ޚަބަރު

ޒަކާތާ ގުޅޭ ވޯކްޝޮޕަކަށް، ޒަކާތު ހައުސްގެ 11 މުވައްޒަފަކު މެލޭޝިއާއަށް


  • މިއީ ޕްރޮފެޝަނަލް އިސްލާމިކް ފައިނޭންސް ސެޓިފިކޭޝަންގެ ބައެއްގެ ގޮތުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް

މެލޭޝިއާގެ އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް ޕީ.ސީ.އައި.އެފް ޕްރޮގްރާމުގައި ބައިވެރިވުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ 11 މުވައްޒަފަކު މެލޭޝިއާއަށް ފުރައިފިއެވެ.

އިންސީފް ޔުނިވަރސިޓީގައި ކުރިއަށްދާ، ޕްރޮފެޝަނަލް ސެޓްފިކެޓް އިން އިސްލާމިކް ފައިނޭންސް ޕްރޮގްރާމަކީ، ޒަކާތު މެނޭޖްމަންޓްގެ ދާއިރާގައި ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް، ޒަކާތު ހައުސްގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ޤާބިލުކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން މި ޕްރޮގްރާމުގައި ޢަމަލީ ގޮތުން ބައިވެރިވުމަށް ރާއްޖޭގެ ޒަކާތު ހައުސްގެ ޖުމްލަ 11 މުވައްޒަފަކު ވަނީ މެލޭޝިއާއަށް ފުރާފައެވެ.

މިދިޔަ އަހަރު އާންމުކޮށްފައިވާ ޒަކާތް ނެރުމާއި ބެހުމުގައި ޢަމަލުކުރާނެ ގޮތުގެ ޝަރުޢީ އަސާސުތަކާއި މިންގަނޑުތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ޒަކާތް ނެގުމާއި ބެހުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމަށް ދައުލަތުން ކަނޑައަޅައިފައިވާ މީހުންނަކީ، ޒަކާތުގެ ޙުކުމްތައް ދަންނަ، ޝަރުޢީ ގޮތުން ކޮންމެހެން އެނގުން ލާޒިމުވާ މިންވަރު އެނގޭ ބަޔަކަށް ވާންޖެހެއެވެ.

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ޒަކާތު ހައުސްއިންވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.