ޚަބަރު

ޝަރީފް ހިއްސާކުރެއްވީ ޑޮލަރުގެ ހާލަތު ބަދަލުކުރުމަށް ކުރައްވާ މަސައްކަތާއި، ނަތީޖާ


  • ބޭންކުގެ ކުރީގެ ސީއީއޯވެސް ޑޮލަރު މައްސަލަ ކުރިން ފާހަގަކޮށްފައިވޭ

  • ހާލަތު ރަނގަޅުވީ މާލީ ވުޒާރާގެ އެހީތެރިކަމާއެކު

ރައްޔިތުންނަށް ދޫކުރާ ޑޮލަރުގެ މިންވަރު އިތުރު ކުރެވޭ ހާލަތަށް ބޭންކުގެ ހާލަތު މިހާރު ރަނގަޅު ކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވަނީ ކޯވިޑަށް ފަހު ބޭންކުން ޑޮލަރު ދޫކުރެވޭ ވަރަށް ވުރެ ހާލަތު ދަށްވެގެން ދިޔަ ކަމަށް ވިދާޅުވެފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ބޭންކުގެ ޚިދުމަތް ފުޅާކުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓެއް ގެންގުޅުމާއި ގުޅޭގޮތުން ބައެއް މައުލޫމާތު ހިއްސާކުރެއްވިއެވެ. އެގޮތުން ސީއީއޯ ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި އޭރުގެ ސީއީއޯވެސް މިކަންބޮޑުވުންތައް ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން 2019 އާއި 2023 ވަނަ އަހަރާއި ދެމެދު ބޭންކަށް ގަންނަން ލިބުނު ޑޮލަރަށްވުރެ އިތުރަށް 330 މިލިޔަން ޑޮލަރު ވިއްކާފައިވާމަށް ސީއީއޯ ވިދާޅުވިއެވެ.

"ބޭންކުގެ ޑޮލަރ އެކްސްޗޭންޖް ޕޮޒިޝަން ހުންނަން ޖެހޭ ވަރަށް ވުރެ މާދަށަށް ގޮސް ޖެހިގެން އައި 4 އަހަރު ތެރޭ މާބޮޑު ކުރިއެރުމެއް ނުލިބި، އަޅުގަނޑު މަޤާމާއި ހަވާލުވިއިރު ހުރީ -20 އިންސައްތައިގައި. މިހާލަތަކީ ހުރިހާ ގޮތަކުން ޑޮލަރު ވިއްކުން ހުއްޓާލަން ޖެހިދާނެ މިންވަރެއް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބޭންކު އޭރު އޮތް ހާލަތަކީ ރައްޔިތުންގެ އެކި ބޭނުންތަކަށާއި ވިޔަފާރިތަކަށް ޑޮލަރު ދޫކުރެވޭ ހާލަތެއް ނޫން ކަމަށެވެ. ނަމަވެސް މާލީ ވުޒާރާގެ އެހީތެރިކަމާއެކު އަދި ބޭންކުގެ ބޯޑުން ހަރުދަނާ ނިންމުންތަކެއް ނިންމައި މިހާރު އެހާލަތުން އަރައިގަނެފައިވާކަމަށެވެ. އޭގެ ސަބަބުން ޑޮލަރު އެކްސްޗޭންޖް ޕޮޒިޝަން މައިނަސްއިން ޕޮޒިޓިވްއަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

"މިއީ ޤައުމީ ފެންވަރުގައި އެކުގައި ކުރެވޭ މަސައްކަތްތަކުގެ މުހިންމުކަމާއި ބޭންކު ހިންގުމުގެ ހަރުދަނާކަން ދައްކުވައިދޭ ކަމެއް. ބޭންކު މިވަނީ އާންމު ރައްޔިތުންނަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދެވޭ ހާލަތުގައި. އެހެން ކަމުން ބޭންކުން ދޫކުރާ ޑޮލަރުގެ ނިސްބަތް ބޮޑު ކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ބޭންކަށް ދިމާވެފައިވާ އޮތް ހާލަތު ރަނގަޅު ކުރައްވަން ފިޔަވަޅު އެޅުއްވުމަށް ފަހު ކަން އަޅުގަނޑު ފާހަގަކުރަން" ޝަރީފް ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ދޫކުރާ މިންވަރު ކުޑަކޮށްފައިވަނީ ކޯވިޑުގެ ހާލަތުގައެވެ. އޭގެ ފަހުން ޑޮލަރު ދޫކުރާ މިންވަރު އިތުރު ނުކުރެވެ ބޭރުން ވިޔަފާރި ކުރާ މިންވަރުވެސް ހިފަހައްޓަން މަޖުބޫރުވިއެވެ. ނަމަވެސް މިހާރު ވިޔަފާރިތަކަށް ޓީޓީ ކުރުމަށް ދޫކުރާ މިންވަރު 50 އިންސައްތައަށް އިތުރުކޮށް ކާޑުތަކަށް ދޫކުރާ ލިމިޓުވެސް ބޮޑުކުރަން ވަނީ ނިންމާފައެވެ.