ތަރައްްޤީ

"އެއްފަހަރާ 45 ޕްރޮޖެކްޓް, އެމް.ޑަބްލިއު.އެސް.ސީއަށް ހިންގޭނެ"


ރާއްޖޭގެ ކަންކޮޅުތަކުގައި އެއްފަހަރާ 45 ޕްރޮޖެކްޓް ހިންގުމުގެ ޤާބިލުކަން ލިބިގެންވާ ކުންފުންޏަކަށް އެމް.ޑަބްލިޔު.އެސް.ސީ ހަދާނެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މުހިއްމު ދައުރެއް އަދާކުރާ އެއް ކުންފުންޏަކީ، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީއެވެ. ޚާއްޞަގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެނާއި، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ޔަޤީންކޮށްދެއްވުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ޙާޞިލުކުރުމަށްޓަކައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެނާއި ނަރުދަމާއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް މިހާރުވެސް ދަނީ ހިންގަމުންނެވެ.

1995 ވަނަ އަހަރު އުފެއްދުނު އެމް.ޑަބްލިޔު.އެސް.ސީއިން މީގެ ކުރިން ހިންގަމުން އައީ އަހަރެއްގެ މައްޗަށް އެވެރެޖްކޮށް ފެނާއި ނަރުދަމާއާ ގުޅުންހުރި 5 ނުވަތަ 8 މަޝްރޫޢެވެ. އެހެންނަމަވެސް މިދިޔަ އަހަރު 15 މަޝްރޫޢު ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އެއްފަހަރާ ހިންގާފައިވެއެވެ. އެކުންފުނިން ރައްޔިތުންނަށް ދެމުން އަންނަ ޚިދުމަތްތައް ތަރައްޤީކުރުމަށް ފާއިތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި ކޮށްފައިވާ މަސައްކަތުން މިއަހަރު އެއްފަހަރާ ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދަދު 30 އަށް އިތުރުކުރެވިފައިވާކަމަށް އެމް.ޑަބްލިޔު.އެސް.ސީއިން ފާހަގަކުރެއެވެ.

img:http://s2.psmnews.mv/images/660x400/14722102989687.jpg|އިހަވަންދޫގެ ނަރުދަމާނިޒާމްގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ރިޟްވާން، ޕީއެސްއެމް

އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ ފުންނާބު އުސް ކުންފުނީގެ ޙައިޞިއްޔަތުން މަސައްކަތްކޮށް، ރައްޔިތުންގެ މަޤުބޫލުކަމާއި، އިތުބާރު ހޯދުމަކީ އެކުންފުނީގެ އަމާޒެއްކަމަށެވެ. އެގޮތުން މިއަހަރުގެ ތެރޭގައި އިތުރު 5 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމައި، ޚިދުމަތް ފެށޭނެކަމަށް ފަޒުލް ވިދާޅުވިއެވެ. އަދި އިތުރު 5 ރަށެއްގައި މިއަހަރުގެ ތެރޭގައި މިފަދަ މަޝްރޫޢުތައް ހިންގުމަށް އެކުންފުނިން މިހާރު ތައްޔާރުވަމުން އަންނަކަން ފަޒުލް ފާހަގަކުރެއްވިއެވެ. ފަޒުލް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 45 ޕްރޮޖެކްޓް އެއްވަގުތެއްގައި ހިންގުމުގެ ޤާބިލުކަން ހުރި ކުންފުންޏަކަށް އެމް.ޑަބްލިޔު.އެސް.ސީ ހެދުމަށް މަސައްކަތް ކުރާނެކަމަށެވެ. އަދި އެކުންފުނިން ޙަވާލުވާ ކޮންމެ މަޝްރޫޢުއެއްވެސް ދީފައިވާ މުއްދަތައްވުރެ އަވަހަށް، އެ މަސައްކަތެއް ނިންމުމަށް އިސްކަންދޭނެކަމަށެވެ.

