ޚަބަރު

ކޮންމެ ރަށެއްގައި ފުލުހުން، ޚިދުމަތުގެ ޔަޤީންކަން އެންމެނަށް


  • ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތް މިހާރު ވަނީ ޤާއިމްކޮށްފައި

  • ރައްޔިތުންނަށް ރައްކާތެރިކަމުގެ އިތުރުން އައު އުންމީދުތަކެއް މިވަނީ ގެނެސްދީފަ

އަހަރުތަކެއް ވަންދެން، ރާއްޖޭގެ އެތައް ރަށަކުން އެހީތެރިކަމަށް ގޮވާލި އަޑުތައް، ދުރުން ގުގުމާލި އަޑުތަކެއް ފަދައެވެ. ގިނަ ފަހަރު، ހާދިސާ ހިނގައި ނިމި، ގިނަ ވަގުތުތަކެއް ފަހުން ނޫނީ، އެފަދަ ހާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް އެ މައުލޫމާތުތައް ފޯރާފައެއް ނުވެއެވެ. އަތޮޅުތަކުގެ އެންމެ ދުރުކަންކޮޅުތަކުގައި ދިރިއުޅޭ އާއިލާތަކުން ދިރިއުޅުނީ، ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް ގަޑިތަކެއް، އަދި ބައެއް ފަހަރު ދުވަސްތަކެއްވެސް ނަގާނެކަން އެނގިތިބެއެވެ.

އެހެންނަމަވެސް މިއަދު، އެ ވާހަކަ މިވަނީ ބަދަލުވެފައެވެ. ރާއްޖޭގެ އެންމެ އުތުރުގައިވާ ތިލަދުންމަތީ އުތުރުބުރި ތުރާކުނުން ފެށިގެން ރާއްޖޭގެ އެންމެ ދެކުނުގައިވާ އައްޑޫ އަތޮޅު ގަމުގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނޫކުލައިގެ ޔުނިީފޯމު މިހާރު 'ފެމިލިއާ' އެއްޗަކަށް މިވަނީ ވެފައެވެ. މި ޔުނިޕޯމު ވެފައިވަނީ އެމީހުންނަށް ހިތް ހަމަޖެހުން ލިބިގެންދާ ކުލަގަދަ ރަމްޒަކަށްއެވެ. އާބާދީގައި 10،000އެއްހާ މީހުން ދިރިއުޅޭ ރަށްރަށުން ފެށިގެން އެންމެ 2 މީހުން ދިރިއުޅޭ ރަށްތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ވާސިލްވެގެންދިއުމާއެކު، ރައްޔިތުންނަށް ރައްކާތެރިކަމުގެ އިތުރުން އައު އުންމީދުތަކެއް މިވަނީ ގެނެސްދީފައެވެ.

ކަޅާ ހުދުން ދައްކަމުން ދިޔަ ހުވަފެން ހަޤީޤަތަކަށް

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހާޟިރީއެއް ޤާއިމްކުރުމުގެ ހުވަފެން މީގެ ކުރިން ދައްކަމުންދިޔައީ ކަޅާ ހުދު ކުލައިންނެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ޒަޢާމްމަތާ ހަވާލުވެވަޑައިގަތުމަށްފަހު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކާއި ކުރެއްވި މިންނެތް މަސައްކަތުން މިއަދު މި ހުވަފެން މިވަނީ ހަޤީގަތަކަށް ހަދާދީފައެވެ. އެވެސް ވަޢުދު ފުއްދަވާނެކަމަށް ވިދާޅުވި ތާރީހުގެ ދެމަސް ކުރިންނެވެ.

