ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ފެށިފަހުންވެސް ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވާ ބަދަލުތަކެއް ފެނިފައި ނުވާ ކަމީ ފެންނަން އޮތް ހަޤީޤަތެކެވެ. މިކަން ހާމަވާ އެންމެ ބޮޑު ހެއްކަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫން ހިންގުމުގެ ޤާނޫނަށް މިހާތަނަށް 17 އިސްލާހެއް ގެނެސްފައިވުމެވެ.
ކައުންސިލްތަކަކީ ރައްޔިތުން ބޭނުންވާ ކަންކަން ސަރުކާރާއި ހަމައަށް ގެނެސްދޭ މެދުވެރިއަކަށް ހަދައި، ރައްޔިތުންގެ ބޭނުންތަށް ފުއްދޭނެ، ހަރުދަނާ ހިންގުމުގެ ނިޒާމެއްގެ ތެރެއިން މަސައްކަތް ކުރާ ބަޔަކަށް ހެދުމަށް، ސަރުކާރުން ޤާނޫނު އަސާސީ އަދި ޤާނޫނުތަކަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެއެވެ. އަންނަ އަހަރު އެޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާއިރު، މިހާރު މިއަންނަ ބަދަލުތަކަކީ ނިޒާމީ ގޮތުން އެންމެ ބޮޑު ބަދަލަށް ވެގެންދާނެއެވެ.
އެންމެ މުހިންމު އެއް ބަދަލަކީ، މި ނިޒާމު ތަޢާރަފްވީސުރެ އޮތް އަތޮޅު ކައުންސިލުތައް އުވާލުމެވެ. އަތޮޅު ކައުންސިލްތައްވީ ކަންކަން ނިންމުމުގައި ލޯކަލް ގަވަމެންޓް އޮތޯރިޓީއާއި ރަށު ކައުންސިލް ދެމެދު ކަންކަން ދިގުލައިގެންދާ ގޮތަށް އޮތް ނިޒާމީ ފަށަލަައަކަށެވެ. އަތޮޅު ކައުންސިލްތަކުގެ ތާރީޚަށް ބަލާއިރު ފުރަތަމަ ޤާނޫނު އައިއިރު ކައުންސިލަށް ވަކިން މެންބަރުން އިންތިޚާބު ކުރަން އޮތް ނަމަވެސް ފަހުން، ރަށު ކައުންސިލުގެ ރައީސުންނާއި ސިޓީ ކައުންސިލުގެ މޭޔަރ ހިމެނޭ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނެވި އިންތިޚާބު ކުރަން އޮތީ ހަމައެކަނި ރައީސްއެވެ.
އަތޮޅު ކައުންސިލުން ކުރަން ޖެހޭ ކަމަކީ ރަށު ކައުންސިލްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ ކައުންސިލްތައް ހިނގާނުހިނގާ ގޮތް ބެލުމެވެ. ނަމަވެސް މިކަންކަން ކުރުމަށް ލޯކަލް ގަވަރމެންޓް އޮތޯރިޓީއާއި ޤާނޫނުން އެ ޒިންމާ ހަވާލުކޮށްފައިވުމުން އަތޮޅު ކައުންސިލްތަކުގެ ހަޤީޤީ ދައުރަކީ ކޮބާކަން ސާފެއް ނޫނެވެ. މީގެ އިތުރުން ކައުންސިލްތައް ހިނގާނުހިނގާ ގޮތް ބެލުމަށް އޮންނަ މި އިދާރާގެ މެންބަރުންގެ ގޮތުގައި ތިބެނީ އެ އަތޮޅެއްގެ ރަށު ކައުންސިލްތަކުގެ ރައީސުންކަމުން މިއީ ހަޤީޤަތުގައި ރަށު ކައުންސިލަކުން ނިންމާ ކަމެއް ވިލަރެސް ކުރެވޭނެ ގޮތާއި މެދު ނިޒާމީ ގޮތުން ސުވާލު އުފެދެއެވެ.
އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނު އަސާސީ އަދި ގުޅުންހުރި ޤާނޫނުތައް ތަސްދީޤު ކުރެވުމާއެކު މިހާރު އިންތިޚާބުކޮށްފައިވާ އަތޮޅު ކައުންސިލްތުގެ ދައުރު ހަމަވުމުން މުޅި ފަށަލަ އެއްކޮށް އުވިގެންދާނެއެވެ. މުޅި އެކު 18 އަތޮޅު ކައުންސިލެއް އުވިގެންދާނެއެވެ. އޭގެ ބަދަލުގައި އެލްޖީއޭގެ ބޯޑުން ނިންމައިގެން އަންނާނީ އިދާރާތަކެކެވެ. މި ބަދަލުގެ ސަބަބުން އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަޒީފާގެ ބިރެއް ނެތްއިރު، ރަށު ކައުންސިލްތަކުގެ އިދާރީ ހިންގުން ސީދާ އެލްޖީއޭގެ ބެލުމުގެ ދަށުން ހަރުދަނާ ކުރުމަށް މި ބަދަލު މަގުފަހިކުރާނެއެވެ. އަދި މި ބަދަލަކީ އެއްވެސް ގޮތަކަށް އަތޮޅުތަށް އުވާލުމަށް ގެނެވޭ ބަދަލެއް ނޫންކަމުގެ ސަރުކާރުން ވަނީ ޔަޤީންކަން ދެއްވާފައެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުން ކައުންސިލްތަަކަށްދޭ ބްލޮކް ގްރާންޓްވެސް އިތުރުވާނެއެވެ. އެގޮތުން ބްލޮކް ގްރާންޓް 5 އިންސައްތައިން 10 އިންސައްތައަށް ބޮޑުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ. އަދި ބިން ބޮޑު ރަށްރަށަށް އިސްކަންދޭ ގޮތަށް ބްލޮކް ގްރާންޓް ދިނުމަށް ނިންމެވުމުން ވެސް އަންނަ އަހަރުގެ ބަޖެޓުން ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ވަނީ އިތުރުވެފައެވެ.
ދެން ޤާނޫނުން ގެނެވުނު އެންމެ މުހިންމު އެއް ބަދަލަކީ ރަށު ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމެވެ. މީގެ ކުރިން، އޮންނަ ގޮތުން 3000 އަށް ވުރެ ކުޑަ އާބާދީއަކަށް 5 މެންބަރުން އިންތިޚާބު ކުރަންޖެހޭއިރު، އެއަށް ވުރެ ބޮޑު އާބާދީއަކަށް އިންތިޚާބުކުރަނީ 7 މެންބަރުންނެވެ. ނަމަވެސް މިހާރު ގެނެވުނު ބަދަލުގައި 2000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބު ކުރާނީ 3 ކައުންސިލަރުން ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި އެއަށްވުރެ އާބާދީ ބޮޑު ރަށްރަށުގެ ކައުންސިލަށް އައްޔަން ކުރާނީ 5 ކައުންސިލަރުން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
މި ބަދަލު ގެނައުމުން ވާ އެންމެ ބޮޑު އެއް ފައިދާއަކީ، އިދާރީ ދާއިރާތަށް ހިންގުމުގައި ޚަރަދުތައް ކުޑަވެގެން ދިއުމެވެ. މިހާރު އުފެދައިވާ ކައުންސިލްތަކުން 2 މެންބަރުން މަދުވުމަކީ، އިދާރީ ދާއިރާތަށް ހިންގުމުގައި ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރަކު ކުރާ ޚަރަދު ކުޑަކުރެވޭނެ މުހިންމު ނިންމުމެކެވެ. މީގެއިތުރުން ޚިޔާލު ތަފާތުވުންތަކާއި ކޯޅުންތަކެއްގެ ތެރޭގައި ރައްޔިތުންގެ މުހުތާދު ނުފުއްދި ދިގުލައިގެން ދިއުން މިކަމުން ކުޑަ ކުރެވިގެންދާނެއެވެ.
އަންނަ އަހަރު އެޕްރީލް މަހު ބާއްވާނީ ކައުންސިލްތަކުގެ އިންތިޚާބު އެކަންޏެއް ނޫނެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށްވެސް މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއަންނަ އަހަރު ޤާނޫނުގެ ތެރެއިން އަންނަ އެއް ބަދަލަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ ރައީސާއަކީ ފުލްޓައިމް މަޤާމަކަށް ބަދަލު އިންތިޚާބުވެގެން ދިއުމެވެ. އަދި އެލްޖީއޭ ބޯޑުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީ ތަމްސީލުވެގެންދާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އެޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވަން މިހާރު ނިންމާފައިވާއިރު، މުޅި ނިޒާމަށް މިއަންނަ ބަދަލަކީ ބޮޑު ބަދަލަކަށް ވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާ ހަވާލުވެވަޑައިގަތްފަހުން ދިވެހިރާއްޖޭގެ ލާމަރުކަޒީ ނިޒާމުގައި ހުރި އުނި ކަންކަން އިޞްލާޙުކޮށް އެ ނިޒާމު ފައްކާކޮށް، ކުރައްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ނަތީޖާއަކަށްވާނީ ރައްޔިތުންގެ މުހުތާދުތައް އަވަހަށް ފުއްދައިދެވޭ ލާމަރުކަޒީ ނިޒާމެއް ޤާއިމުވެ، ރައްޔިތުން ބޭނުންވާ ފަދަ ފޮނި ނަތީޖާތަކެއް ޙާސިލުވުމެވެ.