ޚަބަރު

ތުލުސްދޫ އައު އިންޖީނުގެ އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި


  • މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްކޯއަށް

  • މި މަސައްކަތް ފަށްޓަވައިދެއްވީ ތިމާވެއްޓާ ބެހޭ ވަޒީރު

ކ. ތުލުސްދޫގެ އައު އިންޖީނުގޭގެ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްޓެލްކޯއަށެވެ.

އެރަށުގެ އައު އިންޖީނުގޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ އަތޮޅު މީހުން ދިރިއުޅޭ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.

ތުލުސްދޫގެ އައު އިންޖީނުގޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މި ރަސްމިއްޔާތުގައި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހިމެވެ. އަދި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރާއި، ތުލުސްދޫ ދާއިރާގެ މެމްބަރު އަދިި އެރަށު ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގެ ކަރަންޓުގެ ވައުގަ ރަނގަޅުކޮށް ރައްޔިތުންނަށް އެކަށޭނެ ހިދުމަތްތަކެއްް ދިނުމައްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެއެވެ. އެގޮތުން ޒަމާނީ އިންޖީނުގެތައް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާރަށެއްގައި ދަނީ ޤާއިމް ކުރަމުންނެއެވެ.