ޚަބަރު

ރާއްޖެއާބެހޭ ދޮގު މަޢުލޫމާތު ފަތުރާނަމަ ޤާނޫނީ ފިޔަވަޅު އެޅޭނެ


ރާއްޖެއާ ބެހޭގޮތުން ބޭރުގެ ފަރާތްތަކަށް ދޮގު މަޢުލޫމާތުދީ އަދި ދޮގުވާހަކަ ފަތުރާ ފަރާތްތަކާމެދު ޤާނޫނު އަސާސީގެ ދަށުން ފިޔަވަޅު އެޅޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަޙްމަދު ނިހާން ޙުޞައިން މަނިކު ވިދާޅުވެއްޖެއެވެ.

ރޭ ޓީވީއެމްއިން ގެނެސްދިން "އަބުރު ރައްކާތެރިކުރުން – ދީނީ އަދި އިންސާނީ ޙައްޤެއް" މިޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިހާން ވިދާޅުވީ ދިވެހިރާއްޖޭގެ އިޤްތިޞާދަށާއި ރާއްޖެއަށް ގެއްލުންވާ ގޮތަށް ދޮގު މަޢުލޫމާތު ދީފައިވާނަމަ އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ ޤާނޫނުގެ އިތުރުން އިތުރު ޤާނޫނުތަކުގެ ދަށުންވެސް އެފަރާތްތަކާމެދު ފިޔަވަޅުއެޅުމުގެ ފުރުޞަތު އެބައޮތް ކަމަށެވެ. އަދި އެފަދަ ރިޕޯޓެއް ތައްޔާރުކުރުމަށް އެހީތެރިވެދޭ ފަރާތްތަކާއި އެ ރިޕޯޓެއް ބްރޯޑްކާސްޓްކޮށް އަދި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދުވެސް ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށް ނިހާން ވިދާޅުވިއެވެ.

"އެއީ ދޮގު ވާހަކައެއް ކަމަށް ވެއްޖެއްޔާ އަނެއްކާވެސް ތަކުރާރުކޮށް މި ދަންނަވަނީ އެވާހަކަތައް ކޯޓުގައި އެބޭފުޅުންނަށް ޕްރޫވްކޮށް ނުދެވޭވަރުގެ ވާހަކަތަކެއް ވެއްޖެއްޔާ އޭގެ ޒިންމާ އެބޭފުޅުން ނަގަންޖެހޭނެ. އަދި އެއާ ގުޅިގެން އެވާހަކަ ފެތުރުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކާއި އެ އުފައްދާ ފަރާތާއި އަލުން ލިޔެ ބްރޯޑްކާސްޓްކޮށް އަދި ރީބްރޯޑްކާސްޓްކުރާ ފަރާތްތަކާއި މި ހުރިހާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ، ދަޢުވާ ކުރާނެ ހަމަތައް މި ޤާނޫނު (އަބުރު ރައްކާތެރި ކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގައިވެސް ބަޔާން ކުރެވިގެންވޭ. އަދި މިނޫނަސް އެހެން ޤާނޫނުތަކުގައިވެސް އެބަހުރި މި ހަމަތައް ބަޔާން ކުރެވެފައި." ޕީޕީއެމްގެ ޕާލިމެންޓްރީ ލީޑަރ އަޙްމަދު ނިހާނު ޙުސެޢިން މަނިކު ވިދާޅުވިއެވެ.