމޫރުންނެވެ. ސުންނާފަތި ކޮށްލާފައިވާ ޣައްޒާގެ އިމާރާތްތަކުގެ ދަށުގައި ޝަހީދު ކޮށްލާފައިވާ އިތުރު 10,000އެއްހާ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމަށް ބެލެވޭ ކަމުގައި ޣައްޒާގެ އިދާރާތަކުން ބުނެއެވެ. އަދި، ޔަހޫދީންގެ ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 158,000އަށް އުފުލިފައެވެ.