ރާއްޖޭގެ 12 ރަށެއްގައި 700 އަށްވުރެ ގިނަ ހައުސިން ޔުނިޓް ތަރައްޤީކުރުމަށް އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވައިފިއެވެ. އެގޮތުން ޖުމްލަ 725 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ އަމިއްލަ ކުންފުނިތަކާ ހަވާލުކުރައްވާފައެވެ.
ކުންފުނިތަކާ ހަވާލުކުރައްވާފައިވަނީ 25 ހައުސިން ޔުނިޓާއި 50 ހައުސިން ޔުނިޓާއި 75 ހައުސިން ޔުނިޓްގެ އިތުރަށް 100 ހައުސިން ޔުނިޓް ތަރައްޤީކުރުމަށެވެ.
* ބ. އޭދަފުށީގައި 75 ހައުސިން ޔުނިޓު ތަރައްޤީކުރަން ގްލެޓް އިންވެސްޓްމަންޓްސްއަށް
* ދ. މީދޫގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
* އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
* ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން އަލްޓެކް މޯލްޑިވްސްއަށް
* މ. މުލަކުގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން އޮކްސްރޯއަށް
* ގދ. މަޑަވެލީގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން މިމްސް ކޮންސްޓްރަކްޝަނަށް
* ގދ. ގައްދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ވޭވްލެންތަށް
* ގދ. ތިނަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ސްވިފްޓު އިންޖިނިއަރިންއަށް
* ލ. ގަމުގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް އަލާފް ޕްރައިވެޓް ލިމިޓެޑަށް
* ލ. ފޮނަދޫގައި 100 ހައުސިން ޔުނިޓު ތަރައްޤީކުރަން ވައިޓް ލިންކްސްއަށް
* ގއ. ވިލިނގިލީގައި 25 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެކްސިންކަށް
* ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު ތަރައްޤީކުރަން ފްލެސިންކަށް
މީގެ އިތުރުން މި ރަސްމިއްޔާތުގައިވަނީ ގދ. ރަތަފަންދޫގެ ބަނދަރު ތަރައްޤީކުރުމަށް ހެވީފޯސް ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކުރައްވާފައެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ. މި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ރާއްޖޭގެ 57 ރަށެއްގައި ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތައް ކުރިއަށްގެންދިޔުމަށް ވަނީ ނިންމަވާފައެވެ. އޭގެތެރޭގައި ލޯނު ނަގައިގެން ގެދޮރު ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްގެންދިޔުމުގެ ފުރުޞަތުވެސްވަނީ ހުޅުވާލާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ މިދައުރުގެތެރޭގައި އަމިއްލަ ގެދޮރުގެ ޔަގީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. 20 އަހަރަށް ބަހާލައިގެން 65000 ގެދޮރު ޔަގީންކޮށްދެއްވުމަކީ އެމަނިކުފާނުގެ ތަސައްވުރެކެވެ.