އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ސަހަރެއްކަމަށްވާ މަޒާރޭ ޝަރީފަށް އައި ބާރުގަދަ ބިންހެލުމެއްގައި މިހާތަނަށް 10 މީހުން މަރުވެ، 260އަށް ވުރެ ގިނަ ޒަޚަމްވެފައިވާކަމަށް އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކުން ބުނެފިއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސަރވޭއިން ބުނީ، 523،000 މީހުންގެ އާބާދީއެއް ދިރިއުޅޭ މަޒާރޭ ޝަރީފް ކައިރިއަށް އައިސްފައިވަނީ ރިކްޓަރ މިންގަނޑުގެ 6.3 މެގްނިޓިޔުޑްގެ ބާރުގަދަ ބިންހެލުމެއް ކަމަށެވެ.
އަފްޣާނިސްތާނުގައި މި ވަގުތު ވެރިކަން ކުރަމުންދާ ޠާލިބާންގެ ދިފާޢީ ވުޒާރާއިން ބުނީ، އެ ބިންހެލުމުގެ ސަބަބުން އެ ސަރަޙައްދަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ.
ބިންހެލުންއައުމާ އެކު މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އެ ސަރަޙައްދުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރެވެމުންދާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު ބޮޑުކަމަށް އަފްޣާނިސްތާނުގެ ސިއްޙީ ވުޒާރާގެ އޮފިޝަލަކު ރޮއިޓަރސް ނޫހަށް ވިދާޅުވިއެވެ.
އަދި އެ ސަރަޙައްދުގެ ހުރިހާ ހަސްފަތާލުތަކެއް ކުއްލި ޙާލަތަށް ގެނެސްފައިވާ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.
މިދިޔަ އޯގަސްޓު މަހު ވެސް އަފްޣާނިސްތާނަށް ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެ ބިންހެލުމުގައި 2،200 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.