ރައީސް ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ޒައްރެއްގެ މިންވަރަށްވެސް ފުލުހުންގެ ޚިދުމަތް ޤާްއިމްވެފައިނުވާ 66 ރަށެއްގައި މިހާރު މި ޚިދުމަތް މިވަނީ ޤާއިމްކުރެވިފައެވެ. ޕޮލިސް ޑެސްކާއި، ޕޮލިސް ޕޯސްޓުގެ އިތުރުން ބޮޑެތި މަރުކަޒުތައް މެދުވެރިކޮށް ކޮންމެވެސް ސިފައެއްގައި މިހާރު ފުލުހުން މިދަނީ މިރަށްރަށުގައި ހަރަކާތްތެރިވަމުންނެވެ.

ފުލުހުންގެ އަމިއްލަ އިމާރާތްތައް ތަރައްގީކުރުމުގެ މަސައްކަތްތަކަށް ބަލާއިރު، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު 17 ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތެއްގައި ޚިދުމަތް ދެމުން ދިޔައިރު، މިހާރު 63 ރަށެއްގައި މި އިމާރާތްތަކުގެ އަމަލީ މަސައްކަތްތައް ކުރިއަށްދާކަމަށް ފާހަގަކުރެވެއެވެ. އަދި 36 ރަށެއްގައި މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާއިރު، މި މަހުގެ ތެރޭގައި އިތުރު 39 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ތަރައްގީކުރުމަށް އެކި ފަރާތްތަކާ ހަވާލުކުރެވުމުން، ޖުމްލަ 138 ރަށެއްގައި މި މަސައްކަތްތައް ކުރިއަށްދާނެއެވެ. މި ދައުރު ނިމޭއިރު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ އަމިއްލަ އިމާރާތުން ޚިދުމަތް ދެވޭނެ އިންތިޒާމުތައް ހަމަޖައްސާދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ޤައުމީ އަމާޒު

ކޮންމެ ރަށެއްގައި ފުލުހުންގެ ޕްރެޒެންސެއް ގާއިމުކުރުމަކީ ހަމައެކަނި ކުށްމަދުކުރުމެއް ނޫނެވެ. އެއީ، މާލެއާ ކިތަންމެ ދުރުގައި އުޅުނަސް، ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަން ލިބިގަތުމުގެ ހައްގު ލިބިދިނުމެވެ.

މި ޚިދުމަތް ފުޅާވުމާއެކު، ފުލުހުންގެ އޮފިސަރުން ވަނީ ދައުލަތާއި ރައްޔިތުންނާ ދެމެދުގައިވާ ފާލަމަކަށް ވެފައެވެ. ރަށްރަށުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކަށް އަވަހަށް އިޖާބަދީ، ރަށު ތެރޭގައި ހިނގާ ދެބަސްވުންތައް ހުއްޓުވާ، އަމާން ސުލްހަވެރި މުޖުތަމައުތަކެއް ބިނާކުރުމަށް އިތުރު ފަސޭހައަކަށްވެފައެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް، އެންމެ ކުޑަ ރަށްތަކަށްވެސް މިހާރު ދެތިން މިނިޓު ތެރޭގައި ފަންނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މަގު ތަނަވަސްވެފައެވެ.

"އޮޕަރެޝަނަލީ މަސައްކަތް ކުރަން ބަލާއިރުގައި ފުލުހުންގެ ރަށެއްގައި ނެތީމަ އެންމެ ބޮޑަށް ދިމާވާކަމަކީ މީގެ ކުރިން ރަށެއްގައި ކަމެއް ހިނގައިފިއްޔާ އެރަށާ ގާތުގަ ހުންނަ ޕޮލިސް ސްޓޭޝަނަކުން އެރަަކަށް މީހުން ފޮނުވަން މިޖެހޭނީ. އެހެންވެ ބައެއްފަހަރު ސީންއަށް އެޓެންޑުވާންވެސް ވަރަށް ގިނަ ވަގުތު ހިންގާދޭ. ތަންކޮޅެއް ދުރުގައި އޮންނަ ރެށެއްްނަމަ ކަނޑުމަގުން ދަތުރުކުރާތީ އެ ދިމާވާ ޗެލެންޖަސް، މޫސުމުގެ ސަބަބުން ދިމާވާ ޗެލެނެޖަސްތަކުގެ ސަބަބުން ބައެއްްފަހަރު އަޅުގަނޑުމެން އެބަޖެހޭ ބައެއްފަހަރު އެރަށަކަށް ނުގޮސް ގޭގައި މަޑުކުރަންވެސް. އެހެންނަމަވެސް ފުލުހުންގެ ޚިދުމަތް ހުރިހާ ރަށަކު މިހާރު ޤާއިމްވެގެންދިއުމަކީ މީގެ ކުރިން އަޅުގަނޑުމެންނަށް ދިމާވަމުންދިޔަ މިފަދަ ދަތިތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދިޔަކަމެއް" ލ. އަތޮޅު ރީޖަނަލް ކޮމާންޑަރު ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު އަޒްހާން ވިދާޅުވިއެވެ.

