ޚަބަރު

ބިރުދެއްކިޔަސް ރައީސް ޔާމީން އިސްތިއުފާއެއް ނުދެއްވާނެ - ނިހާން


ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަގުމަތިން ވައްޓާލުމުގެ އެއްވެސް ފުރުޞަތެއް ނުދޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކް ވިދާޅުވެއްޖެއެވެ. ނިހާން މިހެން ވިދާޅުވީ، ޕީޕީއެމުން ރޭ ފުވައްމުލަކުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ޔާމީން 2018ގެ ނަމުގައި ފުވައްމުލަކުގައި ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، ޤާނޫނީ ގޮތުން އުފެދިފައިވާ މި ސަރުކާރު މަގުމަތިން ވައްޓާލުމަކީ ކުޅަދާނަ ކަމެއް ނޫންކަމަށާއި ރައީސް ޔާމީނަކީ އެއަށްވުރެ މާ ޤާބިލް ބޭފުޅެއްކަމަށެވެ. 

"އަޅުގަނޑަށް ޔަގީންކަމާއި އެކީގައި ދަންނަވަން ކެރިދާނެ ބަޑި ހިފައިގެން ތިބި ބަޔަކު އެއީ ސީދާތޯ ނުވަތަ ނޫންތޯ އަޅުގަނޑަކަށް ނޭނގޭ، އައިސް ބަޑި ބޮލުގައި ޖައްސާފައި އިސްތިއުފާގެ ސިޓީ މިއޮތީއޭ ސޮއިކުރާށޭ މިހާރުގެ ރައީސް ޔާމީނު އަރިހުގައި ދެންނެވިޔަސް މަރުވެގެން ވެއްޓުނަސް އެ ސިޓީގައި ސޮއެއް ނުކުރައްވާނެ. މަރުވެގެން ވެއްޓުނަސް އިސްތިއުފާނެ ސިޓީގައި ސޮއެއް ނުކުރައްވާނެ. އެހެންވީމާ ޔަޤީން ކުރައްވާ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަން މަގުމަތިން ވައްޓާލުމަކީ ކުޅަދާނަ ކަމެއްނޫން." ނިހާން ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/9661.jpg|ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު - ފައިލް ފޮޓޯ: މަޖިލިސް

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަޞީހު ވިދާޅުވީ، ކޮންމެ ދުވަހަކު ވެސް ސިޔާސީ ދަނޑުގައި ކުޅެގެން މޮޅުވަނީ ރައީސް އަބްދުﷲ ޔާމީންގެ ޓީމު ކަމަށާއި ރައީސް ޔާމީންގެ ޓީމާ ވާދަކުރެވޭހާ ފެންވަރު އިދިކޮޅު ޓީމުގައި ނެތްކަމަށެވެ.

މަޞީހް ވިދާޅުވީ، މިސަރުކާރު ވައްޓާލުމަށް ބަޔަކު މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގެ މިދައުރު ފުރިހަމަ ކުރައްވާ އަދި ދެހާސް އަށާރަވަނަ އަހަރުގައި ބާއްވަވާ ރިޔާސީ އިންތިޙާބުވެސް ރައީސް ޔާމީން ކާމިޔާބު ކުރައްވާނެކަމަށެވެ. 

"އަޅުގަނޑުމެން މި ކުޅޭ ސިޔާސީ މެޗްގައި އިދިކޮޅު އެއްވެސް ފަރާތަކަށް ހިފަހައްޓާ ނުލެވިގެން މިދަނީ. ހިފަހައްޓާ ނުލެވުނީމާ މިހަދާ ގޮތަކީ އަޅުގަނޑުމެން ބޯޅަ ހިފައިގެންދާއިރު ކޮންމެސް ގޮތަކުން ސޯޓު ބާލަން އުޅެނީ. އެހެން މިއެއް މޮޅެއް ނުވާނެ. މި މޮޅުވާން ޖެހޭނީ ކުޅެގެން. އަޅުގަނޑުމެން ކުޅެގެން މި ދަނޑުގައި ސިޔާސީ ދަނޑުގައި މޮޅުވެގެން މި ދަނީ ކޮންމެ ދުވަހަކު. އިރާދަކުރެއްވިއްޔާ 2018ވަނަ އަހަރުގެ ރިޔާސީ ތަށި ހިއްޕަވައިގެން ފައިބާ ބަޑައިގަންނަވާނީ ރައީސް ޔާމީންގެ ޓީމް". މަޞީޙް ވިދާޅުވިއެވެ. 

