ޚަބަރު

މިހާތަނަށް 30 ކައުންސިލެއްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި


  • 55 ކައުންސިލްގެ މަސައްކަތް ހަވާލުކުރީ އާރްސީސީއާ

  • ޗައިނާގެ އެހީގައި 50 ކައުންސިލްގެ މަސައްކަތް ފެށުމަށް ދަނީ ތައްޔާރުވަމުން

ކައުންސިލް އައު އިމާރާތްތައް ތަރައްޤީކުރުމަށް ފަށާފައިވާ މަޝްރޫޢުގެދަށުން މިހާތަނަށް 30 ކައުންސިލެއްގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

ކައުންސިލް އިމާރާތްތަކުގެ ހާލަތު ބެލުމަށްފަހު، ރާއްޖޭގެ 100އަށްވުރެ ގިނަ ކައުންސިލްތަކަށް އެކަށީގެންވާ ޖާގަ ބޭނުންވާކަމަށް ސަރުކާރުންވަނީ ހާމަކުރައްވާފައެވެ. މީގެތެރެއިން އެންމެ ހާލަތު ދަށް 105 ކައުސިލެއް ކަނޑައަޅައި، އެކައުންސިލްތަކަށް އައު އިމާރާތް އެޅުމަށް ސަރުކާރުން މިހާތަނަށް ނިންމާފައިވެއެވެ.

މީގެތެރޭގައި ހިމެނެނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ސަރުކާރުން ކުރިއަށްގެންދާ 55 ކައުންސިލްގެ މަސައްކަތާއި ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރާ 50 ކައުންސިލްގެ މަސައްކަތެވެ.

ޕީއެސްއެމް ނިއުސްގެ ދުވެލި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވީ، ރައީސްގެ ވަޢުދުފުޅާ އެއްގޮތަށް ކައުންސިލް އައު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާކަމަށެވެ. އެގޮތުން މިހާތަނަށް 30 ކައުންސިލެއްގެ މަސައްކަތް ޢަމަލީގޮތުން ފަށާފައިވާކަމަށާއި ކުރިއަށް އޮތް ހަފްތާގެތެރޭގައި އިތުރު ރަށްރަށުގެ މަސައްކަތް ފެށުމަށް ބޭނުންވާ ސާމާނު އެރަށްރަށަށް ކޮންޓްރެކްޓަރ ފޮނުވާނެކަމަށް ވިދާޅުވިއެވެ.

"55 ކައުންސިލްގެތެރެއިން 30 ކައުންސިލްގެ މަސައްކަތް ފެށި ބާރަށް ކުރިއަށްދޭ. އިތުރު 9 ރަށަށް ކުރިއަށް އޮތް ހަފްތާގާއި ސާމާނު ފޮނުވާނެ. 55 ކައުންސިލްގެތެރެއިން މިހާތަނަށް ނުފެށިވާ ރަށްރަށުގެ މަސައްކަތްވެސް މި ނޮވެންބަރު މަހު ފަށާނެ." ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވިއެވެ.

55 ކައުންސިލްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. މިމަޝްރޫއަށް 631 މިލިޔަން ރުފިޔާ ޚަރަދުވެއެވެ.

މޫސާ ފަތުޙީ ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރަން ނިންމާފައިވާ 50 ކައުންސިލްގެ އިމާރާތުގެ މަސައްކަތަށް، ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ޗައިނާ ސަރުކާރާ ގުޅިގެން ކުރިއަށްގެންދާކަމަށެވެ.

"ބަލަންޖެހޭ ކަންކަން ބަލާ، ކޮންޓްރެކްޓަރެއް ހަމަޖެއްސުމަށް ބޭނުންވާ މަޢުލޫމާތު މިހާރު ވަނީ ފޯރުކޮށްދީފައި. ކޮންޓްރެކްޓަރެއް ހަމަޖައްސާ ވަރަށް އަވަހަށް ޢަމަލީ މަސައްކަތް ފެށޭނެ." ސްޓޭޓް މިނިސްޓަރ މޫސާ ފަތުޙީ ވިދާޅުވިއެވެ.

ކައުންސިލްތަކަކީ ލާމަރުކަޒީ ނިޒާމު ތަންފީޒުކުރުމުގެ އެންމެ މުހިންމު ދަޢުރު އަދާކުރާ ފަރާތްކަން ފާހަގަކުރައްވާ ސްޓޭޓް މިނިސްޓަރ ވިދާޅުވީ، ކައުންސިލްތަކަށް އެ މަސައްކަތް ކުރުމަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހިފައިވާކަމެއްކަމަށެވެ. ނަމަވެސް މިހާތަނަށް އައިރުވެސް މި މައްސަލައަކީ އެކަމަށް އެކަށީގެންވާ ގޮތުގައި ރިޢާޔަތްކުރެވިފައި ނެތް މައްސަލައެއްކަމަށެވެ.

މީގެ ކުރިން ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީގައި 19 ކައުންސިލެއް އިމާރާތްކުރަން ފަށާފައިވާ ކަމަށާއި އެ މަސައްކަތްތައްވެސް އަވަހަށް ނިންމާ ޚިދުމަތަށް ގެނައުމަށް މަސައްކަތްކުރަމުންދާކަމަށް ފަތުޙީ ވިދާޅުވިއެވެ.

އައު އިމާރާތްތަކަކީ ކައުސިލަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި އިދާރީ މަސައްކަތަށްވެސް ބޭނުންވާ ޖާގައާއެކު ތަރައްޤީކުރާ ތަންތަނެވެ.