މާކުރީ ޒަމާންތަކެއްގައި ދިވެހިން އަޅުވެތި ކުރުވައި، މި ޤައުމަށް އަތްގަދަކުރި ބައެއްގެ ވާހަކަތައް ތާރީޚީ ފޮތްތަކުން އަޅުގަނޑުމެންނަށް ފެންނަންހުރެއެވެ. އަދި ޤައުމުތަކާއި ހަނގުރާމަކޮށް ކުށެއްނެތް މީހުންގެ ލޭއޮހޮރުވާލުމާއިި، ޤައުމުތަކުގެ ސަރުކާރުތަކާއި ދެކޮޅަށް ބަޣާވާތްކުރާކަމުގެ ޚަބަރުތައްވެސް ލިބެއެވެ. އެހެން ނަމަވެސް 80ގެ ފަހުގެ އަހަރުތަކާ ހަމައަށްވެސް މިފަދަ ނާމާންކަމެއް އަޅުގަނޑުމެންގެ މި ދިވެހި ޤައުމާ ކުރިމަތިނުވެއެވެ.
3 ނޮވެމްބަރު 1988 ގައި ދިވެހިންގެ ބަޔަކާއި ބޭރުގެ ހަތިޔާރުއެޅި ބަޔަކާ ގުޅިގެން ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާއަކީ މިދެންނެވި ނުރައްކަލާއި ބިރުވެރިކަމާ ދިވެހި ކުރިމަތިލާން ޖެހުނު ދުވަހެއެވެ. އެފަދަ އެއްވެސް ނުރައްކަލެއްގެ ހިލަމެއްވެސް ނުވެ ތިއްބާ ކުއްލިއަކަށް ކުރިމަތިވި އެ ނާމާން ވަގުތުކޮޅު ދިވެހިންނަށް، ޚާއްސަކޮށް މާލޭގެ ރައްޔިތުންނާއި އެވަގުތު އެކި ކަންކަމުގައި މާލެއައިސް ތިބި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށްވީ ކުރިން ދެކެފައިނުވާފަދަ ބިރުވެރި އަދި ނާމާންކަމުން ފުރިގެންވާ ވަގުތަކަށެވެ.
ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި، ދިވެހި ޤައުމަށްޓަކައި، ޤައުމުގެ މިނިވަންކަމަށްޓަކައި، އަދި މާތްވެގެންވާ އިސްލާމްދީނަށްޓަކައި، އެންމެ ވަރުގަދަ ޖިހާދެއް ކުރީ، އަޅުގަނޑުމެން އެބަޔަކަށްޓަކައި ފަޚުރުވެރިވުން ޙައްޤު ލޮބުވެތި ސިފައިންނެވެ. އެދުވަހު ސިފައިން ސާބިތުކޮށްދިނީ ރާއްޖޭގެ ތާރީޚުގައި މަދުން ނޫނީ ފެންނަން ނެތްފަދަ ހިތްވަރުގަދަކަމުގެ ފުރިހަމަ ނަމޫނާއެއްކަމާމެދު ޝައްކެއްނެތެވެ.
އެ ޢުދުވާނީ ޙަމަލާއަށް މިއަދު 37 އަހަރު ފުރޭއިރު، ބިރުވެރި ނާމާން އެވަގުތު ދިވެހި ލޮބުވެތި ރައްޔިތުން ދެއްކި ހިތްވަރާއި ކެތްތެރިކަމާއި އެއްބައިވަންތަކަމުގެ ނަމޫނާއަކީވެސް އާދައިގެ ގޮތަކަށް ދައްކާލައި ނިންމާލެވޭނެ ފަދަ ވާހަކަތަކެއް ނޫނެވެ.
އާންމު ރައްޔިތުންނަށް ކުރިމަތިވެގެން އުޅޭނީ ކިހާވަރެއްގެ، ކޮންފަދަ ކަމެއްކަންވެސް ހަޤީގީ މާނައިގަ އިޙުސާސްކުރެވުނީ ކުލީ ސިފައިންގެ އުންޑަތަކުން ފޫއަޅުވާލާފައިވާ ލޮބުވެތި އަޚުންގެ ފުރާނަނެތް ހަށިގަނޑުތަކާއި، ހާމަލާދީ ޒަޚަމްކޮއްލުމުން ހަދާނެގޮތެއްނެތިފައިތިބި މީހުންގެ އެކި ތަންތަނުން ފެންނަން ފެށީ ހިސާބުންނެވެ.
