ޚަބަރު

ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރެއްވުމުގެ އެންމެ މަތިވެރި ޝަރަފު އައްޑޫ މީދޫ މޫސާ އަންވަރަށް


  • އޭނާވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައި

  • ޚިދުމަތް ފުރަތަމަ ފެއްޓެވީ ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްއިން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފު އައްޑޫ އަތޮޅު މީދޫ މޫސާ އަންވަރަށް އަރުވައިފިއެވެ. އޭނާވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ޞިއްޙީ ދާއިރާއަށްކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވާ އައްޑު އަތޮޅު މީދޫ މޫސާ އަންވަރަށް ޞިއްޙީ ޚިދުމަތުގެ އެންމެ މަތިވެރި ޝަރަފު އަރުވާފައެވެ. އޭނާ ޞިއްޙީ ދާއިރާއަށް ޚިދުމަތްކުރައްވަން ފެއްޓެވީ ޢުމުރުން 16 އަހަރުގައި އައްޑޫގައި އިނގިރޭސިން ތިބި ދުވަސްވަރު، ގަމުގައި ހުންނަ ރޯޔަލް އެއަރފޯސްގެ ރީޖަނަލް މެޑިކަލް ސެންޓަރުގައެވެ.

1977 ވަނަ އަހަރު މާލެއަށް ބަދަލުވެ، އޭރުގެ އެލައިޑް ހެލްތު ސަރވިސް ސެންޓަރުގައި ޕްރެކްޓިކަލް ނަރުހެއްގެ ގޮތުގައި މަސައްކަތްކުރެއްވިއެވެ. އެމުއްދަތުގެ ތެރޭގައި ނަރުހުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި، ފެމިލީ ހެލްތު ވޯކަރުން ތަމްރީންކުރައްވާ އޭރު ޚިދުމަތުގައި ތިއްބެވި ފޫޅުމައިންނަށް ޒަމާނީ ތަމްރީނުތައް ދެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކޮށްދެއްވިއެވެ.

އޭގެފަހުން މިނިސްޓްރީ އޮފް ހެލްތުގެ މަޤާމުތަކުގައި ޚިދުމަތް ކުރެއްވިއެވެ. ރާއްޖޭގެ އަތޮޅުތަކުގައި ޞިއްޙީ ޚިދުމަތް ފުޅާކުރުމަށް ޤާއިމްކުރި ހޮސްޕިޓަލުތައް ތަރައްޤީކުރުމުގައި މުހިއްމު ދައުރެއް އަދާކުރެއްވިއެވެ. މީގެއިތުރުން މާލޭ ސެންޓްރަލް ހޮސްޕިޓަލް އައިޖީއެމްއެޗަށް ބަދަލުކުރެއްވުމުގައި މުހިއްމު މަސައްކަތްތަކެއް ކުރެއްވިއެވެ. އެންމެ ފަހުން ޚިދުމަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައެވެ. މޫސާ އަންވަރުވަނީ ދިވެހި ދައުލަތަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޫސާ އަންވަރަށް ޢިއްޒަތް އެރުވުމަށް ނިންމެވީ ރާއްޖޭގެ ޞިއްޙީ ދައިރާ ކުރިއެރުވުމަށް ކުރެއްވި މަސައްކަތާއި ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރެއްވި މަސައްކަތް ފާހަގަކޮށް އެކަމުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.