އެމެރިކާގައި ހުރި ނިޔުކްލިއަރ ހަތިޔާރުތައް ތަޖުރިބާކުރުމުގެ މަސައްކަތް ވަގުތުން ފެއްޓުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، އެ ޤައުމުގެ އަސްކަރިއްޔާއަށް ޢަމުރުކުރައްވައިފިއެވެ.
ވިޔަފާރީގެ މަޝްވަރާތަކަށް، ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވަން، ދެކުނު ކޮރެޔާގެ ވެރިރަށް ސޯލްއަށް ވަޑައިގެންނެވި މަގުމަތީގައި، ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، ނިޔުކްލިއަރ ހަތިޔާރު ތަޖުރިބާކުރަން އެންގެވީ، އެމެރިކާގެ ނިޔުކްލިއަރ ހަތިޔާރު ވެސް، ދުނިޔޭގެ އެހެން ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ އެހެން ޤައުމުތަކަކާ އެއް ފެންވަރެއްގައި ހުރިކަން ޔަޤީންކުރުމަށް ކަމަށެވެ.
މިއީ ފާއިތުވި 33 އަހަރުގެ ތެރޭގައި، އެމެރިކާއިން ނިޔުކްލިއަރ ހަތިޔާރު ތަޖުރިބާކުރާ ފުރަތަމަ ފަހަރެވެ.
ޓްރަމްޕްގެ މި ޢަމުރު ނެރުއްވާފައިވަނީ، ޗައިނާއިން ނިޔުކްލިއަރ ހަތިޔާރު އުފެއްދުން ފާއިތުވި އަހަރުތަކުގެ ތެރޭގައި އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
މިގޮތުން، 2020 ވަނަ އަހަރު 300 އެއްހާ ނިޔުކްލިއަރ ހަތިޔާރު ހުރި ޗައިނާއިން، މި އަހަރުގެ މިހާތަނަށް އެ އަދަދު ވަނީ 600އަށް އިތުރުކޮށްފައެވެ.
ނިޔުކްލިއަރ ހަތިޔާރު ގެންގުޅޭ ނިސްބަތަށް ބަލާނަމަ، ރަޝިޔާގެ ފަހަތުން، އެމެރިކާ ދެވަނައިގައި އޮތް އިރު، ޗައިނާ އަދި އޮތީ ތިންވަނައިގައެވެ.
ނަމަވެސް، ކުރިއަށް އޮތް ފަސް އަހަރެއްހާ ދުވަހުގެ ތެރޭގައި، ޗައިނާއިން އެ ފަރަގު ކުޑަކުރާނެކަމުގެ ބިރު އެބައޮތްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރިއްޔާގެ އިސް އޮފިޝަލަކާ ޙަވާލާދީ، ރޮއިޓަރސް ނޫހުން ބުނި ގޮތުގައި، 2030ވަނަ އަހަރުގެ ނިޔަލަށް ޗައިނާގެ ނިޔުކްލިއަރ ހަތިޔާރުގެ އަދަދު 1،000އަށް ވުރެ މަތިވާނެކަމަށް އަންދާޒާކުރެވެއެވެ.
ރަޝިޔާއިން ވެސް ވަނީ ދާދިފަހުން، ކަނޑާއި ވައިގެ މަގުން ނިޔުކްލިއަރ އައު މިސައިލްތަކެއް ޓެސްޓުކޮށްފައެވެ.
އަދި އެމެރިކާއިން ނިޔުކްލިއަރ ހަތިޔާރު ތަޖުރިބާކުރަން ފަށައިފިނަމަ، ރަޝިޔާއިން ވެސް އެކަން ކުރާނެކަމުގެ އިންޒާރު ރަޝިޔާގެ ރައީސް ވްލެޑިމީރް ޕުޓިން ވަނީ ދެއްވައިފައެވެ.