ދިރިއުޅުން ބަދަލުކޮށް، މުޖުތަމަޢު ބިނާކުރުން

ހައްދުންމަތީ މާބައިދޫއަކީ ދިވެހި ފުލުހުންގެ ޚިދުމަތް އެންމެ ފަހުން ޤާއިމްކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. 1150 މީހުންގެ އާބާދީއެއް އޮންނަ މި ކުޑަކުޑަ ރަށުގައި ފުލުހުންގެ ޕޯސްޓެއް ޤާއިމްވެފައިވާއިރު، މީގެ ސަބަބުން އެރަށު ރައްޔިތުންނަށް ރައްކާތެރިކަން ލިބިފައިވާކަން މިއަދު އިހުސާސްކުރެވޭއެވެ. އެއްވެސް ފުލުހެއް ކައިރީގައި ނެތުމުގެ ސަބަބުން، ވައްކަމާއި ގެވެށި އަނިޔާގެ މައްސަލަތައް ހައްލުނުވެ ހުރި ދުވަސްތަކުގެ ހަނދާންތައް މިވަނީ ފަނޑުވެގެންގޮސްފައެވެ. މިކަން އެންމެ ރަނގަޅަށް ކިޔައިދިނީ މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމެވެ.

"އަތޮޅު އުފެދިފައިވާގޮތުން ވެއްޖިއްޔާމު ބައިބާދޫ މިވެފައިވަނީ ޓްރާންސިޓްކޮށް މީހުން ދަތުރުކުރުމަށް ވަރަށް ގިނައިން ބޭނުންކުރާ ރަށަކަށް. މަސްވެރިންވެސް އަދި އާންމުކޮސް މުދާ އުފުލާ ބޯޓުފަހަރުވެސް އަތޮޅުތެރެއަށް ވަދެގެން އަންނައިރުވެސް، ނުވަތަ އަތޮޅު ތެރޭގައި އުޅޭއިރުވެސް ބައިބާދޫގަ ޖައްސާފަ އާންމުގޮތެއްގައި ދާނީ. އެހެންމަ އަސްލު މިރަށް މިވެފައިވަނީ އިކޮނޮމިކަލީ ވަރަށް އެކްޓިވް ރަށަކަށް. ވަރަށް ގިނަ މީހުން އަބަދުވެސް އަރާ ފައިބާ ރަށަކަށްވީމަ ކުށުގެ މާހައުލަށް ވަރަށް ބޮޑަށް ދޮރު ހުޅުވިފަ އޮންނަނީ. މަސްތުވާ ތަކެތީގެ މައްސަލަތަކާއި، މިފަދަ ތަކެތި ވިޔަފާރި ކުރުމުގެ މައްސަލަ ވަރަށް ބޮޑުކޮށް އޭރު އޮތް. އަދި އެކަމާ ގުޅިގެން އުފެދުނު ކުއްތައް، އެއީ ވައްކަމާއި، ފޭރުމާއި މާރާމަރީތައް ހިންގުން ވަރަށް ބޮޑުވެފައި އޮތީ. އެހެންނަމަވެސް ފުލުހުންގެ ޚިދުމަތް ޤާއިމްކުރެވިގެން ދިއުމަށްފަހު ވަރަށް ބޮޑަށް، އެއީ ގާތްގަނޑަކަށް ހަމަ 95% ކުއްތައް މިހާރު ނެތެކޭ ބުންޏަސް ދޮގަކަށް ނުވާނެ." މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމް ވިދާޅުވިއެވެ.

