ޚަބަރު

އުނގޫފާރު ހޮސްޕިޓަލްގައި އޮކިއުޕޭޝަނަލް ތެރަޕީ ފަށަން ތައްޔާރުވެއްޖެ


  • އަންނަ ހަފްތާގައި ތެރަޕީގެ ޚިދުމަތް ފަށާނެ

  • މިކަމަށް ބޭނުންވާ ތެރަޕިސްޓް މިހާރުވަނީ އެރަށަށް ގޮސްފައި

  • އެހޮސްޕިޓަލްގައި މެޑިކަލް އޮފިސަރުން ހިމެނޭހެން 50 ޑޮކްޓަރުން ޚިދުމަތް ދޭ

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކުގެ ދަށުން މުހިންމު ގިނަ ކުރިއެރުންތަކެއް މިހާރުވެސް ޙާސިލުވެފައިވާ ކަމަށާއި އަންނަ ހަފްތާގައި އެ ހޮސްޕިޓަލްގައި އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް ފަށާނެ ކަމަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ، ޓަރޝަރީ ފެންވަރަށް ޚިދުމަތް ދިނުމަށް ސަރުކާރުން ތަރައްޤީކުރަމުންދާ ހޮސްޕިޓަލެކެވެ.
އެ ހޮސްޕިޓަލަކީ، އެ ސަރަޙައްދުގެވެސް އެންމެ ޚިދުމަތްތައް ކުރިއަރާފައިވާ ހޮސްޕިޓަލެވެ.

އުނގޫފާރު ހޮސްޕިޓަލްގައި މިހާތަނަށް 4 ސަބްސްޕެޝަލިޓީ ދާއިރާއިން އަންނަނީ، ސިއްޙީ ފަރުވާ ދެމުންނެވެ. އޭގެތެރޭގައި ނާރުގެ ޚާއްސަ ބަލިތައް، ހިތުގެ ބަލީގެ ޚާއްސަ ދާއިރާ، ކިޑްނީ ބަލީގެ ފަރުވާ އަދި ނޭވާލާ ނިޒާމުގެ ޚާއްސަ ބަލިތަކުގެ ފަރުވާ ހިމެނެއެވެ. މި ދާއިރާތަކުން 4 ސަބް ސްޕެޝަލިސްޓް ޑޮކްޓަރުން އަންނަނީ، ޚިދުމަތް ދެމުންނެވެ.

މީގެއިތުރުން އެހެނިހެން ދާއިރާތަކާއި، މެޑިކަލް އޮފިސަރުން ހިމެނޭހެން ޖުމްލަ 55 ޑޮކްޓަރުން އެ ހޮސްޕިޓަލްގައި ފަރުވާދެއެވެ.

ހޮސްޕިޓަލްގެ ޚިދުމަތް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ހޮސްޕިޓަލްގައި ތަފާތު ތެރަޕީތަކުގެ ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރާއި ހޮސްޕިޓަލް ގުޅިގެން ދަނީ ކުރަމުންނެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ޙުސައިން އާސިފް ވިދާޅުވީ، ޓަރޝަރީ ހޮސްޕިޓަލް ފެންވަރަށް ޚިދުމަތްތައް ގެނައުމުގައި އެހޮސްޕިޓަލުން މިހާތަނަށް ބޮޑު ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ.
އެގޮތުން މުޅިން އަލަށް، ހޮސްޕިޓަލްގައި އޮކިއުޕޭޝަނަލް ތެރަޕީގެ ޚިދުމަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ. އަދި މިކަމަށް ބޭނުންވާ ތެރަޕިސްޓް މިހާރު އެރަށަށް ގޮސްފައިވާ ކަމަށެވެ.

މި ތެރަޕީއަކީ، މިނިވަންކަމާއެކު އަމިއްލައަށް ހަރަކާތްތެރިވެ އުޅުމަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ހަރަކާތްތެރިކަން އިތުރުކޮށް ތަރައްޤީކުރުމަށް ދޭ ތެރަޕީގެ ފަރުވާއެކެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ، ތެރަޕީގެ ފަރުވާ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ދޭނެ ކަމަށެވެ. އެގޮތުން އާއްމުކޮށް ޑޮކްޓަރަށް ދައްކާ ގޮތަށް އެޕޮއިންޓްމަންޓް އުސޫލުން، ތެރަޕިސްޓަށް ދެއްކުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.

މީގެއިތުރުން ވާހަކަދެއްކުމުގައި ދަތިތައް ހުންނަ ކުދިންނާއި، މީހުންނަށް ދޭ ސްޕީޗް ތެރަޕީގެ ފަރުވާ ފެށުމަށް، އަންނަ ހަފްތާގެތެރޭގައި ހޮސްޕިޓަލަށް ތެރަޕިސްޓެއް ގުޅޭނެކަމަށް އާސިފް ވިދާޅުވިއެވެ.

މި ދެ ޚިދުމަތަކީވެސް ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދާ ދެ ޚިދުމަތް ކަމަށާއި، ހޮސްޕިޓަލްގެ މެންޓަލް ހެލްތު ޑިޕާރޓްމަންޓާ ގުޅިގެން މިފަދަ މުހިންމު ޚިދުމަތްތައް ފެށުމަށް ބޭނުންވާ ވަސީލަތްތައް ޤާއިމުކުރަމުންދާ ކަމަށްވެސް ހޮސްޕިޓަލުން ވިދާޅުވެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި މިހާރު އެމްއާރްއައިގެ ޚިދުމަތްވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
އެ ހޮސްޕިޓަލުން އަހަރަކު 150،000އެއްހާ މީހުން ޚިދުމަތް ހޯދައެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ، 24 ގަޑިއިރު ޚިދުމަތްދޭ ހޮސްޕިޓަލެކެވެ.