ޚަބަރު

"ފަތުރުވެރިންގެ އުންމީދުތަކަށް އަންނަ ބަދަލުތަކަށް ސަމާލުވުން މުހިންމު"


  • މިއީ ސަރަހައްދީ ފަތުރުވެރިކަމުގެ އިސް ސަފުގައި ރާއްޖެއިން އަދާކުރާ ދައުރު ރަމްޒުކޮށްދޭ ކަމެއް

  • މިދަނޑިވަޅުގައި ސިނާޢަތުގެ ދެމެހެއްޓެނިވިކަމާއި، ގޮންޖެހުންތަކުން އަރައިގަތުމަށް މަޝްވަރާކުރި

މެދުއިރުމަތީގެ ހަމަނުޖެހުމާއެކު ފަތުރުވެރިންގެ އުންމީދުތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްކަމަށް ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވެއްޖެއެވެ.

ޝިއުރީ މިހެން ވިދާޅުވީ ރިޕަބްލިކް އޮފް ކޮރެއާގެ ގްޔޮންގްޖޫގައި ކުރިއަށްދިޔަ ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އެނުއަލް ސަމިޓް 2026 ގެ ތެރެއިން، ބޭއްވުނު އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާގައި ޕާޓާގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެ ވާހަކަ ދައްކަވަމުންނެވެ.

ޝިއުރީ ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމުތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި މިއީ ވަރަށް މުހިންމު މަޢުލޫމާތުތަކެއް ބަދަލުކުރެވުނު ބައްދަލުވުމެއްކަމަށެވެ. ދުނިޔޭގެ ހަމަޖެހުމަކީ ފަތުރުވެރިކަމާއި ދަތުރުފަތުރުގެ ނިޒާމަށް ސީދާ އަސަރުކުރާ ކަމަކަށްވާއިރު، މިދަނޑިވަޅުގައި ސިނާޢަތުގެ ދެމެހެއްޓެނިވިކަމާއި، ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމުގެ ޤާބިލުކަމާއި، އަދި ފަތުރުވެރިންގެ އުންމީދުތަކަށް އަންނަ ބަދަލުތަކަށް ސަމާލުކަން ދިނުމަކީ ކުރިއަށްވުރެ މާމުހިންމު ކަމެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

އޭޖީއެމްގެ ތެރެއިން ބަދަލުކުރެވުނު ޚިޔާލުތަކަކީ "ވިޒިޓް މޯލްޑިވްސް" އިން މަންޒިލް މާކެޓްކުރުމާއި، އިސްތިރާތީޖީ ގުޅުންތައް ބަދަހިކުރުމުގައި ގެންގުޅޭ އުސޫލުތައް އިތުރަށް ހަރުދަނާކުރުމަށް ލިބުނު ބޭނުންތެރި މަޢުލޫމާތުތަކެއްކަމަށް ޝިއުރީ ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމާއި، ދާއިރާގެ ބައިވެރިންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، ސިޔާސަތުތައް އެކުލަވާލުމާއި އައު އީޖާދުތައް ތައާރަފުކުރުމުގެ މައްޗަށެވެ. މީގެ އިތުރުން، މެންބަރު ގައުމުތަކާއި ޖަމިއްޔާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

"ނެވިގޭޓިންގ ޓުވާޑްސް އެ ރެޒިލިއަންޓް ފިއުޗަރ" މިޝިއާރުގެ ދަށުން ބޭއްވުނު މިސަމިޓުގައި 35 ޤައުމަކުން 550 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. މީގެ ތެރޭގައި ސަރުކާރުގެ އިދާރާތަކާއި، ޓޫރިޒަމް ބޯޑުތަކާއި، އެއާލައިންތަކާއި، ހޮސްޕިޓާލިޓީ ދާއިރާގެ އިސް ފަރާތްތަކުގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތައް ހިމެނެއެވެ.

ޕާޓާގެ އަހަރީ އާންމު ޖަލްސާގައި ވިޒިޓް މޯލްޑިވްސްއިން ބައިވެރިވުމަކީ، ސަރަހައްދީ ފަތުރުވެރިކަމުގެ އިސް ސަފުގައި ރާއްޖެއިން އަދާކުރާ ދައުރު ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވޭ ގުޅިފައިވާ މަސައްކަތްތަކުގައި ރާއްޖޭގެ ބައިވެރިވުން ދެމެހެއްޓުމަށް ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއްވެސް މެއެވެ.