މިހާރުގެ މިޒަމާނުގައި ހިންގާ ކިތަންމެ ކުޑަކަމެއް މަދު މިނެޓްކޮޅެއްގެ ތެރޭގައި ގިނަބަޔަކަށް އެނގުނު ނަމަވެސް، އޭރު މުވާސަލާތުކުރުމާއި ޚަބަރު ފެތުރާ މަދު ވަޞީލަތްތަކާއި ޚިދުމަތްދޭ ތަންނަނަށް ހަމާލާދީ އެޚިދުމަތްތައް މެދުކަނޑިފައިވުމުން ވެސް ގިނަ މީހުންނަށް ވެގެންއުޅޭގޮތެއް ސާފުނުވެއެވެ.
ކޮންމެއަކަސް ވެރިރަށް މާލެއަށް ބަޔަކު އަރައިގެން ހަމަލާދިންކަން އެނގުނު ހިސާބުން ދިވެހި ލޮބުވެތި ރައްޔިތުންގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ހިތްވަރުގަދަ އަދި ކެތްތެރިކަމުގެ ނާމޫނާއެކެވެ. އެހެނީ ކުލީ ސިފައިން ބިރު ދައްކައި ތަންތަން ލޫޓުވައި ފޭރެމުން ދިޔައިރުވެސް އެއިން މީހަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ ދިވެއްސަކު ނުވިއެވެ. މާލެއިން އެމީހުންނަށް ފެންފޮދެއްވެސް ލިބިފައިވަނީ ލުޓޭރުންގެ ދަރަޖައަށް ވެއްޓިގެން ބިރުދައްކައިގެން ދަށުދަރަޖައިގެ އަމަލުތައް ހިންގައިގެންނެވެ.
ނުވެސް ދެނެތިއްބާ، އަދި އެފަދަ ކަމެއް ވެދާނެކަމަށް ހީވެސްނުކޮށް ތިއްބާ އެބިރުވެރިކަމާ ދިވެހިން ކުރިމަތިލީ ވަރަށް ސާބިތުކަމާއި ވިސްނުންތެރިކަމާއެކުގައެވެ. މާލެގައި ހުރި ސަރުކާރުގެ އޮފީސްތައް ނުހުޅުވި، ފިހާރަތަކުގައި ވިޔަފާރި ނުކުރެވި، ބައެއް ހިސާބުގައި ގޭގެއިން މީހުން ނުކުމެއުޅެންވެސް އެދުވަހު ދަތިވިއެވެ. ފިހަރަތަކާއި ހޮޓާތައް ނުހުޅުވިނަމަވެސް، ކޭންބުއިން ފަދަ ޒަރޫރީ ކަންކަން ފުރިހަމަކުރީ ކައިރީ ގެތަކުގެ އެހީތެރިކަމާއެކު، އެއްބަޔަކު އަނެއް ބަޔަކަށް ފޯރުކޮށްދެވެން ހުރި އެހީތަށް ފޯރުކޮށްދީގެންނެވެ.
ޝަހީދުވެފައި ތިބި މީހުންނާއި ޒަޚާމްވެފައި ތިބި މީހުން ހޮސްޕިޓަލަށް ގެންދިއުމާއި ސިފައިންގެ މަސައްކަތްތަކުގައިވެސް އާންމު ފަރާތްތަކުން ވަނީ އެކި ސިފަ ސިފައިގައި ނުހަނު ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެންމެ ފާހަގަކުރެވޭ އެއްކަމަކީ ބިރުދައްކައިގެން ކުލީ ސިފައިން ބަޔަކު ހައްޔަރުކުރިނަމަވެސް، އެމީހުންގެ ދެއްކި ބިރަކަށް ނުވަތަ ސިހިގެން އަމާންދީ އެމީހުންނާ ގުޅެން އެއްވެސް ދިވެއްސަކު މަސައްކަތް ނުކުރުމެވެ. މިއީ މިކަމުން އަރައިގަތުމަށް ސަލާމަތީ ބާރުތަކާއި ސަރުކާރުން ކުރެއްވި މަސައްކަތައް ލިބުނު ނުހަނު ބޮޑު އެހީތެރިކަމެކެވެ.
ޢާންމު ރައްޔިތުން ތިބީ އެމީހުން އަތުގައި އެއްވެސް ހަތިޔާރެއް ނެތް ކަމުގައިވިޔަސް، އެބަޔަކަށް ވެވުނުވަރަކުން ކުލީ ސިފައިންނާ ދިމާކޮށް، އެމީހުންނާ ހަނގުރާމަކުރަންވެސް ތައްޔާރަށެވެ. އެގޮތުން ބައެއް ފަރާތަކުން ސާޅަނގައާއި ވަޅި ބޭނުންކޮށްގެން ހަމާލާދޭންވެސް ރޭވިކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރީ ކުލީ ސިފައިގެ އަތޮގައި ހަތިޔާރު ހުރުމުން އެފަދަ ކަމެއްގެ ސަބަބުންވެސް އަޅުގަޑުންމެންގެ ތެރެއިން އިތުރު ބައެއްގެ ފުރާނަ ގެއްލިދާނެތީ އެކަމަށް ވިސްނެވުމަށްފަހުގައެވެ.