"މިދިޔަ އަހަރު ޕްރޮޖެކްޓެއް ހިންގުމުގެ ޤާބިލުކަމަކީ އެއް ދަނޑިވަޅެއްގައި އެންމެ 15 ޕްރޮޖެކްޓް. މިއަހަރު ޖުމްލަ 30 ޕްރޮޖެކްޓް ހިންގުމުގެ ޤާބިލުކަން ކުންފުންޏަށް ވަނީ ލިބިފައި. މި އިތުރު ކުރެވެނީ ވަޞީލަތްތައް. މި އިތުރު ކުރެވެނީ ފައިސާ، އަދި މި އިތުރުކުރެވެނީ މުވައްޒަފުން. މިއީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި ކުރެވޭ މަސައްކަތްތަކެއް. ޒުވާނުންނަށް ތަނަވަސްކޮށްދެވޭ ވަޒީފާގެ ފުރުޞަތުތަކެއް. އަދި ޢާއިލާތައް ދުޅަހެޔޮކަމާއި އުޖާލާކަންމަތީ ދެމިތިބުމަށްޓަކައި ކުރެވޭ މަސައްކަތްތަކެއްވެސްމެ" ފަޒުލް ވިދާޅުވިއެވެ.

ރަށްރަށުގައި ފެނާއި ނަރުދަމާ ޤާއިމުކުރުމަކީ ދައުލަތުން ވަރަށް ބޮޑު ހޭދައެއް ކުރައްވާ ކަމަކަށްވެފައި، ދެމެހެއްޓެނެވި ގޮތެއްގައި މިފަދަ ނިޒާމްތައް ބެލެހެއްޓުމަކީ އެރަށެއްގެ ނުވަތަ އެ މުޖުތަމަޢެއްގެ ކުރިއެރުމަށާއި، ތަރައްޤީއަށް މުހިއްމު ކަމެއްކަން ފަޒުލް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކުންވެސް އެފަދަ ކަންކަން ކަށަވަރުކުރެއްވުމަށް ފަޒުލް އެދިވަޑައިގެންނެވިއެވެ.

img:http://s4.psmnews.mv/images/660x400/14722856618894.jpg|ނޮޅިވަރަމް ނަރުދަމާ ނިޒާމްގެ އަމަލީ މަސައްކަތް ފެށުން / ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

"ދެމެހެއްޓެނިވި ގޮތެއްގައި ފެނާއި ނަރުދަމާ ބެލެހެއްޓުމަށް ކޮންމެ ރަށަކުންވެސް އިސްކަންދޭންޖެހޭ. ކައުންސިލުންވެސް އެކަން ޔަޤީންކޮށްދެއްވަންވާނެ. ދާއިމީގޮތެއްގައި ފެނާއި، ނަރުދަމާ ބެލެހެއްޓުމަކީ ރައްޔިތުންނަށް އޭގެ މަންފާ ލިބޭނެ ކަމެއް. މިއީން ކޮންމެ މަޝްރޫޢަކާއެކުވެސް، ސަރުކާރުގެ އަމާޒު ހިފާފައި މިއޮންނަނީ ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދީ، ޢާއްމު ދިރިއުޅުމަށް ގެންނަންޖެހޭ އިންޤިލާބު ގެނެސް، ދުޅަހެޔޮކަން އިތުރުކުރުމަށް. ނަރުދަމާ އެޅުނީމަ ޢާއިލީ ދުޅަހެޔޮކަން އިތުރުވެގެންދާނެ. ބަލިމަޑުކަން މަދުވެގެންދާނެ" ފަޒުލް ވިދާޅުވިއެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން އެކުންފުންޏަށް ބޭނުންވާ އިކުއިޕްމަންޓާއި، މެޝިނަރީ ހޯދުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު، މަސައްކަތަށް ބޭނުންވާ ފަންނީ މީހުން ތަމްރީންކުރުމުގެ މަސައްކަތްވެސް އެމް.ޑަބްލިޔު.އެސް.ސީއިން އަންނަނީ ކުރަމުންނެވެ.