ތަރައްްޤީ

ކަރުދާސް ރީސައިކަލް ކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި


ބޭނުންކޮށްފައިވާ ކަރުދާސް އަލުން ބޭނުންކުރުމުގެ އެއްބަސްވުމެއްގައި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއާއި، އެމް.ސެވަން އެންޓަރޕްރައިޒަސް ޕްރައިވެޓް ލިމިޓެޑުން ސޮއިކޮށްފިއެވެ. މި އެމްއޯޔޫގައި ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފުޢާދ އަދި އެމް ސެވަން އެންޓަރޕްރައިޒެޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުއްސައްތާރެވެ. މި އެމްއޯޔޫއާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފުޢާދު ވިދާޅުވީ، ރީސައިކަލް ކުރުމަކީ ދުނިޔޭގެ އެކި ޤައުމުތަކުގައިވެސް ކުނި މެނޭޖްކުރުމުގައި އާއްމުގޮތެއްގައި ކޮށްއުޅޭ ކަމެއްކަމަށާއި، މިއީ ރީސައިކަލްކުރުމާއި ގުޅޭގޮތުން ރާއްޖޭގެ ކުންފުނިތަކާއި، އާއްމުން ހޭލުންތެރިކުރުވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ކުނީގެ ގޮތުގައި އުފެދޭ ކަރުދާސް ރާއްޖޭން ބޭރަށް އެކްސްޕޯޓްކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިކޮންސެޕްޓްގެ ތެރެއިން އަޅުގަނޑުމެން މަސައްކަތް ކުރާނީ ޕޭޕަރ ރީސައިކަލް ކުރުމަށްޓަކައި، ރާއްޖޭން ބޭރަށް ޕޭޕަރ އެކްސްޕޯޓް ކުރުމަށް. އެގޮތުން އަޅުގަނޑުމެން ތިލަފުށީގައި ޕޭޕަރ ސްޓޯރކުރުމަށްފަހު ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރުމަށް ޕާޓްނަރޝިޕް ހެދުމުގެ މަޝްވަރާތައް ކުރަމުން މިހާރު މިދަނީ" ފުޢާދު ވިދާޅުވިއެވެ." ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހީމް ފުޢާދު ވިދާޅުވިއެވެ.

ފުޢާދު ވިދާޅުވީ، ކުނި ނައްތާލުމުގައި އެކުންފުނިން ބޮޑަށް ބާރު އަޅާނީ “3R” ނުވަތަ ރިޑިއުސް، ރީޔޫސް އަދި ރީސައިކަލް މި ތިން ޝިޢާރް ޕްރޮމޯޓްކުރުމަށް ކަމަށެވެ. އަދި މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ނިމުމާއެކު، އެޑިއުކޭޝަން މިނިސްޓްރީގެ އެހީތެރިކަމާއެކު، ސްކޫލްތަކާއި ގުޅިގެން ދަރިވަރުން ބޭނުންކޮށްފައިހުރި ޓެކްސްޓް ފޮތްތަކުގެ ތެރެއިން ރީސައިކަލްކޮށްގެން، ޓެކްސްޓް ފޮތްތައް އަލުން ބޭނުންކުރުމުގެ ޚާއްސަ ހަރަކާތެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް ފުޢާދު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ވިސްނުން މިހުރީ މިއަހަރުގެ ދިރާސީ އަހަރު ނިމިގެން ސްކޫލްތަކުން އުކަލާވެހޭ ހުރިހާ ފޮތްތަކެއް، ސްކޫލްތައް މެދުވެރިކޮށް ކަލެކްޓްކޮށް، އެ ރީސައިކަލް ކުރެވޭނެ އެއްޗެއްސަށް ހެދުން" ފުޢާދު ވިދާޅުވިއެވެ.

 ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ބުނީ ބޭނުންކޮށްފައިވާ ކަރުދާސް އަލުން ބޭނުންކުރުމުގެ ފަހުމުނާމާއެއްގައި އެމް ސެވަން އެންޓަރޕްރައިޒެސް ޕްރައިވެޓް ލިމިޓެޑާއެކު އެކުންފުނިން ސޮއިކުރެވިނަމަވެސް، މި ޙަރަކާތުގައި ބައިވެރިވުމުގެ ފުރުޞަތު އާއްމުކޮށް ހުރިހާ ފަރާތްތަކަކަށްވެސް ހުޅުވާލާފައިވާކަމަށެވެ. އަދި ދަޢުލަތުގެ މުއައްސަސާތަކާއި، އޮފީސްތަކާއި، ވިޔަފާރިވެރިންނާއި، އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުން، މި ޙަރަކާތުގައި ބައިވެރިވުމަށް ވެމްކޯއިން މަރުޙަބާކިޔާކަމަށް އެކުންފުނިން ބުނެއެވެ.