3 ނޮވެމްބަރު 1988ގެ ޢުދުވާނީ ޙަމަލާއިން ރާއްޖެ ސަލާމަތްވުމާ ގުޅިގެން، ރާއްޖޭގެ ރައްޔިތުންނާ މުޚާތަބުކުރައްވައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި ދެއްކެވި ވާހަކަފުޅުގައިވެސް އެދުވަހު ރައްޔިތުން ދެއްކެވި ސާބިތުންކަން ފާހަގަކުރެއްވިއެވެ.
"އިއްޔެގެ ބަޣާވާތުގެ ކަންތައްތައް ހިނގަމުންދިޔައިރު، ރާއްޖޭގެ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދިޔަ އެއްބާރުލެއްވުމާއި އަދި ރައްޔިތުން ތިއްބެވި ހަމަހިމޭންކަމަކީ ބަޣާވާތުގެ ކަންތައްތައް ހަމަޖެއްސުމުގައި ސަރުކާރަށް ލިބުނު ވަރަށް ބޮޑު އެހީއެއް. އެހެންކަމުން، މި ފުރްޞަތުގައިވެސް އަޅުގަނޑު ދިވެހި ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، ރާއްޖޭގެ ރައްޔިތުންނަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރަން" ރައީސް މައުމޫނު ވިދާޅުވިއެވެ.
ކޮންމެއަކަސް 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ރާއްޖޭގެ ޚާއިނުންގެ ބަޔަކާއި ބޭރުގެ ޓެރަރިސްޓް ޖަމާޢަތެއްގެ ބަޔަކު، ހަނގުރާމައިގެ ހަތިޔާރަކާއެކު ރާއްޖޭގެ ވެރިރަށް މާލެއަށް އަރައި، ދިވެހި ޤައުމުގެ އިސްތިޤްލާލާއި ސިޔާދަތަށް އުނިކަން ގެންނަން ދިން އަނިޔާވެރި ޙަމަލާގެ ތަޖުރިބާތަކަކީ، ދިވެހި ޤައުމު ދެމިއޮތްހާ ހިނދަކު ހަނދާން ކުރަންޖެހޭފަދަ އެތައް އިބުރަތްތަކެއް ލިބިގެންދިޔަ ތަޖުރިބާއެކެވެ. ދިވެހިންގެތެރެއިން 19 މީހުން ޝަހީދުވެ، އެތައް ބަޔަކު ޒަޚަމްވެ، އަދި އެތައް ބަޔަކު ރަހީނުންގެ ގޮތުގައި ހިފެހެއްޓިއިރު، ރާއްޖެތެރޭގެ ރަށްރަށުގެ އަޚުންނާއި އުޚްތުންވެސް، މާލޭގެ ސާފު ޚަބަރުތައް ނުލިބިގެން ކަންބޮޑުވެ ހަދާނެގޮތެއް ނޭނގިފައި އެދުވަހު ތިބެންޖެހުނެވެ.
އެހެންކަމުން އެދުވަހު ދުޝްމަނުންނަށް ނާކާމިޔާބުވުމުގެ އެންމެބޮޑު ސަބަބަކީ، ދިވެހި ރައްޔިތުންކަމަށް ސަރުކާރުންވެސް އޭރު ގަބޫލުކުރެއްވިއެވެ. ޚާއްޞަކޮށް، މާލޭގެ ރައްޔިތުން ސާބިތުކޮށްދިން އެއްބައިވަންތަކަމާއި ކިޔަމަންތެރިކަމެވެ. ރާއްޖޭގެ ރައްޔިތުން ވެރިންނަށާއި، ސަރުކާރަށް ބެހެއްޓީ އިޚްލާޞްތެރިކަމާއި ވަފާތެރިކަމެވެ. އެދުވަހު ރައްޔިތުން ދައްކައިދިން ނަމޫނާ މިޖީލާއި އަންނައޮތް ޖީލުތަކުންވެސް ބަލައިގަންނަންޖެހެއެވެ. އެހެނީ އެދުވަހު ދިވެހި ރައްޔިތުން، އެނަމޫނާއާއި ހިތްވަރު ނުދެއްކިނަމަ މިއަދު މިފާހަގަކުރާ މަތިވެރި ނަސްރު ނުލިބުނީސްކަން ޔަޤީނެވެ.