ކެރީބިއަންގެ އުތުރުގެ ޤައުމުތަކަށް ބާރުގަދަ ތޫފާނެއް އަރައި، މިހާތަނަށް 30 މީހުން މަރުވެ، އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުންވެފައިވާކަމަށް އެ ޤައުމުތަކުން ބުނެފިއެވެ.
"މެލީސާ"ގެ ނަމުން ނަންދީފައިވާ މި ތޫފާނު ކެރީބިއަނާ ދިމާއަށް މިސްރާބު ޖަހާފައިވަނީ، އިއްޔެ ކިޔުބާއަށް އެރުމަށްފަހުއެވެ. ކިޔުބާގައި 700،000އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ގެންގޮސްފައެވެ.
މިދިޔަ އަންގާރަ ދުވަހު ޖެމެއިކާއަށް އެރިއިރު، އެ ތޫފާނު ވަނީ ކެޓަގަރީ 5ގެ ތޫފާނަކަށް ބަދަލުވެފައެވެ. އެއީ ތޫފާނުތަކުގެ ވަރުގަދަކަން ދަރަޖަކުރާ އެންމެ މަތީ މިންގަޑެވެ. ޖެމެއިކާއަށް އެ ތޫފާނު އެރި ވަގުތު، 298 ކިލޯމީޓަރުގެ ބާރުމިނުގައި ވައިޖެހުނުކަމަށް އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވެއެވެ.
ޖެމެއިކާއަށް އެރުމުގެ ކުރިން، އެ ތޫފާނު ވަނީ ބަހާމާސްގެ ޖަޒީރާ ރަށްތަކުގެ ތެރެއިން ދަތުރުކޮށްފައެވެ. ތޫފާނު އެރުމުގެ ކުރިން، ބަހާމާސްގެ ސަރުކާރުން 1،500އަށް ވުރެ ގިނަ މީހުން ސަލާމަތީ ސަރަޙައްދުތަކަށް ގެންގޮސްފައެވެ. މިއީ އެ ޤައުމުގެ ތާރީޚުގައި، ސަލާމަތީ ސަރަޙައްދުތަކަށް އެންމެ ގިނަ އަދަދަކަށް މީހުން ގެންދެވުނު ފަހަރުކަމަށް އެ ޤައުމުން ބުންޏެވެ.
އެމެރިކާގެ މޫސުމާބެހޭ އިދާރާ އެކިޔުވެދަރ އިން ބުނީ، މިއީ ކެރީބިއަންގެ ޤައުމުތަކުގެ ތާރީޚުގައި އެރި ތިންވަނައަށް އެންމެ ބާރުގަދަ ތޫފާނު ކަމަށެވެ.
ކެރީބިއަންގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމުކަމަށްވާ، ހެއިޓީއަށް އެ ތޫފާނު ސީދާ އަރާފައިނުވިޔަސް، ބޯކޮށްވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 25 މީހުން މަރުވެފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުންޏެވެ. އޭގެ ތެރޭގައި 10 ކުޑަކުދިން ވެސް ހިމެނެއެވެ.
ވާރޭވެހުމުގެ ސަބަބުން، ކޯރުތައް ބަންޑުންވެ، 1،000އަށް ވުރެ ގިނަ ގެދޮރަށް ގެއްލުން ލިބިފައިވާއިރު، 12،000 އަށް ވުރެ ގިނަ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
އެކިޔުވެދަރއިން އަންދާޒާކުރާ ގޮތުގައި، އެ ތޫފާނުގެ ސަބަބުން ޖެމެއިކާއަށް ލިބުނު ގެއްލުމުގެ އަގު ގާތްގަނޑަކަށް 22 ބިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ.
ޖެމެއިކާގެ ވެރިރަށް ކިންގްސްޓަނަށް މާބޮޑު ގެއްލުންތަކެއް ލިބިފައިނުވި ނަމަވެސް، ޤައުމުގެ 77 ޕަސެންޓު ސަރަޙައްދުތަކުން ކަރަންޓު ކެނޑިފައިވާކަމަށް އެ ޤައުމުގެ ސަރުކާރުން ބުނެފައިވެއެވެ.