ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهގެ ހަތިޔާރު އަތުލައި، ނައްތައިލުމަށް އެ ޤައުމުގެ އަސްކަރިއްޔާއިން ކުރަމުންދާ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ އިތުރު ގޮވާތަކެތި ލިބިގެން ކަން ހާމަވެއްޖެއެވެ. ޙިޒްބުاللهގެ ހަތިޔާރު އަތުލުމުގެ މަސައްކަތް އެ ޤައުމުގެ އަސްކަރިއްޔާއިން ފަށާފައި ވަނީ ލުބްނާންގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު އެކުލަވައިލާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ލުބްނާންގެ މަޞްދަރުތަކުން ބުނީ، ޙިޒްބުاللهގެ ހަތިޔާރުތައް ނައްތައިލުމަށް ގިނަ އަދަދެއްގެ ގޮވާތަކެތި ބޭނުން ކުރަމުން ދިޔުމާ އެކު، ލުބްނާންގެ އަސްކަރިއްޔާގެ ސްޓޮކުގައި ހުރި ގޮވާތަކެތި ހުސްވުމާ ގާތްވެފައިވާ ކަމުގައެވެ.
ޔަހޫދީންނާއި ޙިޒްބުاللهއާ ދެމެދު ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާ ގުޅޭ ގޮތުން އަމަލު ކުރަމުންދާ އެއްބަސްވުމުގެ ދަށުން އެ ޖަމާޢަތުގެ ހަތިޔާރުތައް ނައްތައިލުމުގެ ޒިންމާ މަތިކޮށްފައި ވަނީ ލުބްނާންގެ އަސްކަރިއްޔާއާއެވެ. އަދި، އެ މަސައްކަތް މި އަހަރު ނިމުމުގެ ކުރިން ނިންމުމަށް ވަނީ މުހުލަތެއް ދީފައެވެ. މަޞްދަރުތަކުން ބުނީ، ގޮވާތަކެތި ހުސްވުމާ ގާތްވެފައިވީ ނަމަވެސް، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ޙިޒްބުاللهން ރައްކާކޮށްފައި ހުރި ހަތިޔާރުތައް ހޯދުމުގެ މަސައްކަތް އެ ޤައުމުގެ އަސްކަރިއްޔާއިން މެދުކެނޑުމެއް ނެތި ކުރަމުންދާ ކަމުގައެވެ.
ލުބްނާންގެ އަސްކަރިއްޔާއިން މިހާރު ވެސް ދަނީ، ޙިޒްބުاللهން އެ ޤައުމުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަތިޔާރު ފޮރުވާފައި ހުރި ކަމަށް ޝައްކު ކުރެވޭ ތަންތަން ބަލައިފާސްކުރަމުންނެވެ. އެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ ލުބްނާންގެ ދެކުނުގައި ޒަޔަނިސްޓު އިސްރާއީލުގެ ސަރަޙައްދީ ރޮނގު ކައިރީގައިވާ ސަރަޙައްދުތަކުގައެވެ.
ޙިޒްބުاللهއަކީ އީރާނުން ވާގިވެރިވާ ޖަމާޢަތެއް ކަމުގައި ހުޅަނގާއި ޔަހޫދީން ތުހުމަތު ކުރެއެވެ. އެއީ، ލުބްނާންގެ ސިޔާސީ މައިދާނުގައި ވެސް އިސް ދައުރެއް އަދާ ކުރާ، ބާރާއި ނުފޫޒު ގަދަ ސިޔާސީ ޕާޓީއެކެވެ. ޙިޒްބުاللهގެ ހަތިޔާރު އަތުލުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރެވިދާނެ ކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަމުން ގޮސްފައިވާ ކަމުގައި، މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.
