ޚަބަރު

ނޭޕާލުގެ ސަފީރުން އަނބުރާ ގެނައުން އެ ޤައުމުގެ އެންމެ މަތީ ކޯޓުން ހުއްޓުވުމުން ވަގުތީ ސަރުކާރަށް އުނދަގޫތަކެއް


ނޭޕާލުން ބޭރުގެ އެކި ޤައުމުތަކަށް ކަނޑައަޅާފައި ތިއްބެވި ސަފީރުން އަނބުރާ ގެނައުން، އެ ޤައުމުގެ އެންމެ މަތީ ކޯޓުން ހުއްޓުވަން ނެރުނު ވަގުތީ އަމުރާ ގުޅިގެން، އިންތިޤާލީ ބޮޑުވަޒީރު އަދި ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝިލާ ކާރްކީގެ އިންތިޤާލީ ސަރުކާރަށް އިތުރު އުނދަގޫތަކެއް ކުރިމަތިވެއްޖެއެވެ.

ނޭޕާލުގެ އިންތިޤާލީ ބޮޑުވަޒީރުގެ މަޤާމަށް ސުޝިލާ ކާރްކީ ޢައްޔަނުކޮށްފައިވަނީ، ނޭޕާލްގެ އޭރުގެ ސަރުކާރާ ދެކޮޅަށް ތެދުވެ، 'ޖެން ޒީ' އުމުރުފުރައިގެ މީހުންނާއި ޒުވާނުން ކުރި މުޒާހަރާތަކަށްފަހު ކުރީގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީގެ ސަރުކާރު ވެއްޓުމާ ގުޅިގެންނެވެ.

ސަރުކާރާ ޙަވާލުވެވަޑައިގެންނެވުމަށްފަހު، އިންތިޤާލީ ބޮޑުވަޒީރު ކާރްކީ ވަނީ، އޮލީގެ ސަރުކާރުން ޢައްޔަނުކޮށްފައިވާ ތަފާތު 11 ޤައުމެއްގައި ތިއްބެވި ސަފީރުން އަނބުރާ ގެންނަން ނިންމަވައިފައެވެ. ސަފީރުން އަނބުރާ އަންނަން ކާރްކީ އެންގެވީ، އެ ބޭފުޅުންގެ މަސައްކަތާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާތީ ކަމަށް ވިދާޅުވެއެވެ.

ނަމަވެސް، އެކަމުގައި ޤަބޫލުކުރެވޭ ސަބަބެއް ސުޕްރީމް ކޯޓުގައި އިންތިޤާލީ ސަރުކާރަށް ދެއްކިފައިނުވާކަމަށް، އެ ނިންމުމަށް ދެކޮޅަށް ކޯޓަށް ވަޑައިގެންނެވި، މިނިވަން ވަކީލު އަނަންތާ ރާޖް ލުއިތެލް ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އެ ނިންމުމަށް އިންތިޤާލީ ސަރުކާރުން އިޙްތިރާމް ކުރާނެކަމަށް އިންތިޤާލީ ސަރުކާރުގެ މުއާސަލާތާބެހޭ ވަޒީރު ވަނީ ވިދާޅުވެފައެވެ.

އޮލީގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލުމަށް ވެރިރަށް ކަތުމަންޑޫގެ މަގުތަކަށް ނިކުތް ޒުވާނުން ވަނީ ކޮރަޕްޝަނާއި ފަސާދައާ ދެކޮޅަށް ވެސް އަޑު އުފުލާފައެވެ. އެ މުޒާހަރާތަކާ އެކު ފެށިގެން ދިޔަ ހަމަނުޖެހުންގަނޑަކީ، ފަހުގެ ތާރީޚެއްގައި ނޭޕާލްގައި ހިންގާފައިވާ އެންމެ ލޭއޮހޮރުވުން ބޮޑު ހަމަނުޖެހުންތަކެވެ. އެ ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ އަދަދު 74އަށް އުފުލިފައިވާއިރު، އިތުރު 2,100އަށްވުރެ ގިނަ މީހަކަށް ވަނީ އަނިޔާވެފައެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ނޭޕާލަށް އުމްރާނީ ގޮތުން ވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި ގޮތުން، ބޮޑުވަޒީރުގެ އޮފީހާއި، ސުޕްރީމް ކޯޓު އަދި ޤާނޫނު ހަދާ މަޖިލިސް ހުންނަ އިމާރާތަަށް ޙަމަލާ ދީ، އެ ތަނުގައި ހުޅުޖަހާފައިވެއެވެ. އަދި، ޢާންމުންގެ ގެދޮރާއި މުދަލުގެ އިތުރުން މަޝްހޫރު ހޮޓާތަކާއި ގިނަ އަދަދެއްގެ އެއްގަމު އުޅަނދުގައި ވެސް ހުޅުޖަހައި، ބޮޑެތި ގެއްލުންތަކެއް ދިނެވެ.

އެ ހަމަނުޖެހުންތައް ތަޙުޤީޤުކުރުމަށް ކާރްކީ ވަނީ ޚާއްސަ ޕެނަލެއް އެކުލަވާލައްވައިފައެވެ.

އަދި އަންނަ މާރޗް މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން، ނޭޕާލުގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ އިންތިޚާބު ބާއްވަން ވެސް ކާރްކީ ވަނީ ނިންމަވައިފައެވެ.