ޚަބަރު

ބަޣާވަތަކުން ސަރުކާރު ބަދަލެއް ނުވާނެ - ޑިފެންސް މިނިސްޓަރ


ދިވެހިރާއްޖޭގެ އިސްލާމް ދީނާއި، ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލް ދެމެހެއްޓުމަށް އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޙިމާޔަތް ކުރެއްވުމަށް އަސްކަރިއްޔާގެ ހުރިހާ ވަޞީލަތްތަކެއް ބޭނުން ކުރައްވާނެކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝެނަލް ސެކިއުރިޓީ އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން 2018ގެ ނަމުގައި ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ދިވެހިރާއްޖޭގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމަށް އެއްވެސް ފަރާތަކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށާއި، އެކަމާއި ދެކޮޅަށް އަސްކަރިއްޔާގެ ހުރިހާ ވަސީލަތެއް ބޭނުންކުރައްވާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ ސިޔާސީ މަޞްރަޙު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށާއި ރާއްޖޭގެ އަސްކަރިއްޔާއާއި ސަރުކާރުގެ ބާރުހުރި ހުރިހާ މުވައްސަސާތަކެއް ގުޅި ލާމެހިފައިވާކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ރަނގަޅަށް މިދަނީ ރާއްޖޭގެ ސިޔާސީ މަޞްރަޙްގައި ކަންތައް ހިނގަމުންދާ ގޮތާއި ކަންކަންވަމުންދާ ގޮތް ވަރަށް ރަނގަޅަށް ބަލަމުން، ރާއްޖޭގެ އަސްކަރިއްޔާ ގައި ސަރުކާރުގެ ބާރުތައް ހުރި ހުރިހާ މުއައްސަސާއެއް ގުޅި މިއޮތީ ލާމެހިފައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އަސްކަރިއްޔާގެ ބާރުތަކުން ސަރުކާރު ބަދަލުކުރުމަށް ފުރުޞަތެއް ނުދޭނަން. އަޅުގަނޑުމެންގެ ހުރި ހުރިހާ ވަޞީލަތެއް ދިވެހިރާއްޖޭގެ އިސްލާމްދީނާއި ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކާ އަދި ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ހިޔާމަތް ކުރުމަށް ބޭނުންކުރަމުން ގެންދާނަން." މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ވެރިކަން ބަދަލު ކުރަން ބޭނުންނަމަ އެކަން ކުރަންޖެހޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި ބަޣާވާތަކުން ވެރިކަން ވައްޓާލުމަށް އެއްވެސް ފުރުޞަތެއް ނުދެއްވާނެކަމަށެވެ. އަދި ބަޣާވާތް ކޮށްގެން ވެރިކަން ވައްޓާލާފައިވާ ޤައުމުތަކުގައި އުފެދިގެންދާ މައްސަލަތަކާއި ގޮންޖެހުންތައް ފެންނަން އެބަހުރިކަމަށާއި އޭގެ ސަބަބުން ޤައުމުގެ އިޤްތިސާދު ފުނޑުފުނޑުވެ މުޖުތަމަޢު ވީރާނާ ވެގެންދާނެކަމަށް ވިދާޅުވިއެވެ. 

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު މި މޭރުމުން ވާހަކަ ފުޅު ދައްކަވާފައި މިވަނީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލާން އިދިކޮޅު ފަރާތްތަކުން މަސައްކަތްތަކެއްކުރާކަމަށް ބީބީސީން ގެނެސްދިން ރިޕޯޓެއްގައި ބުނެފައިވަނިކޮށެވެ.