ތިލަދުންމަތީ ދެކުނުބުރި ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އުތުރުގައި ދަތުރުފަތުރުގެ ދަތުރުފަތުރުގެ ދާއިރާއާއި އިޤްތިޞާދީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ސަރަޙައްދަށް ގެނެސްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ތަނެކެވެ. ތިރީހަށްވުރެ ގިނަ އަހަރު ޚިދުމަތްދެމުން އައި ކުރީގެ ޓަރމިނަލް ދޫކޮށް، މިހާރު ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިފައިވާ މުޅީން އައު ޓަރމިނަލެއް ގާއިމްކުރެވިފައެވެ. ބައިނަލްއަޤްވާމީ ދަތުރުތަކަށްވެސް ފަހި މި އައު ޓަރމިނަލް ރަސްމީކޮށް ހުޅުވާނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.
މީގެ ތިރީހަކަށް އަހަރު ކުރިން ހެދި، ހަނިމާދޫ އެއަރޕޯޓުގެ ކުރީގެ ޓަރމިނަލަކީ، ފަހުން ބައިނަލް އަޤްވާމޯ އެއަރޕޯޓެއްގެ ގޮތުގައިވެސް ޚިދުމަތްދީ އެންމެ އުތުރުގެ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ދެމުން އައި ޓާމިނަލެކެވެ. ޖާގައިގެ ގޮތުން ކުޑަނަމަވެސް، އެ ޓަރމިނަލަކީ ބާރުބޮޑު ހަރަކާތްތައް ގިނަ ތަނެކެވެ. ގިނަ ބަޔަކަށް އެތަން ހަމައެކަނި ދަތުރުފަތުރަށް ޚާއްސަ ތަނަކަށްވީނަމަވެސް، ހަނިމާދޫއާ ތިލަދުންމަތީގެ ރައްޔިތުންނަށް އެތަން މުހިންމުވާ އެއްތައް ސަބަބެއްވެއެވެ. އެއީ އެއްރަށް އަނެއްރަށާއި ގުޅުވައިދިން މައި ދޮރާއްޓެވެ. އެތައް ބަޔަކަށް ތަންވަސްކަމާއި ދިރިއުޅުމުގެ ބޭނުންތައް ފުއްދައިދިން ވަސީލަތެކެވެ. އެ ޓަރމިނަލްގެ ކޮންމެ ހިސާބަކުންވެސް އުވާވެރިކަމާއި ހިތާމައިގެ ވަގުތުތަކުގެ ހަނދާންތަކާއި އެތައް އުންމީދުތަކާއި ގުޅިފައިވާ ފޮހެ ނުލެވޭނެ އިހުސާސްތަކެއް ވަނީ ބިންވަޅުނެގިފައެވެ.
ކިތަންމެ ހަނދާންތަކެއް އެ ޓަރމިނަލާ ގުޅިފައިވީނަމަވެސް އެތަނުގައި މުވައްޒަފުން މަސައްކަތް ކުރަމުންދިޔައީ ވަރަށް ދަތި ގޮތަކަށެވެ. ބައިނަލްއަޤުވާމީ ވައިގެ ބަނދަރެކޭ ކިޔާވަރުގެ ޚިދުމަތްތަކެއް ރައްޔިތުންނަށް އެ ޓަރމިނަލުން ފޯރުކޮށްދެވޭނެ ވަސީލަތްތައް އެތަނުގައި ޤާއިމްވެފައި ނެތުމުން ތަނުގައި މަސައްކަތް ކުރި މީހުންނަށް އެތަށް ގޮތަކުން ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނެވެ. އެކަން އެންމެ ހަނިމާދޫ އެއަރޕޯޓުގައި މަސައްކަތް ކުރާތާ 30 އަހަރުވެފައިވާ އިބްރާހިމް ޝަހުދީ ކިޔައިދިނެވެ. ޝަހުދީ ބުނީ މިއަދު އައު ޓާމިނަލެއްގެ ފަސެހަތައް ލިބިގެންމިދަނީ ވަރަށް ދަތި އުނދަގޫ ދުވަސްތަކެއް ކަޑައްތުކުރުމަށް ފަހުކަމަށެވެ.
