ޚަބަރު

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި


  • މިހާތަނަށް ޤަވާއިދާ ޚިލާފަށް ހިންގި 35 ތަނެއް ބަލާފައިވޭ

  • މިތަންތަން ބަންދުކުރީ، ހުއްދަ ނުނަގާ ވިޔަފާރި ކުރުމާއި ދުންފަތުގެ ޤާނޫނާއި ޚިލާފުވެގެން

  • ދިވެހިން ނިވާފަތްގަނޑަކަށް ބޭނުން ކުރާ ވިޔަފާރިތަށް ދެނެގަތުމަށް ދަނީ ތަހުޤީޤު ކުރަމުން

ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން މިހާތަނަށް 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ. މިއީ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާއާއި، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާ އަދި ސަރުކާރުގެ ތަންފީޒީ އިދާރާތައް ކަމުގައިވާ ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ޓާސްކްފޯސް އެކުލަވާލައި މަސައްކަތް ފަށާފައިވާއިރު، މިހާތަނަށް ބިދޭސީންގެ ޤަވާއިދާ ޚިލާފަށް ހިންގަމުންދާ ވިޔަފާރިތަކާއި ގުޅޭ 125 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށް އިޤްތީޞާދީ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިމައްސަލަތަކުގައި މިހާތަނަށް 35 ތަނެއް ބަލައި 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ވުޒާރާއިން ވިދާޅުވިއެވެ.

މީގެ ތެރޭގައި ހިމެނެނީ؛

* 20 ކެފޭ
* 12 ރީޓެއިލް ފިހާރަ
* 2 ގަރާޖް
* 1 ގެސްޓް ހައުސް

މި ވިޔަފާރިތަށް ބަންދު ކުރުމަށް އިޤްތިޞާދީ ވުޒާރާއިން ނޯޓިސް ދިން ސަބަބުތައްވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ވިޔަފާރި ކުރުމުގެ ހުއްދަ ނެތުމާއި، ދުންފަތުގެ ބާވަތްތައް ވިއްކުމުގެ ހުއްދަ ނެތުން ހިމެނެއެވެ. މީގެ އިތުރުން ދިވެހިން ނިވާފަތްގަނޑަކަށް ހަދައި، ބިދޭސީން ހިންގާ ވިޔަފާރިތަށް ދެނެގަތުމަށް ތަހުޤީޤީ އިދާރާތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

މިފަދަ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުންދާއިރު، އިޤްތިޞާދީ ވުޒާރާއިން ވަނީ ރިޕޯޓު ކުރުމުގައި ފުރިހަމަ އަދި ސައްޚަ މައުލޫމާތު ފޯރުކޮށްދިނުމަށް ޢިލްތިމާސްކޮށްފައެވެ. މިކަމުގައި މިހާތަނަށް އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް އެވުޒާރާއިން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެ ވުޒާރާއިން ވަނީ، އެ ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރި ކުރާ ފަރާތްތައް ފާހަގަވާނަމަ ރިޕޯޓް ކުރުމަށް ޢިލްތިމާސްކޮށްފައެވެ. އެގޮތުން އެ ވުޒާރާގެ ވެބްސައިޓް (https://trade.gov.mv/report-business-dv) މެދުވެރިކޮށް، ރިޕޯރޓް ކުރުމަށް ވަނީ އެދިފައެވެ. މީގެ އިތުރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 އާއި ރޭގަނޑު 8:00 އާ ދެމެދު އެ ވުޒާރާގެ ހޮޓްލައިން ނަންބަރު 3333199 އަށް ރިޕޯޓް ކުރެވޭނެ ކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މައްސަލަތައް އިމިގްރޭޝަން ވޮޗްއަށްވެސް ރިޕޯޓު ކުރެވޭނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުންދާކަން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވަނީ، ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުން މަނާ ދާއިރާތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. އެ ލިސްޓުގައި 34 ދާއިރާއެއް ހިމަނާފައިވެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނެެއްގައި ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ބިދޭސީން ހަރަކާތްތެރިވާ 2 ގޮތެއް އެ ވުޒާރާއަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތަކާއި، ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވަމުން އަންނަ ބިދޭސީ ވިޔަފާރިތައް ފާހަގަވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.