ޚަބަރު

48 ގަޑިއިރުތެރޭ ފައިސާ ދޫކުރަންފެށިތާ އަހަރެއް، 900 މިލިޔަން ރުފިޔާ ދޫކޮށްފި


  • މިމަހުގެ 8ވަނަ ދުވަހާއި ހަމައަށް 900،322،300 ރުފިޔާ ދޫކުރި

  • އެންމެ ގިނައިން ފައިސާ ދޫކޮށްފައިވަނީ ފެބުރުއަރީ މަހު

މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރިންނާއި އަދި މިސިނާޢަތުގައި ހަރަކާތްތެރިވާ މަސްވެރި ޢާއިލާތަކުގެ އަބަދުވެސް އޮންނަ އެއް ކަންބޮޑުވުމަކީ ބާނާ މަހަށް ޤަވާއިދުން ފައިސާ ނުލިބުމެވެ. މަސްވެރިންނަށް ޤަވާއިދުން ފައިސާ ލިބުމުގެ ދަތިކަމާއެކު، މީގެ ކުރީގެ ސަރުކާރުތަކުން ގެންގުޅެފައިވާ ސިޔާސަތުތަކުގެ ސަބަބުން މަސްވެރިކަމަށް ނިކުންނަ ދިވެހިންގެ އަދަދު ދިޔައީ ދަށްވަމުންނެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވިއިރު، މަސްވެރިން މަސް ކިރުވުމަށްފަހު މިފްކޯއިން ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުލިބޭތާ އެތައް ދުވަހެއްވަނީ ވެފައެވެ. ނުލިބިހުރި ފައިސާގެ އަދަދު 250 މިލިޔަނެއްހާ ރުފިޔާއަށް އަރައެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ ކެމްޕެއިންގެ ދުވަސްވަރު މަހުގެ އަގު ކިލޯއެއް 25 ރުފިޔާއަށް އޭރުގެ ސަރުކާރުން ބޮޑުކުރުމެވެ. އެކަންވީ މިފްކޯއަށް ތަހައްމަލު ކުރަން އުނދަގޫވި ރިހުމަކަށެވެ. މިފްކޯ ގެއްލުމުގައި ހިންގަމުންދާއިރު، އެ އަގުގައި މަސްގަތުން ވެގެންދިޔައީ ދައުލަތަށް އުފުލަން ޖެހުނު އިތުރު ބުރައަކަށެވެ.

ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ ކުރެއްވި މަސައްކަތުން 250 މިލިޔަން ރުފިޔާގެ ބެކްލޮގް އެއްކޮށް ދައްކާ ޚަލާސްކުރިއެވެ. އަދި މަސް ކިރާ ވަގުތުން ފެށިގެން އެންމެ ލަސްވެގެން 48 ގަޑިއިރުގެ ތެރޭގައި މަސްވެރިޔާއަށް ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެއްސިއެވެ. ސަރުކާރު ބަންދެއް، ހުކުރެއް ހޮނިހިރެއް ނެތި ކޮންމެ ދުވަހަކުވެސް މަސްވެރިންނަށް ފައިސާ ބަރާބަރށް ދޫކުރެވެން ފެށުނުއެވެ.

މިދިޔަ އަަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިން ބާނާ މަހަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފެށުނުއެވެ. އަދި އެދުވަހުން ފެށިގެން މިހާތަނަށް މަސްވެރިން ކިރުވި 58،510 ޓަނުގެ މަހަށް މުޅި ޖުމްލަ 900،322،300 ރުފިޔާ ވަނީ ދޫކޮށްފައެވެ.

މަސްވެރިންނަށް ދޫކޮށްފައިވާ ފައިސާތަކުގެ ތަފްސީލު:

* 2024 ޑިސެމްބަރު 10 - 31 އާއި ހަމައަށް 41،560،475 ރުފިޔާ
* 2025 ޖަނަވަރީ: 119،288،592 ރުފިޔާ
* 2025 ފެބުރުއަރީ: 138،960،574 ރުފިޔާ
* 2025 މާރިޗު: 87،423،612 ރުފިޔާ
* 2025 އޭޕްރީލް: 101،072،638 ރުފިޔާ
* 2025 މެއި: 103،471،679 ރުފިޔާ
* 2025 ޖޫން: 58،167،727 ރުފިޔާ
* 2025 ޖުލައި: 62،190،088 ރުފިޔާ
* 2025 އޮގަސްޓް: 46،340،649 ރުފިޔާ
* 2025 ސެޕްޓެމްބަރ: 39،319،615 ރުފިޔާ
* 2025 އޮކްޓޯބަރ: 31،291،861 ރުފިޔާ
* 2025 ނޮވެމްބަރ: 39،592،359 ރުފިޔާ
* 2025 ޑިސެމްބަރ 8ވަނަ ދުވަހާއި ހަމައަށް: 31,642,431 ރުފިޔާ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް އިތުރަށް ކުރިއެރުވުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތެކެވެ. މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާޢަތަކަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ.