ޚަބަރު

އަބުރުގެއްލޭ ހުރިހާކަމެއް މާތް ﷲ ވަނީ ޙަރާމް ކުރައްވާފަ - ޤުބާދު


މާތް ﷲ އިންސާނާ މާތްކުރައްވާފައިވަނީ އެއްބަޔަކު އަނެއް ބައެއްގެ އަބުރަށް އަރައިގަނެ އެއްބަޔަކު އަނެއް ބަޔެއްގެ ޝަޚުސިއްޔަތު ކަތިލުމަށް ނޫން ކަމަށާއި، އަބުރުގެއްލޭ ހުރިހާ ކަމެއް މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަމަށް ދީނީ ޢިލްމުވެރިޔާ އަލްއުސްތާޒް މުޙައްމަދު ޤުބާދު އަބޫބަކުރު ވިދާޅުވެއްޖެއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވް އުސްތާޛު މުޙައްމަދު ޤުބާދު މިހެން ވިދާޅުވީ، ޕީ.އެސް.އެމުން ގެނެސްދޭ "އަބުރު ރައްކާތެރިކުރުން، ދީނީ އަދި އިންސާނީ ޙައްޤެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ 5 މަޤްޞަދުގެ ތެރެއިން 1 މަޤްޞަދުކަން ފާހަގަކުރައްވަމުން، އަލްއުސްތާޒް ޤުބާދު އަބޫބަކުރު ވިދާޅުވީ، އަބުރު ގެއްލޭ ހުރިހާ ކަމެއް އިސްލާމް ދީނުގައި ޙަރާމް ކުރައްވާފައިވާ ކަމަށާއި، މާތް ﷲ އިންސާނުން ހައްދަވާފައިވަނީ، ވަރަށް ކަރާމާތްތެރި، މާތް ބައެއްގެ ގޮތުގައި ކަމަށެވެ. އެނާ ވިދާޅުވީ، މާތް ﷲ ގެ ޙަޟުރަތުގައި އިންސާނާގެ އަބުރަށް ވަރަށް ބޮޑު ޙުރުމަތަކާއި، އަދި ރައްކާތެރިކަމެއް ދެވިފައިވާ ކަމަށެވެ.  

"އަބުރު ގެއްލޭ ހުރިހާކަމެއް މާތް ﷲ ވަނީ ހަރާމް ކުރައްވާފައި. އޭގެތެރޭގައި މީހުންނަށް ފުރައްސާރަ ކުރުންވެސް ވަނީ ޙަރާމް ކުރައްވާފައި. އެއީ އަބުރުގެއްލޭ ކަމަކަށްވާތީވެ، (ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ) އޭ އީމާން ވެއްޖެ މީސްތަކުންނޭވެ، އެއްބަޔަކު އަނެއްބަޔެއްގެ އަބުރަށް ފުރައްސާރަކޮށް އެބައިމީހުންގެ އަބުރަށް ހުތުރުވާގޮތަށް ވާހަކަނުދައްކާށޭ. (ޤުރުއާނުގެ އާޔަތެއްގެ މާނައިގައިވެއެވެ) އެހެނީ، ފަހަރެއްގައި ވެދާނޭ ތިޔަބައިމީހުން ތި ފުރައްސާރަ ކުރާ މީހުންނަކީ، ތިޔަބައިމީހުންނަށްވުރެ މާ ހެޔޮ, މާ މާތް ބަޔެއްކަމުގައިވެސް ވެދާނެއޭ. އަދި އަންހެނުންވެސް ފިރިހެނުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ނުކުރާށޭ." އަލްއުސްތާޛު ޤުބާދު އަބޫބަކުރު ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާއި، މާތް ރަސޫލު މުޙައްމަދު ސައްލަ ﷲ އަލައިހިވަސަލަމްގެ ޙަދީޘްފުޅުތަކުން އިންސާނުންގެ އަބުރާއި، ނަފްޒުގެ އިތުރުން އިންސާނުންގެ މުދާ ރައްކާތެރި ކޮށްދެއްވާފައިވާކަން ވަރަށް ރަނގަޅަށް ހާމަވެގެންދާކަން ފާހަގަކުރައްވަމުން، ކީރިތި ރަސޫލާ އިސްލާމީ އުންމަތާއި މުޚާތަބުކުރައްވައި ދެއްވި ޙައްޖަތުލްވަދާޢުގެ ޚުތުބާގައި އަބުރު ރައްކާތެރިކުރުމާ ގުޅޭގޮތުން ޙަދީޘްފުޅު ކުރެއްވި ބަސްފުޅުތަކުންވެސް އިންސާނާގެ އަބުރު ޙުރުމަތްތެރި ކުރައްވާފައިވާ މިންވަރު ހާމަވެގެންދާ ކަމަށް ޤުބާދު ވިދާޅުވިއެވެ.

"އެންމެ ފަހުގެ ވަދާޢީ ޚުތުބާގައި އެކަލޭގެފާނު ޙަދީޘް ކުރައްވަނީ، - "ތިޔަބައިމީހުންގެ ލެޔާއި، އޭގެ މާނައަކީ، އިންސާނީ ނަފްސުގެ ހުރުމަތް. އަދި ތިޔަބައިމީހުންގެ މުދަލާއި، ތިޔަބައި މީހުންގެ އަބުރު މާތްﷲ ވަނީ ހުރުމަތްތެރި ކުރައްވާފައޭ. އެއީ މި ޙައްޖު ދުވަހާއި، މި ޙައްޖު މަހާއި، މާތްވެގެންވާ މި މައްކާ ޙުރުމަތްތެރިކޮށްދެއްވި ފަދައިން، އިސްލާމުންގެ އަބުރާއި، އެބައިމީހުންގެ ނަފްސާއި، އެބައިމީހުންގެ މުދާ ﷲ ވަނީ ޙުރުމަތްތެރި ކުރައްވާފައޭ." އުސްތާޛު މުޙައްމަދު ޤުބާދު ވިދާޅުވިއެވެ.

މުސްލިމުންގެ އިއްޒަތް ނަގާލައި އެމީހުންގެ އަބުރު ކަތިލައި، ޝަޚްސިއްޔަތު ވައްޓާލުމަށްޓަކައި އެ މީހުންގެ ކަރާމަތަށް އުނިކަން ގެނައުމަކީ، އިސްލާމް ދީނުގައި އެންމެ ބޮޑެތި ފާފަ ނުވަތަ ކަބާއިރުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަންވެސް ޤުބާދު ފާހަގަކުރެއްވިއެވެ. އިސްލާމީ ޝަރީޢަތް މެދުވެރިކޮށް، މުސްލިމުންގެ އަބުރު މާތް ﷲ ޙުރުމަތްތެރި ކުރައްވާފައިވާ ކަމަށާއި، އަބުރާބެހޭ މީހުން ނުވަތަ އެފަދަ ދޫތައް މުޖުތަމަޢުގައި ގިނަވެއްޖެނަމަ، އެ މުޖުތަމަޢުގެ އެއްބައިވަންތަކަން މުޅިން ގެއްލިގެން ހިނގައިދާނެކަންވެސް އުސްތާޛު ފާހަގަކުރައްވާފައިވެއެވެ.