ޚަބަރު

ޣައްޒާގެ ރައްޔިތުން އައްޑަނަތަކެއްގެ ގޮތުގައި ބޭނުންކުރިކަން އެމެރިކާއަށްވެސް އެނގޭ


ފަލަސްޠީނުގެ ޣައްޒާގެ ޢާންމު ރައްޔިތުންނަކީ "އިންސާނީ އައްޑަނަތަކެއްގެ" ގޮތުގައި ޔަހޫދީ ސިފައިން ބޭނުން ކޮށްފައިވާ ކަމަށާއި، ގަސްދުގައި އެ މީހުންގެ ފުރާނަ ނުރައްކަލަށް ހުށަހަޅާފައިވާ ކަން އެމެރިކާއަށް ކުރިން ވެސް އެނގިފައި އޮތް ކަން ހާމަވެއްޖެއެވެ. ޔަހޫދީންގެ މި ޖަރީމާތައް ހިންގާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުން ފެށިގެން ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ހިންގި ޤަތުލުޢާންމުގެ ތެރެއިންނެވެ.

ޣައްޒާ ޤަތުލުޢާންމާ ގުޅޭ ޖާސޫސީ މަޢުލޫމާތު އެމެރިކާއިން ވަނީ އެއްކޮށްފައެވެ. އެމެރިކާގެ މަޞްދަރުތަކުން ބުނީ، ޣައްޒާގެ ޢާންމު ރައްޔިތުންނަކީ އައްޑަނަތަކެއްގެ ގޮތުގައި ޔަހޫދީ ސިފައިން ބޭނުން ކޮށްފައިވާ ކަން، އެމެރިކާއިން އެއްކޮށްފައިވާ މަޢުލޫމާތުން އެނގި، ހާމަވެފައިވާ ކަމުގައެވެ. މި ގޮތުން، ޣައްޒާގެ މިނިވަން ކަމަށް ޖިހާދު ކުރާ ޙަމާސް ޖަމާޢަތުން ގޮވާތަކެތި ހަރުކޮށްފައި ހުރި ބިންގަރާސްތަކަކަށް ޣައްޒާގެ ޢާންމުން މަޖުބުރޫން ފޮނު
ވާފައިވާ ކަން އެމެރިކާގެ ސަރުކާރަށް އެނގޭ ކަމުގައި އެ މަޞްދަރުތަކުން ބުންޏެވެ. ރޮއިޓަރސް ނޫސް އޭޖެންސީއާ މި މަޢުލޫމާތު ހިއްސާ ކޮށްފައިވާ މަޞްދަރުތަކުގެ ނަން ހާމަކޮށްފައެއް ނެތެވެ.

ޔަހޫދީންގެ މި ޖަރީމާތައް ހިންގި އިރު އެމެރިކާގެ ރައީސް ކަމުގެ މަޤާމު ފުރުއްވަމުން ގެންދަވާފައި ވަނީ ޖޯ ބައިޑަނެވެ. ޣައްޒާގެ ރައްޔިތުންނަކީ އިންސާނީ އައްޑަނަތަކެއްގެ ގޮތުގައި ބޭނުން ކޮށްފައިވާ ކަމުގެ މަޢުލޫމާތު ވައިޓް ހައުސާ ހިއްސާ ކޮށްފައިވާ ކަމަށާއި، އެ ކަމާ ގުޅޭ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާތަކުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފައިވާ ކަމުގައި ވެސް މަޞްދަރުތަކުން ބުންޏެވެ. މި ކަން ހިނގާފައި ވަނީ ބައިޑަންގެ ވެރިކަމުގެ ފަހު ހަފުތާތަކުގައެވެ. މި ގޮތަށް، ޢާންމު ރައްޔިތުންނަކީ އައްޑަނަތަކެއްގެ ގޮތުގައި ބޭނުން ކުރުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ޔަހޫދީން ހިންގާފައިވާ ހަނގުރާމައިގެ ކުށެކެވެ. އަދި، ލާއިންސާނީ ޖަރީމާއެކެވެ.

އިންސާނީ އައްޑަނަތަކެެއްގެ ގޮތުގައި ޔަހޫދީ ސިފައިން ޣައްޒާ ރައްޔިތުން ބޭނުން ކުރަމުންދާ ކަމުގެ ރިޕޯޓުތައް މީޑިޔާތަކުން ކުރިން ވެސް ދިޔައީ ކުރަމުންނެވެ. އެ ކަން ފާހަގަކޮށް ބައިޑަން ސަރުކާރުގެ ބައެއް އިސް އޮފިޝަލުން ކަންބޮޑުވުން ފާޅުކުރަމުން ގޮސްފައިވީ ނަމަވެސް، ބައިޑަންގެ ސަރުކާރުން އެ ކަމާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނެތެވެ. ޔަހޫދީންގެ މި ފަދަ ލާއިންސާނީ ޖަރީމާތައް ހިންގަމުން ގޮސްފައި ވަނީ އެމެރިކާއަށް އެނގި، އެ ކަމާ މެދު ބަހެއް ނުބުނެ، ހަނު ހުރުމުން ކަން މިއަދު މި ވަނީ މުޅި ދުނިޔެއަށް ފަޅާއަރާފައެވެ. އަދި، އެމެރިކާ މި ވަނީ ބޭޒާރުވެފައެވެ.