ޚަބަރު

އެމެރިކާއާ މަޝްވަރާ ކުރުމެއް ނެތް، ޔަހޫދީންނާ ކުރިމަތިލާން އަބަދުވެސް ތައްޔާރު: ޚާމަނާއީ


އީރާނުން އެމެރިކާއާއެކު އަލުން މަޝްވަރާތައް ފެށުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހުށަހެޅުމަށް އީރާނުގެ ރޫޙީ ވެރިޔާ އާޔަތުالله ޚާމަނާއީ ދެކޮޅުހައްދަވައިފިއެވެ.

މިދިޔަ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ޙަމަލާ ދިނުމުން ކުރިއަށް ދިޔަ 12 ދުވަހުގެ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއާއި އީރާނުން ވަނީ ފަސް ބުރެއްގެ މަތިން ނުރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައެވެ.

މިދިޔަ ހަފްތާގެ ތެރޭގައި ޔަހޫދީ ޤަނޫނުހަދާ މަޖިލީހުގައި ޓްރަމްޕް ވިދާޅުވީ އެމެރިކާއަށް އީރާނާއެކު ޞުލްޙައިގެ އެއްބަސްވުމަކާ ހަމައަށް އާދެވިއްޖެ ނަަމަ އެއީ ވަރަށް މޮޅު ކަމަކަށް ވާނެ ކަމަށެވެ. ޓްރަމްޕް އެހެން ވިދާޅުވީ އޭނާ އިސްވެ ހުންނަވައި ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސްއާ ދެމެދު ޣައްޒާ ނަސްލުހޭދު ނިމުމަކަށް ގެނައުމަށް އެއްބަސްވުމެއް ޤާއިމްކޮށް އެ އެއްބަސްވުމަށް އަމަލުކުރަމުން ދަނިކޮށެވެ.

ޚާމަނާއީ ވިދާޅުވީ ޓްރަމްޕް އޭނާގެ އަމިއްލަ ނަފްސު ސިފަކުރައްވަނީ އެއްބަސްވުންތައް ޤާއިމް ކުރުމަށް ކުޅަދާނަ ބޭފުޅެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުންތައް ޤަާއިމް ކުރަނީ މަޖުބޫރުކުރުވުން ހިމެނޭ ގޮތަށް ނަމަ، އަދި ކަން ހިނގަން ޖެހޭ ގޮތް ދުރާލާ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނަމަ އެއީ ދެ ފަރާތުގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއް ނޫން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އެ ފަދަ ޙާލަތެއްގައި އެއީ ބާރުގެ ބޭނުންކޮށްގެންނާއި ފުރައްސާރަކޮށްގެން ކަމެއް ކުރުވުން ކަމަށް ޚާމަނާއީ ވިދާޅުވިއެވެ.

ޚާމަނާއީ އިތުރަށް ވިދާޅުވީ 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއިން އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ބޮން އަަޅައި ސުންނާފަތިކޮށްލާފައިވާ ކަމަށް ޓްރަމްޕް ފަޚުރުވެރިކަމާއެކު ވިދާޅުވަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހުވަފެނީ ވާހަކަތަކެއް ކަމަށް ޚާމަނާއީ ވިދާޅުވިއެވެ. އީރާނުގައި ނިއުކްލިޔަރ މަރުކަޒުތައް ހުރުމާއި ނެތުމަކީ އެމެރިކާއާ ކޮން ގުޅުމެއް އޮތް ކަމެއްތޯ ޚާމަނާއީ ވަނީ ސުވާލުކުރައްވައިފައެވެ. އަދި އީރާނުގެ ނިއުކްލިޔަރ މަސައްކަތުގެ ތެރެއަށް އެމެރިކާއިން ވަނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ހުޅަނގުގެ ބާރުތަކުން ދަނީ އީރާނުން ޔުރޭނިއަމް މުއްސަނދިކޮށް ނިއުލްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ. ހުޅަނގުގެ ޤައުމުތަކުން ބޭނުން ވަނީ އީރާނުން އެ މަސައްކަތް ހުއްޓައިލުމަށެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުން ނިއުކްލިޔަރ ހަތިޔާރު އުފައްދަން މަސައްކަތް ނުކުރާ ކަމަށާއި އެ ޤައުމުގެ ނިއުކްލިޔަރ މަޝްރޫޢުުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.