ޚަބަރު

ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ މުޖާހިދުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ވަރުގަދަ ޙަމަލާތަކެއް


ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ މުޖާހިދުންނާ ދެކޮޅަށް ޔަހޫދީންގެ ވަރުގަދަ ޙަމަލާތަކެއް ދީ ތިން މުޖާހިދުން ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ބުނީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށްވާ ޖަނީން ކައިރިން ޝަހީދުކޮށްލާފައިވާ މުޖާހިދުންގެ ތެރެއިން ދެ މީހުންނަކީ ޙަމާސްގެ މެންބަރުން ކަމަށެވެ. ޔަހޫދީ ސިފައިން ވަނީ ތިން މީހުންގެ ގަޔަށް ބަޑި ޖަހައި، އެ މީހުންނަށް އަމާޒުކޮށް ވައިގެ ޙަމަލާތައް ވެސް ދީފައެވެ.

މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ޔަހޫދީން ވަނީ ޖަނީން ސަރަޙައްދުގައި ވަރުގަދަ އަސްކަރީ ޙަތަކާތެއް ފަށައިފައެވެ. އެ ޙަރަކާތުގެ ސަބަބުން އެ ސަރަޙައްދުގައި ދިރިއުޅޭ ފަަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ދަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޔަހޫދީންގެ ޙަމަލާތަކާއި ދުއްތުރާގެ ސަބަބުން ޖަނީން ކޭމްޕަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިތު، އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ފަލަސްޠީނުގެ ގިނަ ޢަދަދެއްގެ ރައްޔިތުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.