ޚަބަރު

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ "މީޑިއާ މައުރަޒު 2025" ފަށައިފި


  • މި މައުރަޒު މިއަދާއި މާދަމާ އޮންނާނެ

  • ވުޒާރާގެ އެކި ސެކްޝަންތަކުގެ މަސައްކަތްތައް އެއްތަނަކުން ތަޖުރިބާކުރެވޭނެ

  • ޒުވާން ޚަތީބުންގެ 5 ވަނަ ބުރަށް ނަންނޯޓު ކުރެވޭނެ

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ މީޑިއާ މައުރަޒު 2025 ފަށައިފިއެވެ. މި މީޑިއާ މައުރަޒު ހުޅުވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްލާމިކް ސްޓޫޑިއޯއިން ވުޒާރާގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މި މައުރަޒަކީ އެ ވުޒާރާއިން ހާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިންމު މަސައްކަތްތަކާއި، ވުޒާރާގެ ވަކިވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ. މިއީ މިފަދަ 2 ވަނަ މައުރަޒެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އެ ވުޒާރާއިން ފާއިތުވެދިޔަ 2 އަހަރުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކޮށްފައިވާކަމަށެވެ. ކުރާ މަސައްކަތްތަކަކީ މުޖްތަމައުއަށް ފެންނަންޖެހޭނެ ފޯރަންޖެހޭނެ ކަންތައްތަކެއްކަމަށާއި މީޑިއާ މައުރަޒުގެ ބޭނުމަކީ އެއީކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިނިސްޓްރީގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ހަޤީގަތުގައިވެސް ވަރަށް މުހިންމު ކަމެއް. ވޭތުވެދިޔަ 2 އަހަރު ދުވަހުގެ ތެރޭގައި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މި ވުޒާރާއިން ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ހިދާޔަތާއި އިސްލާމީ ނޫރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮއްފައި." ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

މި މައުރަޒުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ 9 ސެކްޝަންއަކުން ފާއިތުވި 2 އަހަރުގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ވަނީ ދައްކާލާފައެވެ. މި މައުރަޒު އާންމުންނަށް ވަނީ ހުޅުވާލާފައެވެ. މައުރަޒު ހުޅުވާފައި ހުންނާނީ ހުކުރު ދުވަހުގެ ހަވީރު 4 އިން ހަވީރު 6 އަކަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 10 އަކުން ހަވީރު 6 އަކަށެވެ.

މި މައުރަޒުގެ ތެރެއިން ޒުވާން ޚަތީބުންގެ 5 ވަނަ ބުރަށް ނަން ނޯޓުކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ. 5 ވަނަ ބުރު އޮންނާނީ އަންނަ އަހަރުއެވެ. އަދި ޝެއިހުންނާއި ވަގުތުން ސުވާލުކުރުމުގެ ފުރުޞަތުވެސް މައުރަޒަށް ވަޑައިގަންނަވާ ފަރާތްތަކަށް ވަނީ ހުޅުވާލާފައެވެ.

2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާންމުން ޒިޔާރަތްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.