ޚަބަރު

ކުރިއަށްވުރެ ވަރުގަދަކޮށް ނިޔުކްލިއަރ މަރުކަޒުތައް ބިނާކުރާނަން: އީރާން


އީރާންގެ ނިޔުކްލިއަރ ހަކަތަ އުފައްދާ މަރުކަޒުތައް ކުރިއަށްވުރެ ވަރުގަދައަށް ބިނާކުރާނެ ކަމަށާއި، ނަމަވެސް ނިޔުކްލިއަރ ހަތިޔާރެއް އުފެއްދުމުގެ ވިސްނުމެއް ނެތް ކަމަށް، އެ ޤައުމުގެ ރައީސް ރައީސް މަސްޢޫދު ޕީޒިޝްކިޔާން ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ޔަހޫދީންނާއި އެމެރިކާއިން ވަނީ އީރާނުގެ ނިިއުލްލިޔަރ މަރުކަޒުތަކަށް އަމާޒުކޮށް ބޮމުގެ ޙަމަލާތަކެއް ދީފައެވެ. އެމެރިކާއިން އީރާނަށް ދިން ޙަމަލާގައި އީރާނުން ޔުރޭނިއަމް މުއްސަނދިކުރާ ދެ މަރުކަޒަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

އެ މަރުކަޒުތައް އަލުން ބިނާކުރުމުގެ މަސައްކަތް އީރާނުން ފަށައިފިނަމަ، އެ މަރުކަޒުތަކަށް އަނެއްކާވެސް ޙަމަލާދޭނެ ކަމުގެ އިންޒާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކުރާރުކޮށް ދެއްވައިފައެވެ.

ނަމަވެސް، ޓްރަމްޕްގެ އެ އިންޒާރަށް ގޮންޖައްސަވައި، އެ މަރުކަޒުތައް ކުރިއަށްވުރެ ވަރުގަދައަށް ބިނާކުރާނެކަމުގެ ޔަޤީންކަން ޕީޒިޝްކިޔާން ދެއްވާފައިވަނީ، އީރާންގެ ނިޔުކްލިއަރ ހަކަތަ އުފައްދާ އިދާރާއަށް ވަޑައިގެން، އެތަނުގެ ވެރިންނާއެކު ބޭއްވެވި ބައްދަލުވުމެއްގައެވެ.

"ކާރުޚާނާތަކާއި އިމާރާތްތަކަށް ދޭ ޙަމަލާއަކުން އަޅުގަނޑުމެންނަށް ކުރިމަތިކުރުވޭނެ ހުރަހެއް ނޯންނާނެ. އެ ތަންތަން އަޅުގަނޑުމެން ބިނާކުރާނީ ކުރިއަށްވުރެ ވަރުގަދައަށް،" ޕީޒިޝްކިޔާން ވިދާޅުވިއެވެ.

އީރާނުން ހިންގަމުންދާ ނިޔުކްލިއަރ ޕްރޮގުރާމުގެ މައިގަނޑު މަޤުޞަދަކީ ނިޔުކްލިއަރ ހަތިޔާރު އުފެއްދުންކަމަށް ހުޅަނގުގެ ބާރުތަކުން ތުހުމަތު ކުރެއެވެ.

ނަމަވެސް، ނިޔުކްލިއަރ ހަކަތަ އުފައްދަން އީރާނުން މަސައްކަތް ކުރަމުންދަނީ، އީރާނުގެ ރައްޔިތުންގެ މުސްތަޤުބަލާއި ފާގަތިކަމަށް، މަދަނީ ބޭނުމެއްގައި ކަމަށް ޕީޒިޝްކިޔާން ވަނީ ތަކުރާރުކުރައްވައިފައެވެ.