ޚަބަރު

ޖެނެރޭޝަނަލް ބޭންގެ ފައިދާތައް ކިޔައިދިނުމުގައި މީޑިއާގެ ދައުރު ބޮޑު: ނަސްރީން


  • ރައްޔިތުންނަށް މިކަމަކީ ކިހާ މުހިންމު ކަމެއްކަން މީޑިއާތަކަށް ކިޔައިދެވެންވާނެ

  • މީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އައި ބަދަލު ދިރާސާކުރެވެންވާނެ

"ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" ގެ ސަބަބުން ރައްޔިތުންނަށް ވާނެ ފައިދާތައް ދިރާސާކޮށް، އެ މަޢުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މީޑިއާތަކުގެ ދައުރު ބޮޑުކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ އެމްޑީ މިހެން ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް ހުށައަޅުއްވާފައިވާ އިސްލާޙަށް ޢަމަލުކުރަން ފެށުމާގުޅިގެން މީޑީއާތައް ގުޅިގެން ގެނެސްދިން ޚާއްސަ ޓެލެތޯނުގައި ވާހަކަދައްކަވަމުންނެވެ.

ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވީ، ޓޮބޭކޯ ޖެނެރޭޝަން ބޭން އިނިޝިއޭޓިވްގައި ޕީއެސްއެމްއިން އެކި މީޑިއާތަކާ ގުޅިގެން މަސައްކަތް ކޮށްފައިވާނީ، މިކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ވީހާވެސް ތިލަކޮށް ގެނެސްދިނުމަށް ކަމަށެވެ. އަދި މީގެ އެންމެ ބޮޑު ބޭނުމަކީ މިކަމުގެ މުހިންމުކަން ރައްޔިތުންނަށް ހާމަކޮށްދިނުމާއި، ހުރިހާ ދިމާލަކުންވެސް މީގެ ފައިދާއާއި މަންފާ ބަޔާންކޮށްދީ، ރައްޔިތުން ހޭލުންތެރިކުރުވުން ކަމަށެވެ.

އެގޮތުން މި މަސައްކަތްތައް ކުރުމަށްޓަކައި ސިއްޙީ ވުޒާރާއާއި، ތަޢުލީމީ ވުޒާރާ އަދި ކުޅިވަރާއި ބެހޭ ވުޒާރާއާ ގުޅިގެން ތަފާތު އެކި ޕްރޮގްރާމްތައް ކުރިއަށްގެންގޮސްފައިވާކަމަށް ނަސްރީން ވިދާޅުވިއެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ހަމައެކަނި މީޑިއާއިން ޕްރޮގްރާމެއް ގެނެސްދިނުމުގެ ބަދަލުގައި، ހުރިހާ ގޮތަކުންވެސް މީހުން ޝާމިލުކުރެވޭނެ ގޮތަކަށް، އަދި ހުރިހާ ޖެނެރޭޝަނެއްވެސް ޝާމިލުކުރެވޭނެ ގޮތަކަށް މިކަމުގެ މުހިންމުކަން ކިޔައިދިނުންކަން ނަސްރީން ފާހަގަކުރެއްވިއެވެ.

ޕީއެސްއެމްއަކީ އެކި ޒަމާންތަކުގައި ދުންފަތާއި ދެކޮޅަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދެވުނު ކެމްޕޭނުތަކާއި ހަރަކާތްތަކުގައި އަބަދުވެސް އިސް ސަފުގައި ހަރަކާތްތެރިވެފައިވާ މީޑިއާއެއްކަން ނަސްރީން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ މިފަދަ ބޮޑު ނިންމެވުމެއް ނިންމެވުމާއެކު މިކަން ދެމެހެއްޓުމަށްޓަކައި އަދި ރައްޔިތުންނަށް މިކަމަކީ ކިހާ މުހިންމު ކަމެއްކަން ކިޔައިދިނުމަށް މީޑިއާއިން ކުރެވޭނެ ހުރިހާ ކަމެއް ކުރުމުގައި ދެމިހުންނަވާނެކަމަށް ނަސްރީން ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށް އޮތްތަނުގައިވެސް ކުރުމުގައި ދެމިހުންނަވާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.

"އަޅުގަނޑުގެ އުންމީދަކީވެސް އަދި އިލްތިމާސްއަކީވެސް އަޅުގަނޑުމެން މީޑިއާތަކުން މީގެ އެސެސްމެންޓްތައް ހަދައި، މިއަދުގެ ޖީލަށް މި ބޭން ނުވަތަ ގާނޫނު އިމްޕްލިމެންޓް ކުރެވިގެން ދިޔައީމަ އެތްލީޓުންގެ ފިޒީކްއަށް އައި ބަދަލު، ކިޔަވާކުދިންނަށް އައި ބަދަލު، މީގެ ސަބަބުން ސްކޫލް ނިންމާފަ ސިގިރޭޓުގެ ވަބާގެތެރެއަށް ވަދެގެންދާ ކުދިންގެ އަދަދު މަދުވީ ކިހާވަރަކަށް ތޯ، ކޮންގޮތަކަށް ތޯ ބެލުން. މީގެ ކިހާވަރެއްގެ އިމްޕެކްޓެއްތޯ ރާއްޖެއަށް މިކުރީ. މީތި ތިލަކޮށްގެން ރައްޔިތުންނާ ހަމައަށް ގެނެސްދިނުން މީޑިއާގެ ދައުރަކީ. ޕީއެސްއެމުން މިކަން ކުރާނެ." ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ނަސްރީން ވިދާޅުވިއެވެ.

2007ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް މިހާރު ދުންފަތުގެ އިސްތިއުމާލު ކުރުމަކީ މަނާކަމެކެވެ. މިގޮތަށް މަނާކޮށްފައިވަނީ، ސަރުކާރުގެ ފަރާތުން ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް މިއަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހު ހުށައަޅުއްވާފައިވާ އިސްލާޙުގައެވެ.

މިހާރު ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނުގައިވާ ގޮތުން 1 ޖެނުއަރީ 2007އިން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ އެއްވެސް މީހަކު ދުންފަތުގެ އިސްތިޢުމާލުކޮށްގެން ނުވާނެއެވެ. އަދި އެ ޢުމުރުގެ އެއްވެސް މީހަކަށާއި، ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާ ކަމެކެވެ.