ހައްދުންމަތީ މާބައިދޫގައި ފުލުހުންގެ ޕޯސްޓެއް ޤާއިމްވުމުގެ ކުރިން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގައެވެ. ކަމެއް ދިމާވެއްޖެނަމަ ދާންވީ ފަރާތެއް ނުވަތަ އަމަލުކުރަންވީ ގޮތެއް ނޭންގި ގޮތް ހުސްވެފައެވެ. އެހެންނަމަވެސް މިއަދު މި މަންޒަރު މިވަނީ ބަދަލުވެފައެވެ. ރަށުގައި ފުލުހުން ތިބުމުގެ ސަބަބުން މީގެ ކުރިން ރައްޔިތުން ފެންބޮވައިގަނެގެން ހުރި ރައްކާތެރިކަން މިހާރު ލިބެމުންދާކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.

އަޅުގަނޑުމެންނަށް އަންހެނުންނާއި އަޅުގަނޑުމެންގެ ދަރިންނަށް މިއަދު ވަރަށް ބޮޑު ރައްކާތެރިކަމެއް މިލިބުނީ މިރަށުގަ ފުލުހުންގެ ސްޓޭޝަނެއް ޤާއިމްވެގެންސިޔައީމަ. އެއީ އަޅުގަނޑުމެން ގޭގަ އެކަނި ތިބޭ ވަގުތުތަކުގަޔާއި، ރޭގަނޑު އެކަނި ގޭގަ ނިދާއިރުވެސް މީގެ ކުރިން ބިރުގަނޭ. އެހާ ބޮޑު ރައްކާތެރިކަމެއް ލިބިފައިވާކަމަށް އަޅުގަނޑުމެންނަށް އޭރަކު އިހުސާސްއެއް ނުކުރެވޭ. އެއީ މީގެ ކުރިން ހަމަ އަޅުގަނޑުމެން ނިދާފަ އޮންނަ ގަޑީގަ އައިސް ދޮރުގައި ތެޅުމާއި، ނުވަތަ ގެއަށް ގެއްލުން ދީފަ އެބަހުރި. އެކަމަކު ޕޮލިސް ސްޓޭޝަނެއް މިރަށުގައި ހުރުމުން އަޅުގަނޑުމެންނަށް އޮތް އިތުބާރަކީ އަޅުގަނޑުމެން ހަމަ މިވަގުތުން މިވަގުތަށް ޚިދުމަތް ލިބޭކަން. މިހާރު އެންމެ ކޯލެއް ކުރާއިރަށް ވަގުތުން އަޅުގަނޑުމެން ގާތަށް އަންނާނެކަން." ފާތިމަތު ހަސަން ބުނިއެވެ.

"އަސްލު ވަރަށް ހިތްހަމަޖެހޭ ފުލުހުން މިހާރު ރަށުގައި ތިބީމަ. ކުރީގަ އަޅުގަނޑުމެން ތިބެނީ ބިރު ހީވެފަ، އެއީ ރިޕޯޓު ކުރިޔަސް ފުލުހުންނަށް ނާދެވޭނެކަމުގެ ބިރު ހީވެފަ އޮންނަނީ. އެކަމު މިހާރު އަސްލު ކަމެއް ދިމާވާއިރަށް ވަރަށް ފަސޭހަ ރިޕޯޓުކޮށްލަން. އަޅިގަނޑުގެ ފިހާރައަށް ކަމެއް ވިޔަސް އަޅުގަނޑަށް އިންގޭ ފުލުހުން މިތަނަށް އައިސް އަޅުގަނޑަށް އެހީވާނެކަން. އެއީ ފުލުހަކާ ދިމާވެއްޖެއްޔާ އަބަދުވެސް އަހާނެ އަދި އެމީހުން އައިސް އަޅުގަނޑުމެންނަށް ނަންބަރު ދީފަ މިހާރުވެސް އޮތީ. އެހެންވެ ވަރަށް ރައްކާތެރިކަން ފީލްވޭ." އުމުރުން 38 އަހަރުގެ ވިޔަފާރިވެރިޔާ އަލީ ނަސީހު ބުނިއެވެ.

