އަންނަ ޑިސެމްބަރުމަހު 40 ރަށެއްގައި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ފަށަން ތަައްޔާރުވަމުން އަންނަކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މި ސަރުކާރު އައިއިރު ރާއްޖޭގައި ފުލުހުންގެ އަމިއްލަ މަރުކަޒުތައް ޤާއިމްކޮށްގެން ޚިދުމަތް ފޯރުކޮށްދެމުން އައި ގާތްގަޑަކަށް 20 ރަށުގައިކަމަށެވެ. އަދި އެހެން ރަށްތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން ދިޔަނަމަވެސް އެ ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ އެކަށީގެންވާ ތަންތަނުގައި ނޫންކަމަށާއި، އޭގެ ސަބަބުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތް އެންމެ ރަނގަޅަށް ފޯރުކޮށްނުދެވޭކަމަށް ވަޒީރު ވިދާޅުވިއެވެ.
ފުލުހުންގެ ޚިދުމަތަކީ ވަކި ގޮތަކަށްދޭ ޚިދުމަތެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ފުލުހުންގެ މަރުކަޒުގައި ވަޞީލަތްތައް ނެތުމާއި ޚިދުމަތް ލިބިގަންނަން އަންނަ ފަރާތްތަކާއި ޤާނޫނާއި ޤަވައިދާއި ޚިލާފު ވެގެން ގެންނަ މީހުންނަށް ބައިތިއްބާނެ ޖާގަތަކެއް ނެތްކަމަށެވެ.
ވަޒީރު ވިދާޅުވީ މި ހުރިހާ ކަންކަމަކަށް ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ނިންމެވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން ފުލުހުންގެ ޚިދުމަތް ޤާއިމްކުރުމާއެކު، ފުލުހުންގެ ޢަމިއްލަ އިމާރާތްތައް ތަރައްްީކުރުމުގެ މަސައްކަތް ފެއްޓެވުމަށްކަމަށެވެ.
މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ތެރެއިން އިސްކަންދީފައިވާ ތަރުތީބުން މިހާތަނަށް 56 ރަށުގައި ފުލުހުންގެ މަރުކަޒު ތަަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި ޑިސެމްބަރުމަހު އިތުރު 40 ރަށުގައި ފުލުހުންގެ މަރުކަޒުތައް ތަރައްޤީކުރުމަށް ތައްޔާރުވަމުންދާކަމަށް ދާޚިލީ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
" ރައީސްގެ ވިސަން އަކީ ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ފުލުހުންގެ ޚިދުމަތެއް ފޯރުކޮށްދިނުން. މިގޮތަށް ޚިދުމަތް ދެމުން އަންނައިރު ކުށްތައް ހިނގުމުގެ ކުރިން ފުލުހުން އެކަމަކާ އެންގޭޖްވެ ކުށުގެ މާހައުލު ނައްތާލުމަށް މަސައްކަތް ކުރާނެ. އަދި މުޖުތަމަޢުގެ ތެރޭގައި ފުލުހުން ބޭނުންކޮށްގެން އެއްބައިވަންތަކަން ޤާއިމްކުރުމަށް މަސައްކަތް ކުރަމުންދާނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތް އެކި ދާއިރާތަކުން ފޮރުކޮށްދެމުން އަންނައިރު ގަވައިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަންއަށް ދޭންޖެހޭ އެހީތެރިކަންވެސް ދެމުން އަންނަކަމަށެވެ. އަދި ކުށުގެ މާހައުލުގެ ތެރޭގައި ތުއްތު ކުދިން ގެންގުޅުން ހުއްޓުވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ މިފަދަ މަސައްކަތްތައް ފުރިހަމައަށް ކުރުމަށްޓަކައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ މުހިއްމު ކަމެއްކަމަށެވެ.