ޚަބަރު

ތަޢުލީމީ ނިޒާމު ބައްޓަން ކުރާނީ ދެމެހެއްޓެނިވި ގޮތެއްގައި ނަތީޖާ ނެރެވޭގޮތަށް: ރައީސް


  • ތައުލީމީ ދާއިރާގެ 150 މަޝްރޫޢެއްގެ މަސައްކަތް ދަނީ ކުރަމުން

  • އޭލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ކިޔަވައިދޭނެ ސްކޫލްތައް އިތުރުކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ނަތީޖާ ނެރެވޭނެ ގޮތަކަށް ތަޢުލީމީ ނިޒާމް ބައްޓަން ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް 2 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިްޔާ ވަނީ ތަޢުލީމީ އަދި މަތީ ތަޢުލީމްގެ ދާއިރައިން ހާސިލްކޮށްފައިވާ ކާމިޔާބުތަކާއި ކުރައްވަމުން އަންނަ މަސައްކަތްތައް ހާމަކުރައްވާފައެވެ.

ތަޢުލީމީ ދާއިރާއަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ގްރޭޑް 10 ނިންމާ ދަރިވަރުންގެ ފާސްވާ އިންސައްތަ ދަށްކަމަށެވެ. ނަމަވެސް މިވީ 2 އަހަރުގެ ތެރޭގައި ގްރޭޑް 10 ނިންމާ، މަތީ ސާނަވީގައި ބައިވެރިވި ދަރިވަރުންގެ އިންސައްތަ %31 އިން %49 އަށް މަތިކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ތަޢުލީމީ ދާއިރާއިން 3 ޕާތްވޭއެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އޭގެ ތެރޭގައި އެކަޑަމިކް، ވަރކް ބޭސް އަދި ވޮކޭޝަނަލް އެޑިއުކޭޝަން ހިމެނޭކަމަށެވެ. ރައީސް ވިދާޅުވީ އޯލެވެލް ނިންމުމަށްފަހު އޭލެވެލްއަށް ކިޔަވާ ކުދިންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ކިޔަވައިދޭނެ ސްކޫލްތައް އިތުރުކުރުމުގެ މަސައްކަތްތައް ޕްލޭނެއްގެ ދަށުން ކުރައްވަމުން ގެންދަވާކަމަށެވެ.

"ސްކޫލް ނިންމާ މަރުހަލާއަކީ ގްރޭޑް 12 އަށް ހެދުމަށް މިގޮތަށް މަސައްކަތް ކުރަނީ. އޭލެވެލް އަށް ކިޔަވާ ކުދިން ގިނަވުމުގެ ސަބަބުން މަތީ ތަޢުލީމަށް ދާން ލިބޭ ފުރުޞަތުތައް ގިނަވުމުގެ ސަބަބުން މުޅި ރާއްޖޭގައި ތަޢުލީމީ މުޖުތަމައެއް ބިނާވެގެން ދިޔުމުގެ ފުރުޞަތު ބޮޑުވެގެންދާނެ." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ މުޅިން އަލަށް އަންނަ އަހަރު ރާއްޖޭގެ ޕްރައިމަރީ ދަރިވަރުން ބައިނަލްއަޤްވާމީ ޓެސްޓެއްގައި ބައިވެރިކޮށް ބެންޗްމާރކް ކުރެވޭނެކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ތަޢުލީމީ ދާއިރާގެ އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިދިޔަ ސަރުކާރުން ފަށާފައިވާ މަޝްރޫޢުތަކާއެކު 150 މަޝްރޫޢެއްގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަދަމުންދާ ސްކޫލް އިމާރާތުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މަސައްކަތް ނިންމާ ދިރާސީ އަހަރަށް ސްކޫލްތަކަށް އިތުރުކުރުމުގެ މަސައްކަތް ކުރައްވާކަމަށވެ ރައީސް ވިދާޅުވިއެވެ.

"އުމްރާނީ ގޮތުންނާއި އިންސާނީ ގޮތުން މީހުން ބިނާކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދަން. މީގެ ސަބަބުން އެއް ސެޝަނަށް ބަދަލު ނުކުރެވޭ ސްކޫލްތައް ބަދަލުކުރުން ފަދަ ކަންކަން ކުރިއަށްގެންދެވޭނެ. ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ދިވެހި މުދައްރިސުން ބިނާކުރުމުގެ މުހިއްމު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރުން ޚާއްސަ އިނާޔަތެއް ފޯރުކޮށްދީގެން 190 ދަރިވަރުން މުދައްރިސުކަމުގެ ތަމްރީން ހަދަމުންދާކަމަށާއި، މިގޮތަށް ކުރަމުންދާ މަސައްކަތުގެ ނަތީޖާ ރަނގަޅުވެގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މަތީ ތަޢުލީމް އިތުރަށް ވަރުގަދަކުރުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްލާމީ ޔުނިވަރސިޓީއާއި ޤައުމީ ޔުނިވަރސިޓީގެ ކެމްޕަސްތައް ތަރައްޤީކުރުމުގެ މަސައްކަތް ފަށާފައިވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން މީގެ ކުރިން އަތޮޅުތަކުގައި އެމްއެންޔޫގެ 4 ކެމްޕަސް ހުރިނަމަވެސް މިހާރު 26 މަޝްރޫޢުއެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރައްވާކަމަށާއި އައިޔޫއެމްގެ 12 މަޝްރޫއެއް ކުރިއަށްގެންދިޔުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

ސަރުކާރުން ބެނުންވަނީ ރާއްޖޭގެ އެކި ކަންކޮޅޫތަކަށް މަތީތަޢުލީމްގެ ފުރުޞަތުތައް ފުޅާކޮށް އެކި ސަރަޙައްދުތަކުން ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ 3 ސަރަޙައްދެއްގައި ލޭންގުއޭޖް ސްކޫލް ޤާއިމްކުރުން ހިމެނޭކަން ފާހަގަކުރައްވާ އެތަންތަނުން ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ އެކި ބަސްތައް ދަސްކޮށްފައި ތިބި ޒުވާނުން އުފެއްދޭނެކަމަށް ވިދާޅުވެފައެވެ. މި ލޭންގުއޭޖް ސްކޫލްތައް ޤާއިމްކުރުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ސިޓީއާއި އައްޑޫ ސިޓީއާއި ލ. ފޮނަދޫގައެވެ.