ރަށުގައި ފުލުހުންގެ ޚިދުމަތް ޤާއިމްވެގެންދިއުމަކީ އެރަށު ކުދިންގެ ފަރާތުން ފެންނަމުންދިޔަ އަޚްލާޤީ މައްސަލަތަކަށް ހައްލެއް ލިބިގެންދިޔަކަމެއް ކަމަށް އެރަށު ސްކޫލުގެ ޕްރިންސިޕަލް ޝަރީފާ އަބްދުﷲ ފާހަގަކުރިއެވެ.

"ފުލުހުންގެ ޕޯސްޓު މިރަށުގައި ޤާއިމްވުމާއެކީގަ އަޅުގަނޑުމެންނަށް ވަރަށް ބޮޑު ބަދަލުތަކެއް އަދި ކުރިއެރުންތަކެއް ލިބިގެންދިޔަ. ސަބަބަކީ ކުރީގަ ޤަވައިދާ ޚިލާފަށް ސައިކަލު ދުއްވުމާއި ބޭރު ތެރޭގައި ގިނަ ވަގުތު ހޭދަކުރުން ފަދަ ކަންތައްތައް ސްކޫލް ކުދިންގެ ފަރާތުން އަޅުގަނޑުމެންނަށް ފެނިގެންދިޔަ. އެހެންނަމަވެސް ފުލުހުން މިރަށުގައި ޤާއިމްވެގެންދިއުމާއެކު މިފަދަ މައްސަލަތަކެއް މިހާރު ނުފެނޭ އަޅުގަނޑުމެންނަކަށް." މާބައިދޫ ސްކޫލްގެ ޕްރިންސިޕަލް ޝަރީފާ އަބްދުﷲ ވިދާޅުވިއެވެ.

"ކުރީގަކަމެއް ދިމާވީމަ ވެރިން ކައިރިއަށް ދާއިރުގަ ކަން އޮންނަނީ ނިމިފަ. ގިނަ ފަހަރު. ތަން ލޫޓުވާލި ކަމުގައިވީނަަމަވެސް އަދި މީހަކު ގެޔަށް ވަތްނަމަވެސް ރަށު އޮފީހަށް ދިޔާމަ ބުނާނެ. އަތޮޅު އޮފީހަށް ދާށޭ. އަތޮލު އޮފީހަށް ދިޔާމަ ބުނާނެ ގަމު ޕޮލިސް ސްޓޭޝަނަށް ދާށޭ. އެކަމު މިހާރު އެހެނެއް ނޫން. މިހާރު ނުޖެހޭ ރަށު އޮފީހަށްވެސް މައުލޫމާތު ދޭކަށް. މިހާރު އެއްޗެސް ގެއްލިއްޖެއްޔާ، މީހަކު ގެޔަށް ވެދެއްޖެއްޔާ ވަގުތުން ހަމަ ފޯނުކޮށްލަންވީ މިރަށު ޕޮލިހަށް. ފޯނު ކޮށްލީމަ ވަގުތުން އާދޭ. ނަންބަރުން ފޯނު ކުރަން ނޭންގެންޏާމު ވަގުތުން ސްޓޭޝަނަށް ގޮސް ޓަކި ޖަހާލަންވީ. ވަގުތުން ހުޅުވާނެ." އަބްދުސައްތާރު އަޙުމަދު ބުނިއެވެ.

