ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ކްލަބް އީގަލްސް އަތުން ބަލިވި ނަމަވެސް، ފުރަތަމަ ދެ މެޗާ އަޅާ ބަލާއިރު ޓީސީ ސްޕޯޓްސް ކުލަބުގެ ކުޅުންތެރިންގެ ކުޅުން ގޯސް ނޫންކަމަށް އެޓީމުގެ ކޯޗު މުޙައްމަދު އާތިފް ބުނެފިއެވެ.
ލީގުގައި އީގަލްސްއާ ދެކޮޅަށް ކުޅެ 0-3 އިން ބަލިވި މެޗަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން އާތިފް ބުނީ، މުހިންމު ގިނަ ކަންތައްތަކެއް ކުރީ ދެ މެޗާ އަޅާ ބަލާއިރު ޓީސީން ރަނގަޅުކޮށްފައިވާ ކަމަށެވެ. އަދި "ދަށް" ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ "ސެޓްޕީސް" ޑިފެންޑުކުރުންކަމަށް އާތިފް ބުންޏެވެ.
"ލީގުގައި ކުރިން ކުޅުނު ދެމެޗާ އަޅާ ބަލާއިރު ފިޓްސްއާއި ކޮމްބިނޭޝަންވެސް ރަނގަޅުކަމަށް. އެކަމަކު ފެންނަން ކަންނޭނގެ މީނީ ދަށް އެއްޗެހި. މިހާރު، ސެޓްޕީސް ކަންނޭނގެ މިވަންނަނީ ދޯ. އެހެންވީމަ ސެޓްޕީސްއަށް މަސައްކަތް ކުރަން ޖެހޭނީ". އާތިފް ބުންޏެވެ.
އާތިފް އިތުރަށް ބުނީ، ޕްރިމިއަރ ލީގުގެ މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު، ކޮންމެ މެޗެއް ވެސް ފެނިގެންދަނީ 50/50 މެޗުތަކެއްގެ ގޮތުގައި ކަމަށާއި ކޮންމެ މެޗަކީ ވެސް ޓީސީއަށް ނުހަނު މުހިންމު މެޗެއްކަމަށެވެ. ކުރިއަށް ހުރި މެޗުތަކުގައި، ޓީމުގެ ވީކްނަސްތައް އިތުރަށް ރަނގަޅުކޮށް، ނަތީޖާ ނެރެން ފަރިތަކުރުންތަކުގައި އިތުރު ހިތްވަރަކާއެކު މަސައްކަތްކުރާނެކަމަށް ކޯޗު އާތިފް ބުންޏެވެ.
ޓީސީން، އިދިކޮޅު ޓީމުގެ ހިލޭޖެހުންތައް ދިފާއުކުރުމުގައި އިތުރަށް ސަމާލުކަންދީގެން ކަންކަން ރަނގަޅުކުރަންޖެހޭކަމަށް އާތިފް ބުނިއިރު، މި މެޗުގައި ޓީސީ ކޮޅަށް ތިން ލަނޑުވެސް ވަދެފައި ވަނީ ހިލޭޖެހުންތަކުން އީގަލްސް އިން ތަނަވަސްކުރި ފުރުސަތުތަކެއްގައެވެ.
އެގޮތުން މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް އިން ޖެހި ލަނޑަކީ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އެޓީމުގެ ބިދޭސީ ފޯވާޑް ވެން ޑޭވް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އެޓީމުން ޖެހި ދެވަނަ ލަނޑު، ދެވަނަ ހާފުގައި ކާމިޔާބުކޮށްފައި ވަނީ ވެސް ހަމަ ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނަގައިދިން ހުރަހަކުން ބޮލުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބިދޭސީ ޑިފެންޑަރު މާކޯ އެވެ.
މެޗުގައި އީގަލްސް އިން ޖެހި ފަހު ލަނޑަކީ، ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި އަނެއްކާވެސް ވެން ޑޭވް ކާމިޔާބުކޮށްދިން ލަނޑެކެވެ.
މި ބައްޔާއެކު އީގަލްސް އިން މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މިވަނީ ބަލިވެފައެވެ. އީގަލްސްއަށް އެއް މެޗުން މޮޅުވެ ތިން ޕޮއިންޓު ލިބިފައިވާއިރު ތާވަލުގައި ލިބެނީ އަށްވަނައެވެ.