ޚަބަރު

ރިސޯޓަކުން ވަގަށްނެގިކަމަށް ބެލެވޭ ފައިސާތަކެއް ހޯދައިފި


ރ.އަތޮޅު ރިސޯޓަކުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފައިސާތަކެއް ހޯދައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، 24 އަހަރުގެ ފިރިހެނަކާއި 36 އަހަރުގެ ފިރިހެނެކެވެ. މި 2 މީހުންނަކީ، އެ ރިސޯޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝް 2 މީހުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

ރ. މީދޫ ޕޮލިސް ސްޓޭޝަނަށް ހުށައެޅި މައްސަލައާއި ގުޅިގެން އެ މައްސަލަ ބައްލަވަމުން ގެންދަނިކޮށް ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ އެ 2 މީހުން އެ ރިސޯޓުގައި މަސައްކަތްކުރާ ތަންތަން ބަލާފާސްކުރިއިރު އެމީހުން މަސައްކަތްކުރާ ވޯކްޝޮޕް ތެރޭގައި ހުރި ޓޫލް ބޮކްސްއެއްގެ ތެރެއިން ކަމަށް ފުލުހުން ވިދާޅުވިއެވެ. މިގޮތުން އެ ފޮށި ތެރެއިން ވަގަށްނަގާފައިވާ ކަމަށް ބެލެވޭ އެހާހަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 39،000 ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ އިތުރަށް ތަޙްޤީޤް ކުރެއްވުމަށްޓަކައި މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ 2 މީހުންގެ ތެރެއިން 24 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، 36 އަހަރުގެ މީހާއަށް 7 ދުވަހުގެ މުއްދަތެއް ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ދެއްވާފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.