img:http://s4.psmnews.mv/images/660x400/3767.jpg|ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހް- ފޮޓޯ: މަޖިލިސް

މިޖަލްސާގައި ވާހަކަދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަޙީމް އަބްދުﷲ ވިދާޅުވީ، މި ސަރުކާރުން ބޭނުންވަނީ ދިވެހި ރާއްޖޭގެ އިސްތިޤްލާލާއި ސިޔާދަތު ރައްކާތެރިކޮށް ރާއްޖެއަކީ ފުދުންތެރި ޤައުމަކަށް ހަދަންކަމަށާއި އިދިކޮޅު ފަރާތްތަކުން ދައްކާ ހަޤީޤަތާ ޚިލާފު ވާހަކަތަކަށް ރައްދު ދިނުމަކީ ބޭކާރު ކަމެއްކަމުގައެވެ. 

img:http://s2.psmnews.mv/images/660x400/2741.jpeg|ޕީޕީއެމް ގެ ނައިބް ރައީސް އަބްދުއްރަހީމް

"މި ޤައުމަށާއި މިޤައުމުގެ ރައްޔިތުންނަށް ހެޔޮއެދޭ އެއްވެސް ބަޔަކު ދިވެހި ރައްޔިތުންނަށް ގެއްލުންދޭކަން ނުރާވާނެ. ދިވެހި ޤައުމު އަނދަވަޅެއްގެ ތެރެއަށް ވައްޓާލާކަށް ނުވިސްނާނެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން ނުރާވާނެ.އެފަދަ މީހުންނަކީ ޤައުމަށްވެސް ހެޔޮއެދޭނެ މީހުންނެއްނޫން. ރައްޔިތުންނަށްވެސް ހެޔޮއެދޭނެ ބައެއްނޫން. ރަށަކަށްވެސް ހެޔޮއެދޭނެ ބައެއްނޫން. އަތޮޅަށްވެސް ހެޔޮއެދޭނެ ބައެއްނޫން. އަވަށަށްވެސް ހެޔޮއެދޭނެ ބައެއްނޫން. އެފަދަ މީހުންނަށް މި ޤައުމުން ޖާގަ ދޭކަށް އަޅުގަނޑުމެން ބޭނުމެއްނޫން. އަޅުގަނޑުމެންގެ އެ ހިތްވަރު އެބަހުރި. އެބުންވަރު އެބަހުރި. އެފަންވަރު އެބަހުރި. އެހެންވެގެން މި ދަންނަވަނީ މި ސަރުކާރު ވައްޓައެއް ނުލެވޭނެއޭ. މަގުމަށް ނިކުމެގެން އެކަމެއް ނުވާނެ. ޤާނޫނީ ގޮތުން އުފެދިފައިއޮތް ސަރުކާރު ޤާނޫނާ ޚިލާފަށް ވައްޓާލަން އަޅުގަނޑުމެން ޖާގައެއް ނުދޭނަން." އަބްދުއްރަހީމް ވިދާޅުވިއެވެ. 

މި ޖަލްސާގައި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ހިންގަވާ ކޯލިޝަންގެ މެމްބަރުން ވާހަކަ ދެއްކެވިއެވެ. މި ޖަލްސާގައި ފުވައްމުލަކުގެ ގިނަ އަދަދެއްގެ ޒުވާނުންނާއި އާންމުން ބައިވެރިވެފައިވެއެވެ.