"ކުރީ ޓަރމިނަލްގަ އަޅުގަނޑު މަސައްކަތް ކުރަމުންދިޔައީ އެޑްމިން އޮފިސަރެއްގެ ގޮތުގައި. އޭރުގަ އެޑްމިން މަސައްކަތުގައި ހުންނައިރު އެއަރޕޯޓުގަ މަސައްކަތް ކުރާ މީހުން ވަރަށް މަދުވާނެ. މުސާރަ ދައްކަމުން ވަރަށް މަދުން އޭރު މީހުން އެއަރޕޯޓަށް ވަންނަނީވެސް. އަސްލު އޭރުގަ މީހުން މަދުވީމަ އަޅުގަނޑު އެޑްމިންގަ އިންނަ މީހާވެސް ބައެއްފަހަރު އެބަޖެހޭ ގޮސް ލަގެޖް ބަޔަށް ވަންނަންވެސް. އަދި 2000ގެ އަހަރުތަކުން ކުރިން އެއަރޕޯޓުގައި ގެންގުޅުނީ ލަގެޖް ގާޑިއަލެއް ކަހަަލަ އެއްޗެއް. ލަގެޖްތައް ޗެކްކޮށްފަ އެ ގާޑިއަލަށް އަރުވާގެން ގެންދާނީ، ގެންގޮސްފަ ބޯޓަށް އަރުވާނީ. އޭރަކު ބެލްޓެއް ނުހުރެ. ވަރަށް ހާލުގަ ލަގެޖް ގެންދިއުމުގަ އުޅުނީ، ލަގެޖްތައް ބޯޓަށް އަރުވަން" އިބްރާހިމްބެ ބުންޏެވެ.
ކުރީގެ ޓަރމިނަލް ދެމުންއައި އެތައްއަހަރެއްވީ ޚިދުމަތަށްފަހު، މިހާރު އެތަންވަނީ އެއްކޮށް ނަގާފައެވެ. މިހާރު ހަނިމާދޫ އެއަރޕޯޓުގައި ބިނާކުރެވިފައި މިހުރީ ޒަމާނީ ފެންވަރަށް ތަރަައްޤީކޮށްފައިވާ ބައިނަލްއަޤްވާމީ ދަތުރުތަކަށް އެންމެ އެކަށޭނަ ޓަރމިނަލެކެވެ. ދިވެހިވަންތަކަން ދައްކުވައިދޭގޮތަށް ފަރުމާކޮށްފައިވާ ޒަމާނީ އައު ޓަރމިނަލަކީ ޖާގަ ތަނަވަސް މި ޓަރމިނަލުގައި ޖުމްލަ 10،380 އަކަމީޓަރުގެ ހުރެއެވެ. ގިނަ އަދަދެއްގެ ޕަސިންޖަރުންނަށް ޚިދުމަތްދިނުމަށް މަގުފަހިވެގެންދިއުން ހިމެނެއެވެ. އައު ޓަރމިނަލްއަކީ ބައިނަލްއަޤްވާމީ ފެންވަރަށް ތަރައްޤީކޮށްފައިވާ، ޒަމާނީ ފެންވަރުގެ ހުރިހާ ޚިދުމަތްތަކެއް ލިބޭނެ ތަނެކެވެ.
"ކުރީގެ ޓަރމިނަލާ ބާލަފަ 10 ގުނަ ބޮޑު، ފައިދާ ގިނަ އަދި ޚިދުމަތް ވަރަށްވެސް ފުރިހަމަ ޓަރމިނަލަކަށް މި ޓަރމިނަލް ވެގެންދާނެ. ތެދަށް ބުނަންޔާމު ކުރީ ޓަރމިނަލާއި މި ޓަރމިނަލާ އަޅާވެސް ނުކިޔޭނެ. މި ޓަރމިނަލް އެހާމެ ފުރިހަމަ ހުރިހާ ގޮތަކުން ބެލިޔަސް. މި ޓަރމިނަލުން ޚިދުމަތް ހޯދާ ކޮންމެ މީހަކަށްވެސް ހަމަޔަގީނުންވެސް ހިތްހަމަޖެހުން ލިބޭނެ. އޭގެ އެއް މިސާލެއް އަޅުގަނޑު ހައިލައިޓްކޮށްލާނަން. މިޔޮށް ހޫނުގަދަ ދުވަސްވަރު މުޅި ޓަރމިނަލް އެއްކޮށް އޭސީކޮށްފަ މިހުރީ މިއީ ކިހާ ބޮޑު ފަސޭހައެއް. ފަސިންޖަރުންނަށް ކިހާ ބޮޑު ހިތްހަމަޖެހުމެއް އެ ލިބެނީ" އިބްރާހިމްބެ ބުންޏެވެ.
ހަނިމާދޫ އެއަރޕޯޓު ކުރީގެ ޓަރމިނަލްއިން އައު ޓަރމިނަލަށް ބަދަލުވުމަކީ ހަމައެކަނި ޢިމާރާތެއް ބަދަލުވުން އެކަންޏެއް ނޫނެވެ. މިއީ ޒަމާނީ ކުރިއެރުމާ ދިމާއަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. ކުރީގެ ޓަރމިނަލާއި ގިނަ ހަނދާންތަކެއް ގުޅިފައިވީނަމަވެސް، އައު ޓަރމިނަލްއަކީ އުތުރުގެ ރަށްރަށަށް އެތައް ރޮނގަކުން ކުރިއެރުމާއި، އައު އުންމީދުތަކެއް ގެނެސްދޭނެ ތަނެކެވެ. މިއާއެކު ހަނިމާދޫ ވައިގެ ބަނދަރު ވެގެންދާނީ ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދޭނެ ތަނަކަށެވެ.