"އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިިން ވިދާޅުވީ، "ރެހެންދި އެވޯޑް" ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ކަންކޮޅުތަކުގައިވާ ގިނަ އަންހެނުންގެ އަޑު އައްސަވާ، ހާލަތު ދެނެވަޑައިގެންނެވިކަމަށެވެ. އަދި އިޤްތިޞާދީ ގޮތުން ކުރިއެރުމަށް ހުރި ދަތިތަކުގެ ވާހަކަތައް އޮޅުން ފިލުއްވިކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފާހަގަވެގެންދިޔަ އެއްކަމަކީ ވިޔަފާރި ފެއްޓުމަށް ނުވަތަ ފުޅާކުރުމަށް އަންހެނުންނަށް ހުރި ދަތިތައްކަމަށާއި، ވެރިކަމަށް ވަޑައިގެން އެކަންކަމަށް ހައްލު ހޯއްދެވުމަށް މުހިންމު މަސައްކަތްތަކެއް ރައީސް ކުރެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ރައީސް އެޅުއްވި ފިޔަވަޅުތަކާއެކު އަންހެނުން އިޤްތިޞާދީގޮތުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"މިކަމަށް ނިމުމެއް ގެންނެވުމަށްޓަކައި އަންހެނުންނަށް ޚާއްސަ 100 މިލިޔަން ރުފިޔާގެ ލޯނު ސްކީމެއް އެކުލަވާލައްވައި އަދި އެލޯން ސްކީމަކީ ޝާމިލް ކުރުވަނިވި ލޯން ސްކީމް އެއްގެ ގޮތަށް ހެއްދެވުމަށްޓަކައި ލޯން ސްކީމްގެ %25 ނުކުޅެދުންތެރިކަން ހުރި އަންހެނުންނަށް ޚާއްސަ ކުރެއްވި. އިޤްތިޞާދީ ގޮތުން އަންހެނުން ބާރުވެރިކުރުމަށް މި ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ނަތީޖާ މިއަދު ދަނީ ފެންނަމުން. 83 ފަރާތަކަށް ވަނީ މިލޯން ދެވިފައި." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ޤައުމު ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުކޮށް، ކަންކަން ނިންމާ ފެންވަރުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށެވެ. އަދި މި ސިޔާސަތާއި އެއްގޮތަށް ޢައްޔަންކުރެވޭ މަޤާމްތަކުގައި އަންހެނުންގެ ނިސްބަތް އިތުރުކުރެވިފައިވާކަން ފާހަގަކުރައްވާ އެކަމުގެ ބައެއް ތަފްސީލު ވަޒީރު ހިއްސާކުރެއްވިއެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ޢައްޔަންކުރެވޭ އަންހެނުންގެ ނިސްބަތް 27 އިންސައްތައަށް ވަނީ އިތުރުކޮށްފައި. އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އާސަންދަ ކޮމްޕެނީ ލިމިޓެޑް، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތީރިޓީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްފަދަ އިދާރާތަކުގެ އެންމެ އިސް މަޤާމްތަކުގައި މިއަދު ތިއްބެވީ އަންހެނުންކަން އުފަލާއިއެކު ފާހަގަކުރަން. އަދި މިނޫންވެސް އެތައް އަގުހުރި ބުރަ މަސައްކަތްތައް ކުރައްވަމުން ގެންދަވާ އެތަކެއް އަންހެން ބޭފުޅުން ގިނަ މަގާމުތަކެއްގައި އެބަ ތިއްބެވި." ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވިއެވެ.
އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އަންހެނުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުރިއަށް ދިއުމުގައި ގިނަ މަސައްކަތްތަކެއް އަދިވެސް ކުރަން އެބަ ހުރިކަމަށެވެ.
އަންހެނުންގެ ކުރިއެރުމަށް އޮތް މައިގަނޑު އެއް ހުރަހަކީ އަންހެނުންނަށް އެކި ގޮތްގޮތުން ކުރާ އަނިޔާކަން ފާހަގަކުރައްވާ މިކަން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ތެރޭގައި، ޚާއްސަ އިސްކަމެއްދީގެން ޤާނޫނުތަކާއި ޤަވާއިދުތަކަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މި އިސްލާހުތަކުގެ ތެރެއިން މިހާރު އުފެދެމުން އަންނަ މައްސަލަތަކަށް ރިޢާޔަތްކޮށް ޤާނޫނީގޮތުން އަންހެނުންގެ ޙައްޤުތަކާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރު ފިޔަވަޅުތައް އެޅިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.