ނަމަވެސް، 2024ވަނަ އަހަރު ޔަހޫދީން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތުގެ އިތުރުން އެ ޤައުމުގެ ދެކުނުގައި އޮތް ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތަކެއްދީ، ޙިޒްބުاللهއަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އޭގެ ތެރޭގައި، އެ ޖަމާޢަތުގެ ކުރީގެ ވެރިޔާ އަލް-ސައްޔިދް ޙަސަން ނަޞްރުاللهއާއި އިސް ކޮމާންޑަރުން ޝަހީދު ކޮށްލުން ހިމެނެއެވެ. އެމެރިކާގެ ވާތްގާ އެކު ޔަހޫދީން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ލުބްނާންގެ ޢާންމުންގެ ތެރެއިން 1,100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
ޙިޒްބުاللهގެ ހަތިޔާރުތައް އަތުލުމަށް ޝަރުޠު ކޮށްފައި ވަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއިންނެވެ. އެ މަސައްކަތް ކުރިއަށްދާ ގޮތް ވަޒަން ކުރެއްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ ނައިބު މޯގަން އޮރްޓޭގަސް ދާދި ފަހުން ވަނީ ބައިރޫތަށް ދަތުރުފުޅެއް ކުރައްވާފައެވެ. ލުބްނާންގެ އަސްކަރިއްޔާއިން އަތުލައިގަނެފައިވާ ޙިޒްބުاللهގެ ހަތިޔާރުތައް ނައްތައިލުމަށް ބޭނުންވާނެ އިތުރު ގޮވާތަކެތި ފޯރުކޮށްދިނުމަށް އެމެރިކާއިން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
މި ވަގުތަށް ލުބްނާންގެ އަސްކަރިއްޔާއިން އަތުލައިގަންނަަމުން ދަނީ، ޙިޒްބުاللهގެ މުޖާހިދުން އެ ޤައުމުގެ ދެކުނުގެ ސަރަހައްދުތަކުގައި ބޭނުން ކުރަމުންދާ، އަދި ރައްކާކޮށްފައި ހުރި ހަތިޔާރުތަކެވެ. އެ ޤައުމުގެ އެހެން ސަރަޙައްދުތަކުގައި ހަރަކާތްތެރިވާ ޙިޒްބުاللهގެ މުޖާހިދުންގެ ހަތިޔާރުތައް އަތުލައިގަތުމާ ގުޅޭ ގޮތުން އެ ޤައުމުގެ ސަރުކާރުން މިހާރު ދަނީ ޙިޒްބުاللهއާ މަޝްވަރާ ކުރަމުންނެވެ.
ލުބްނާންގެ ސަރުކާރާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލާފައި ވަނީ 2024ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އަދި، އެ އެއްބަސްވުމަށް އިޙްތިރާމު ކުރުމުގެ ގޮތުން ޔަހޫދީންނަށް އަމާޒުކޮށް ޙަމަލާ ދިނުން މެދުކަނޑައިލުމަށް ޙިޒްބުاللهން ވަނީ އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން، ލުބްނާންގެ ދެކުނުގައި، ޒަޔަނިސްޓު ދައުލަތުގެ ސަރަހައްދީ ރޮނގު ކައިރީގައި ހަތިޔާރު ގެންގުޅުމުގެ ހުއްދަ ދީފައިވާ ހަމައެކަނި ބާރަކީ، ލުބްނާންގެ އަސްކަރިއްޔާގެ ފައުޖުތަކެވެ.
ޔަހޫދީންނާ އެކު ހަދާފައިވާ އެއްބަސްވުމުގައި ޙިޒްބުاللهން ސޮއިކޮށްފައި ނުވި ނަމަވެސް، ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެ ޖަމާޢަތުން ވަނީ ރުހިފައެވެ. ނަމަވެސް، ލުބްނާންގެ ދެކުނުގެ ސަރަޙައްދުތައް ނޫން އެހެން ސަރަޙައްދުތަކުގައި ހަަރަކާތްތެރިވާ އެ ޖަމާޢަތުގެ ފައުޖުތަކުގެ ހަތިޔާރުތައް އަސްކަރިއްޔާގެ އަތްމައްޗަށް ދޫކޮށްލުމަށް އެ ޖަމާޢަތުން ދަނީ އިންކާރު ކުރަމުންނެވެ.