ޚަބަރު

ޔަހޫދީންގެ ނިރުބަވެރި ޙަމަލާތައް ހުއްޓުވަން ލުބްނާންގެ ރަައީސް ޢަވްން އެ ޤައުމުގެ އަސްކަރިއްޔާއަށް އަންގަވައިފި


ލުބްނާންގެ ދެކުނުގެ ރަށްތަކަށް ވަދެ، ޔަހޫދީން ފައުޖުން ދެމުންދާ ޙަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ރައީސް ޔޫސުފް ޢަވްން އެ ޤައުމުގެ އަސްކަރިއްޔާއަށް އިރުޝާދު ދެއްވައިފިއެވެ. އޭނާ ލުބްނާންގެ އަސްކަރިއްޔާއަށް އިރުޝާދު ދެއްވާފައި މި ވަނީ، ޔަހޫދީ ސިފައިންގެ ބައިގަނޑަކުން ލުބްނާންގެ ދެކުނުގެ ސަރަޙައްދަށް ވަދެ ހިންގި ލާއިންސާނީ ޖަރީމާތަކެއްގައި ލުބްނާން ސަރުކާރުގެ މުވައްޒަފަކު ޝަހީދު ކޮށްލުމާ ގުޅިގެންނެވެ. މިއީ، އެމެރިކާއިން އިސްވެ އެކުލަވައިލާފައިވާ ޙަަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ ޖަރީމާއެކެވެ.

ލުބްނާންގައި ހަރަކާތެރިވާ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ސިފައިންނާ ދެމެދު މީގެ ކުރިން ދިޔައީ ޙަމަލާ ބަދަލު ކުރަމުންނެވެ. އެ ހަމަނުޖެހުންތަކުގައި ލުބްނާންގެ އަސްކަރިއްޔާއިން އެއްވެސް ވަރަކަށް ބައިވެރިވެފައެއް ނުވެއެވެ. ނަމަވެސް، ޔަހޫދީ ފައުޖުން ދާދިފަހުން ވަނީ ލުބްނާންގެ އަސްކަރިއްޔާއަށް ބިރު ދައްކައި، ފުރައްސާރަ ކުރަން ފަށާފައެވެ. އަދި، އިންޒާރު ދިނުމުގެ އަމަލުތައް ހިންގަން ފަށާފައެވެ.

ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކަށް އަރައި ޔަހޫދީން ހިންގަމުންދާ ޖަރީމާތަކާއި، ލުބްނާންގެ އަސްކަރިއްޔާއަށް ބިރު ދެއްކުން ހުއްޓުވުމަށް ރައީސް ޢަވްން މި ވަނީ އެ ޤައުމުގެ އަސްކަރިއްޔާއަށް އިރުޝާދު ދެއްވާފައެވެ. އެ ކަން އިޢުލާނު ކުރުމާ އެކު، ޔަހޫދީން ފައުޖުން ވަނީ އޭނާއަށް ބިރުދައްކައި، ފުރައްސާރަ ކުރުމަށް ވެސް ޖަރީމާތަކެއް ހިންގާފައެވެ. މި ގޮތުން، ލުބްނާންގެ ސިޔާސީ މިނިވަން ކަމާއި އިސްތިޤުލާލް ފޫއަޅުވައިލައި، ޔަހޫދީން ވަނީ އަސްކަރީ މަތިންދާބޯޓުތަކެއް ވެރިރަށް ބައިރޫތުގެ ވައިގެ ސަރަޙައްދަށް ފޮނުވާފައެވެ. އެ މަތިންދާބޯޓުތަކުން ވަނީ ބައިރޫތުގައި ހުރި ރިޔާސީ ގަނޑުވަރުގެ މަތިން ދަތުރުކޮށް، ޢަވްނަށް ފުރައްސާ ކޮށްފައެވެ.

ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޢަވްން ލުބްނާންގެ އަސްކަރިއްޔާއަށް އެންގެވުމުން، ޙިޒްބުاللهން ވަނީ އެ ނިންމުމަށް ތާޢީދު ކޮށްފައެވެ. މުޖާހިދުންގެ ޖަމާޢަތެއް ކަމުގައިވާ ޙިޒްބުاللهއަކީ ލުބްނާންގެ ސިޔާސީ މައިދާނުގައި ވެސް އިސް ދައުރެއް އަދާ ކުރަމުންދާ ސިޔާސީ ޕާޓީއެކެވެ. ލުބްނާނާއި ޒަޔަނިސްޓު ދައުލަތާ ދެމެދު 2024ވަނަ އަހަރު ނޮވެންބަރު މަހު ސޮއިކުރި އެއްބަސްވުމެއްގެ ދަށުން ޙިޒްބުاللهން ވަނީ ޔަހޫދީންނަށް އަމާޒުކޮށް ދެމުން ދިޔަ ވަރުގަދަ ޙަމަލާތައް މެދުކަނޑައިލާފައެވެ. އަދި، ލުބްނާންގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީން ހިންގަމުން ދިޔަ ޤަތުލުޢާންމު މެދުކަނޑައިލާފައިވީ ނަމަވެސް، ޔަހޫދީ ފައުޖުން އަދިވެސް ދޭތެރެދޭތެރެއިން ދަނީ ލުބްނާނަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ.