ތަރައްްޤީ

ތިނަދޫގައި ފެންބޮޑުވުން ހައްލުކުރަން އެމްއާރުޑީސީއާ ހަވާލުކޮށްފި


ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ އުފެދިފައި އޮންނަ ގޮތުން ރަށުގެ މެދު އޮންނަނީ އުސްކޮށް، ހަތަރު ފަރާތަށް ފެންފަހިވާ ގޮތަށެވެ. ހަމައެހެންމެ އެކިފަހަރުމަތިން ރަށުގެ އެކި ސަރަޙައްދުތައް ހިއްކަވާފައިވުމާއެކު، ޚާއްޞަކޮށް ރަށުގެ ދެކުނު ފަރާތު ޗަސްބިން އޮތް ސަރަހައްދު ހިއްކެވުމާ ގުޅިގެން އެސަރަޙައްދު އޮންނަނީ އެހެން ސަރަޙައްދުތަކަށްވުރެ ތިރިކޮށެވެ. ވިއްސާރަ މޫސުމުގައި، އެ ސަރަޙައްދާއި ރަށުގެ ބައެއް އެހެން ސަރަޙައްދުތައް، އަދި ޚާއްޞަކޮށް މަގުތަކުގައި ފެން ބޮޑުވުމަކީ، ތިނަދުއަށް ދިމާވެފައިވާ ވަރަށް ބޮޑު މައްސަލައެއްގެ ކައުންސިލުން ފާހަގަކުރައްވައެވެ. މިމައްސަލަ އިތުރަށް ބޮޑުވެފައިވަނީ، ތިނަދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން ބޮޑެތި މަގުތައް ތާރުއަޅައިގެން ރަނގަޅު ފެންވަރަކަށް ހަދަން ފެށިހިސާބުންނެވެ. އެގޮތުން ފަހަކަށްއައިސް ވާރޭވެހިއްޖެނަމަ ރަށުގެ ވެލިމަގުތަކުގައި ދާދި އަވަހަށް ފެންބޮޑުވާގޮތް ދިމާވެއެވެ. މިކަމުގެ ސަބަބުން މިހާރު ތާރުއަޅާފައިވާ މަގުތަކުގައި ނޫނީ ހިނގާބިނގާވެ އުޅުމަށާއި، ވެހިކަލްތައް ދުއްވުންވެސް ވަނީ އުނދަގޫކަމަކަށްވެގެން ގޮސްފައެވެ.

img:http://s4.psmnews.mv/images/660x400/14628036241641.jpg|ތިނަދޫ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ހައުސިންގ މިނިސްޓްރީ

މިކަމަށް ޙައްލެއް ހޯއްދެވުމުގެ މަޝްވަރާތަކެއް ކަމާ ގުޅުހުންހުރި މުއްސަސާތަކުގެ މެދުގައި ކުރެއްވުމަށްފަހު ސަރުކާރުން މިވަނީ ތިނަދޫގެ މަގުތަކާއި، އެކި ހިސާބުތަކުގައި ފެންބޮޑުވާ މައްސަލަ ހައްލުކުރެއްވުމަށް، ބިޔަ މަޝްރޫޢެއް ހިންގެވުމަށް ނިންމަވައި، އެ މަސައްކަތް ކޮންޓްރެކްޓް އުޞޫލުން މޯލްޑިވްސް ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން "އެމް.އާރު.ޑީ.ސީއާ ހަވާލުކުރައްވާފައެވެ. މިމަޝްރޫޢުގެ ދަށުން ސައިޑް ވޯކްސްތަކުގެ ދަށުގައި އަކުއާ ސެލްތަކެއް އިންސްޓޯލްކުރައްވާނެއެވެ. އަދި ވިއްސާރަ މޫސުމުގައި ވެހޭ ވާރޭ ފެނުގެ 2000 ކޮޑި މީޓަރު އެ ސެލްތަކުން ރައްކާކުރެވޭނެކަމަށާއި، މިފެން ބިމުގެ ފެން ފަށަލައަށް ފޭދުމުން ރަށުގެ ފެންފަށަލަ ދެމެހެއްޓެނިވިގޮތަކަށް އިއާދަކުރުމަށް މަގުފަހިވާނެކަމަށް އެންވަޔަރަންމްޓް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މިމަޝްރޫޢު ފަރުމާކުރެވިފައިވާގޮތުން، ވާރޭވެހެމުންދާއިރު، މިސެލްތައް ފުރުމުން އިތުރުވާ ފެންތައް ޕަންޕްގެ ނިޒާމެއްގެ ދަށުން ރަށުން ބޭރުކުރެވިގެންދާނެއެވެ.

img:http://s4.psmnews.mv/images/660x400/14727171552808.jpg|ސްޓޯމްވޯޓަރ މެނޭޖްމަންޓް ޕްރޮޖެކްޓްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

37 މިލިޔަން ނުވަސަތޭކަ ފަންސަވީސް ހާސް ހަތްސަތޭކައަށްވުރެ ގިނަ ރުފިޔާގެ މި މަޝްރޫއު އެންވަޔަރަންމަންޓް މިނިސްޓްރީން އެމްއާރުޑީސީއާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރަންމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަކީ ކުރީއްސުރެ ތިނަދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެއްކަމަށާއި، މަޝްރޫއު ނިމިގެންދާއިރު، ފެންބޮޑުވުމުގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެކަމަށެވެ. އަދި މަސަކަތުގެ ކޮންޓްރެކްޓަރ އެމްއާރުޑީސީން ވީއެންމެ އަވަހަށް މަޝްރޫޢުގެ މަސައްކަތް ނިންމެވުމަށް މަސަކަތްކުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ސަރުކާރުން ހިންގަވާ މިފަދަ މުހިންމު މަޝްރޫޢުތަކަށް ރައްޔިތުންނާއި ކައުންސިލްތަކުން ފުރިހަމަ އެއްބާރުލެއްވުން ދެއްވުމަށް އެންވަޔަރަންމަންޓް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. މިމަޝްރޫއުގެ މަސަކަތް ނިންމެވުމަށް ހަމަޖެހިފައިވަނީ، 8 މަސްދުވަހުގެ ތެރޭގައެވެ.