"ކުރީގައި ކައުންސިލްގަ މަސައްކަތްކޮށްފަ ހުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް ބުނެވޭނީ މީގެ ކުރިން އަޅުގަނޑުމެން ޖެހޭނީ ފުލުހުންގެ ޚިދުމަތް ގަންނާށޭ. މިހެން މި ބުނެވެނީ ވަކި ދުވަސްވަރަކަށް، މިސާލަކަށް ރޯދަމަސް އަދި ޢީދު ފަދަ ރަށުގަ މމީހުން ގިނައިން އުޅޭނެ ދުވަސްތަކުގައި އަޅުގަނޑުމެން ޖެހެނީ ފުލުހުން ރަށުގައި ބައިތިއްބަން ރިކުއެސްޓުކުރަން. އެކަމަކު މިހާރު އެހެނެއް ނޫން. މިހާރު ފުލުހުންގެ ޚިދުމަތަށް އެކްސެސްވާން ވަރަށް ފަސޭހަ." މީގެ ކުރިން މާބައިދޫ ކައުންސިލުގައި މަސައްކަތްކުރި އަލީ ފައިސަލް ބުނިއެވެ.

މާދަމާގެ މަގު: ފަސޭހަތަކެއްގެ ހަގީގަތް

މި ރައްކާތެރިކަމުގެ އިހުސާސް މުޅި ގައުމަށް މިހާރު މިވަނީ ފެތުރިފައެވެ. ކުރިން ބަނދަރުގައި ހިނގާ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވެތިބި މަސްވެރިންނަށް މިހާރު ފެންނަނީ ސުލްހަވެރިކަމާއެކު މަސައްކަތްކުރާ މަންޒަރެވެ. އަންހެނުންގެ ޖަމްޢިއްޔާތަކުން ބުނަނީ، ފުލުހުން ރަށްރަށުގައި ތިބުމުގެ ސަބަބުން، ގެވެހި އަނިޔާ ރިޕޯޓުކުރުން ފަސޭހަވެ، ރައްކާތެރިވެފައިވާ ކަމަށެވެ.

މިއީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. މިއީ ކުރިއެރުމުގެ ނިޝާންތަކެވެ. ފުލުހުންގެ ޚިދުމަތަކީ، ހަމައެކަނި ކުއްލި ހާލަތްތަކަށް އިޖާބަދިނުމުގެ ބަދަލުގައި، މުޖުތަމަޢު ތަރައްގީކުރުމުމާއި، ހޭލުންތެރިކަން އާލާކުރުމުގައި، މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވަނީ ވެފައެވެ. މީގެ އިތުރުން، ކޮންމެ ރަށެއްގައި ފުލުހުން ހާޒިރުވެ ތިބުމުގެ ސަބަބުން ރައްޔިތުންނަށް ރައްކާތެރިކަން ލިބި އަމަންއަމާން މުޖުތަމައެއް ދިރިއުޅުމުގެ ފުރުޞަތު ވަނީ ފަހިވެގެންގޮސްފައެވެ.

ދިވެހިރާއްޖެ ކުރިއަރަމުންދާ ވަރަކަށް، ފުލުހުންގެ ޚިދުމަތް ފުޅާކުރުމަކީ ގައުމީ ފެންވަރުގައި ކުރެވުނު އެންމެ އަސަރުގަދަ ތަރައްގީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއް ކަމެވެ. އެއީ ހަމަހަމަކަމުގެ ރަމްޒެކެވެ. އެބަހީ، ކޮންމެ ދިވެއްސަކަށްވެސް، ދިރިއުޅޭ ތަން ބެލުމެއް ނެތި، ރައްކާތެރިކަމާއި، އަމާންކަމާއި، އިންސާފު ލިބިގަތުމުގެ ހައްގު ލިބިގެންވާ ކަމުގެ ރަމްޒެކެވެ.