ޚަބަރު

ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހަވީރު ތިނަދޫ ސިޓީގައި


  • މައުރަޒު އޮންނާނީ ގދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި

  • މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރެއްވެސް އޮންނާނެ

މިއަހަރުގެ ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު މިއަދު ހަވީރު ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ.

ތިނަދޫއަކީ 3 ނޮވެންބަރު 1988 އުދުވާނުގައި ޝާހީދުވި ސިފައިންގެ ބޭކަލުންތެރިން ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ރަށެވެ. ދުޝްމަނުންގެ ޙަމަލާތަކާ ގުޅިގެން ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ބޭކަލަކީ ޝަހީދު ކޯޕަރަލް ޢަބްދުﷲ ޒުހައިރެވެ.

މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން އެމްއެންޑީއެފްއިން ތިނަދޫ ސިޓީގައި ކުރިއަށްގެންދާ، ނަޞްރުގެ ދުވަހުގެ ފޮޓޯ މަޢުރަޒު، އެމްއެންޑީއެފް މިލިޓަރީ ޑިސްޕްލޭއާއި އާއިލީ ހަވީރު ތިނަދޫ ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މިމަހުގެ 7،8 ގައި ކުރިއަށްގެންދާ މި މައުރަޒު އޮންނާނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. 7 ނޮވެމްބަރުވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ކުރިއަށްދާނެއެވެ. އަދި 8 ނޮވެމްބަރު ވާ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން 12:00 އަށް، ހަވީރު 2:00 އިން އިރުއޮއްސި 6:00 އަށް އަދި ރޭގަނޑު 8:00 އިން 10:00 އަށް މައުރަޒު ކުރިއަށްދާނެއެވެ.


ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ނުރައްކާތެރި ޙާދިޘާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ވަނީ ޝަހީދުވެފައެވެ.